އަލީ އުމަރު: ކާމިޔާބު ހޯދަން ބުރަ މަސައްކަތްތަކެއް ކުރި ކުޅުންތެރިއެއް

އެއީ 1999 ވަނަ އަހަރުގެ އެފްއޭ ކަޕުގެ ފައިނަލުގެ ރީޕްލޭ މެޗެވެ. ވެލެންސިއާ އާއި ނިއު ރޭޑިއަންޓް ކުޅުނު ފުރަތަމަ މެޗު 2-2 އިން އެއްވަރުވުމުން ކުޅުނު ދެ ވަނަ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ، ތެރޭ ވެލެންސިއާ މޮޅުވީ ޒުވާން ފޯވާޑް އަލީ އުމަރު (އައްޔަ) ޖެހި ރަން ގޯލުންނެވެ. އެ ގޯލާ އެކު އައްޔަ ދޫންޏެއް ފިޔަޖަހާފައި އުދުހި ދާގޮތަށް، ދުވެފައި އެރީ މަޖީދީމަގާވީ ކޮޅުގެ ސިޑިބަރި އަށެވެ. އެ ދުވަހު އައްޔަ 'އުދުހިފައި' ދިޔަ ގޮތަށް، ފަސް އެނބުރި ބަލައިފައެއް ނުވެ އެވެ. ސޯޅަ އަހަރުގެ ކެރިއަރު މިދިޔަ އަހަރުގެ ސީޒަނަށް ފަހު ނިންމާލީ ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި، ކާމިޔާބު އަދި ނަމޫނާ އެއް ކުޅުންތެރިޔާގެ ގޮތުގަ އެވެ. ޔޫތު ސްޕޯޓްސް އިން 1997 ވަނަ އަހަރު ކެރިއަރު ފަށައި 1998 ވަނަ އަހަރު ވެލެންސިއާ އަށް ބަދަލުވެ އެ ކްލަބާ އެކު ގިނަ މުބާރާތްތަކެއް ކާމިޔާބުކުރި އެވެ. އޭގެ ފަހުން އައިއެފްސީ އަށް ކުޅުމަށް ފަހު ނިއު އަށް ބަދަލުވެ އެ ކްލަބަށް ފުރަތަމަ ފަހަރަށް ދިވެހި ލީގު ކާމިޔާބުކޮށްދިނެވެ. އޭގެ ފަހުން ވީބީއާ ގުޅި އެ ކްލަބާ އެކު ގިނަގުނަ ކާމިޔާބުތަކެއް ހޯދުމަށް ފަހު އެނބުރި ނިއު އަށް އައިސް މިދިޔަ ސީޒަނުގެ ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި އެވެ. ގައުމީ ޓީމާ އެކު 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު ހަވީރުގެ ރަންބޫޓް 2000 ވަނަ އަހަރު އަދި ހަވީރުން ހޮވާ މޮޅު ކުޅުންތެރިޔާގެ މަގާމް 2006 ވަނަ އަހަރު ހޯދި އެވެ. އޭނާއާ މެދު ކޯޗުންނާއި ކުޅުންތެރިންނާއި މެނޭޖަރުންނާއި ނޫސްވެރިން އަދި ސަޕޯޓަރުން ވެސް ދައްކަން ހުރީ ރަނގަޅު ވާހަކަތެކެވެ. އޭނާގެ އެންމެ ޒުވާން ދުވަސްވަރު ވެލެންސިއާގައި ކޯޗުކޮށްދިން ހަންގޭރީގެ ލާސްލޯ ކިސް ސިފަކުރި ގޮތުގައި ބުރަކޮށް މަސައްކަތްކުރުމަށާއި ޓީމު ލީޑުކުރަން އައްޔަގެ ހިތުގައި އޮތީ މާބޮޑު ލޯތްބެއް ކަމަށާއި އޭގެ ސަބަބުން އޭނާ ވެގެންދިޔައީ ފުޓްބޯޅަ ދަނޑުގައި ހުރިހާ ކަމެއް ވެސް ކުރެވޭ ފެންވަރުގެ ކުޅުންތެރިއަކަށް ކަމަށެވެ. "އަހަރެމެން ބޮޑުހީނާ އަށް ޝުކުރުއަދާކުރަން ޖެހޭ އަލީ އުމަރު ފަދަ ހުނަރުވެރި ކުޅުންތެރިއެއް ފާހަގަކޮށް ދިވެހި ފުޓްބޯޅަ އަށް ނެރެދިނީތީ. އޭނާ އަހަރެން ގާތަށް އައީ އެންމެ ޒުވާން އުމުރުގައި އަދި އޭނާގެ ހުނަރު އެންމެ ފައްކާވި ދުވަސްވަރު. އޭރު އޭނާ އަށް ނުކުރެވޭ ކަމެއް ނެތް ބޯޅައާ އެކު. އެހާމެ ހުނަރުވެރި،" ކްލަބު ލެވެލްގައި އައްޔަ އަށް ފުރަތަމަ އިރުޝާދު ދިން ކިސް ބުންޏެވެ. ކިސް ބުނީ އައްޔަގެ ކެރިއަރުގައި ދިވެހިންނަށް އުފާވެރި އެތައް ހިނދުކޮޅުތަކެއް ގެނެސްދީފައިވާ ކަމަށާއި އެކަމަކު 1999 ވަނަ އަހަރުގެ އެފްއޭ ކަޕުގެ ފައިނަލުގައި ނިއު ކޮޅަށް އޭނާ ޖެހި ރަންގޯލުގެ މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށެވެ. "އެއީ އަހަންނަށް ދުވަހަކު ވެސް ހަނދާން ނައްތާލެވޭނެ ވަގުތެއް ނޫން،' ކިސް ބުންޏެވެ. ވެލެންސިއާ އާއި ގައުމީ ޓީމުގައި އައްޔައާ އެކު ކުޅުނު ކެޕްޓަން އައްސަދު އަބްދުލް ގަނީ ބުނީ އައްޔަ އަކީ ލިބިފައިވާ ހުނަރުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފި ކުޅުންތެރިއެއް ކަމަށެވެ. "ހުނަރުގެ ބޭނުންކޮށް އޭނާގެ ފަރާތުން އެތައް ފައިދާތަކެއް ކޮށްދިން ކުޅުންތެރިއެއް އެއީ. ގައުމީ ޓީމަށް ވެސް އެންމެ ބޮޑު ހިދުމަތެއްކުރި އެކަކު އެއީ،" ސާފް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން 2008 ވަނަ އަހަރު ރާއްޖެ ހޯދިއިރު އައްޔައާ އެކު ޓީމުގައި ހިމެނުނު އޭރުގެ ކެޕްޓަން ބުންޏެވެ. އައްސަދު ބުނީ އައްޔަގެ ހުރިހާ ވެސް ކާމިޔާބީއަކީ ޑިސިޕްލިން ހިފެހެއްޓުން ކަމަށާއި އޭނާ އަކީ ނަމޫނާ ކުޅުންތެރިއެއް ކަމަށެވެ. "ފަހުން ދުވަސްވެފައި ހުރިއިރު ވެސް ފެނުނީ ޒުވާން ކުޅުންތެރިންނާ އެކު އެއްކޮށް ކުޅެ އެއް ފެންވަރެއްގައި ހިފެހެއްޓިތަން. އޭގެ ސިއްރަކީ އޭނާގެ ޑިސިޕްލިން،" އަލީ އުމަރާ އެކު އަމީރުއަހުމަދު ސްކޫލް ޓީމުން ވިދާލައި އަދި ފަހުން ޔޫތުން ގަލޮޅު ދަނޑަށް ނުކުތް އައްސަދު ބުންޏެވެ. ވެލެންސިއާގެ ކުރީގެ މެނޭޖަރު އަދި އެ ކްލަބް ހިންގުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި އަހުމަދު މުހައްމަދު (ދޮނާ) ވިދާޅުވީ އައްޔަ އަކީ ނަތީޖާ ނެރެން އަބަދުވެސް މަސައްކަތްކުރާ ކުޅުންތެރިއެއް ކަމަށެވެ. "އޭނާ އަކީ ހުނަރުވެރި މޮޅު ކުޅުންތެރިއަކަށްވެފައި ނަތީޖާ ނެރެން މަސައްކަތްކުރާ އެއްމެންނާ ގުޅިގެން ޕްރެކްޓިހުގައި ބުރަކޮށް މަސައްކަތްކުރި ކުޅުންތެރިއެއް. އަނެއްކާ ކޯޗުގެ އިރުޝާދުތައް ރަނގަޅަށް އަހައި ކޯޗަށް ބަރާބަރަށް އެއްބާރުލުން ދޭނެ އަބަދުވެސް. ކުރުކޮށް ބުނަންޏާ ބުނެވޭނީ ކާމިޔާބު ހޯދަން ބުރަކޮށް މަސައްކަތްކުރި ކުޅުންތެރިއެއް އެއީ،" ދޮނާ ވިދާޅުވި އެވެ. ގައުމީ ޓީމަށް ސާޅީހަކަށް މެޗު ކުޅެދީ 12 ގޯލް ޖަހައިދީފައިވާ އައްޔައާ ބެހޭގޮތުން ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ހުރިހާ މުބާރާތެއް ކަވަރުކޮށްފައިވާ އިންޑިއާގެ ތަޖުރިބާކާރު ނޫސްވެރިޔާ ނޯވީ ކަޕާޑިއާ ބުނީ ޓެކްނިކަލީ ބަލާއިރު އައްޔަ އަކީ ފުރިހަމަ ކުޅުންތެރިއެއް ކަމަށެވެ. "ދުވެލި ބާރު ގޯލާ އެހާމެ ރަށްޓެހި ކުޅުންތެރިއެއް އެއީ. ހުރިހާ ގޮތަކުން ވެސް ބަލާއިރު އޭނާ އަކީ ތަފާތު އަދި ފުރިހަމަ ކުޅުންތެރިއެއް. އަނެއްކާ އޭނާ އަކީ ޓީމު ލީޑްކުރާ ކުޅުންތެރިއެއް. އެއީ އޭނާގެ ކިބައިން ފެނުނު ފާހަގަކޮށްލެވޭ ކަމެއް،" ފަސް ސާފް ޗެމްޕިއަންޝިޕް މުބާރާތެއްގައި ގައުމީ ޓީމަށް ކުޅުނު އައްޔައާ ބެހޭގޮތުން ކަޕާޑިއާ ބުންޏެވެ. އައްޔަ ކުޅުން ހުއްޓާލުމާ އެކު، އޭނާ ނެތުމުގެ ފަޅުކަން ހަމަގައިމު ވެސް ގަލޮޅު ދަނޑުން އިހުސާސްވާނެ އެވެ. ގަލޮޅު ދަނޑުން އެ ގެއްލުނީ އަލިގަދަ ތަރިއެކެވެ. އެކަމަކު އޭނާ ހޯދި ކާމިޔާބީތަކާއި ޖެހި ލަނޑުތަކުގެ މަތިން ދިވެހިން ހަނދާން ނުނެތޭނެ އެވެ. ހާއްސަކޮށް ނިއު އާއި ވެލެންސިއާގެ ސަޕޯޓަރުންނެވެ. އެ ދެ ޓީމަށް އޭނާ ހޯދައިދިން ކާމިޔާބީގެ ބުރަދަން އެހާމެ ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ