މެމްބަރު ނަޝީދަކީ، އިންވެސްޓަރުންނަށް ވަރަށް ބޮޑު ބިރެއް: ޕްރެސް ސެކްރެޓަރީ

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދަކީ، ރާއްޖޭގައި އިންވެސްޓް ކުރަން އަންނަ ބޭރުގެ މީހުންނަށް ހުރި "ވަރަށް ބޮޑު ބިރެއް" ކަމަށް ރައީސް އޮފީހުން ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޒުހައިރު ވިދާޅުވީ، ނަޝީދު އަމަލު ކުރައްވާ ގޮތުގެ ސަބަބުން 400 މިލިއަނާ ކައިރި އަދަދަކަށް ދައުލަތަށް ގެއްލުން ވަމުންދާ ކަމަށެވެ. "އެ ގެއްލިގެންދާ ދިއުމުގައި އެ މަނިކުފާނަށް ފާހަގައެއް ނުކުރެއްވޭ، އެ މަނިކުފާނު ހިމެނިވަޑައިގަންނަވާ ދާއިރާ، ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ދައުލަތުން އެއަށް ވުރެ ބޮޑު ހަރަދުތަކެއް އެބަ ކުރައްވާ ކަމާއި އެކަންކަން،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ. ނަޝީދަށް އިޝާރާތް ކުރައްވައި ޒުހައިރު އެ ގޮތަށް ވާހަކަ ދެއްކެވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރު ނަގަން ނިންމުމުން، އެކަން އެ ގޮތަށް ނުކުރެވޭ ގޮތަށް ކަމާއި ބެހޭ ގާނޫނަށް އިސްލާހު ގެންނެވުމަށް ނަޝީދު ހުށަހަޅުއްވާފައިވާތީ އެވެ. އަދި ނަޝީދު ގެންދަވަނީ ގާނޫނީ ގޮތުން އެކަން އެ ގޮތަށް ޖީއެމްއާރަށް ނުކުރެވޭނެ ކަމަށް ވާހަކަ ދައްކަވަމުންނެވެ. މިއަދުގެ ނިއުސް ކޮންފަރެންސްގައި ޕްރެސް ސެކްރެޓަރީ ބޮޑަށް ބަހުގެ ހަމަލަތައް ދެއްވީ މީޑިއާތަކަށެވެ. އެ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަތައް ފަތުރާ މީޑިއާތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ