ކުޑަ ކުދިންނާއި ގުޅުން ހުރި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ދައުވާ ކުރަން ކޯޓަށް ފޮނުވަމުންދާ ދިއުން ލަސްވަމުންދާތީ ޖުވެނައިލް ކޯޓުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާ ޒައީމާ ނަޝީދު އަބޫބަކުރު ވިދާޅުވީ ބައެއް މައްސަލަތައް ކޯޓަށް ހުށަހެޅުން ލަސްވުމުގެ ސަބަބުން ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާ ތަހުގީގުކޮށް އިންސާފުކޮށް އަދަބު ދިނުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކޯޓުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަކޮށް ދިނުމަށް ހުރަސް އެޅެމުންދާ ކަމަށެވެ.
" ކުޑަ ކުދިންގެ މައްސަލަތަކާއި ބޮޑެތި މީހުންގެ މައްސަލަތައް ތަފާތު، ތަހުގީގު ކުރެވޭ ގޮތް ވެސް ހުކުމް ކުރެވޭ ގޮތް ވެސް. މިކުދިންނަކީ މުޖުތަމައަށް އަނބުރާ ގެންނަން ޖެހޭ ބައެއް. އެކަމަކު ދައުވާ ކުރުން ލަސްވުމުގެ ސަބަބުން ގަވާއިދުގެ ދަށުން ދޭން ލާޒިމު ކުރާ ކައުންސިލިންގެ އިތުރުން ކަރެކްޝަނަލް ފެސިލިޓީގައި ވެސް ނުބެހެއްޓޭ. އެއީ 18 އަހަރު ފުރުމަށްފަހު އެގަވާއިދުގެ ދަށުން ހުންނަ ކަންކަން ފޯރުކޮށެއް ނުދެވޭނެ. ޖަލަށް ގޮއްސަ އެނބުރި މުޖުތަމައަށް އަންނަނީ އަނެއްކާ ވެސް އެއަށް ވުރެ ބޮޑު ކުށްވެރިއެއްގެ ގޮތުގައި" ޒައީމާ ވިދާޅުވިއެވެ.
" ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާ ތަހުގީގުކޮށް އިންސާފުކޮށް އަދަބު ދިނުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު 3 ވަނަ މާއްދާގައި ބުނެފައި އޮވޭ އަވަސް މައްސަލަތަކެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށް. އެކަމަކު އެހެނެއް ނުވޭ ދެއްތޯ. ގާތްގަނޑަކަށް ތިންބައި ކުޅަ އެއްބައި މައްސަލަތައް މިހުންނަނީ ލަހުން ފޮނިވިފަ. މިހާރު އަޅުގަނޑުމެން އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ނަމަ އެބަ ހޯދަން އެމައްސަލައެއް ލަސްވި ސަބަބު އެހެންނޫން ނަމަ އަނބުރާ ފޮނުވާލަނީ. އަޅުގަނޑުމެން ޖެހޭ މިތަނަށް ހާޒިރުވީމާ އެފަރާތްތަކަށް ޖަވާބުދޭން، ކީއްވެކަން މައްސަލަ ކޯޓުން ބަލަން އެހާ ލަސްވީ." ޒައީމާ ވިދާޅުވިއެވެ.
ޒައީމާ ވިދާޅުވީ ހާދިސާ ހިނގާތާ އެއްއަހަރު ދުވަހަށް ވުރެ ލަހުން ކޯޓަށް އެމައްސަލައެއް ހުށަހަޅާނަމަ ލަސްވި ސަބަބުން ލިޔުމުން މިހާރު ހޯދަމުންދާ ކަމަށައި އޭގެ ސަބަބުން މައްސަލަތައް ހުށަހަޅާލެއް އަވަސްވެފައިވާ ކަން ވެސް ފާހަގަ ކުރެވޭ ކަމަށެވެ.
"ޖުވެނައިލް ކޯޓުގައި ނޯންނާނެ މިހާރު ވެސް ތާވަލުކޮށްފައި ނެތް މައްސަލައެއް. އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައި ހުންނާނީ ހަމަ އެކަނި ޑްރަގުގެ މައްސަލަތަކުގައި. އެމައްސަލަތައް ވެސް ލަސްވެގެން ގޮސްފައިވަނީ ޑްރަގާއި ބެހޭ ގާނޫނު ވުޖޫދަށް އައުމައި ގުޅިގެން އެފަދަ މައްސަލަތައް ބެލުން މަޑު ޖައްސާލަން ޖެހުނީ ވަކި މުއްދަތަކަށް." ޒައީމާ ވިދާޅުވިއެވެ.
ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާ ތަހުގީގުކޮށް އިންސާފުކޮށް އަދަބު ދިނުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ ށ ގައި ބުނެފައިވަނީ ކުޑަކުދިން ކުރާ ކުށްތަކަށް ހުކުމް ކުރާ އިރު ކުށުގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު ހުކުމުގެ މުއްދަތަށް ރިހެބިލިޓޭޝަން ސެންޓަރެއްގައި ބެހެއްޓުމަށް ހުކުމް ކުރެވިދާނެއެވެ. ނޫންނަމަ އެގަވާއިދުގެ 19 ވަނަ މައްދާގައި ބުނެފައިވާ ފަދަ ތަމްރީނު ޕްރޮގުރާމެއްގައި ބައިވެރިވުމަށް ގޭގައި ބަންދު ކުރެވިދާނެ ކަމަށެވެ.
ކުޑަ ކުދިންގެ މައްސަލަތައް ކޯޓަށް ހުށަހެޅުން ލަސްވާތީ ޖުވެނައިލް ކޯޓުން ކަންބޮޑުވުން ފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ