ވިޔަފާވެރިންގެ ކަރަންޓް އަގު ބޮޑުކުރީ އާންމު ރައްޔިތުން ނިކަމެތި ކުރަން: ރޮޒައިނާ

އައްޑޫ ވިޔަފާވެރިންގެ ކަރަންޓް އަގު ބޮޑުކުރީ އާންމު ރައްޔިތުން ނިކަމެތިކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އިއްޔެ ވިދާޅުވި އެވެ. ކަރަންޓުގެ އަގަށް ގެނައި ބަދަލާ ގުޅިގެން "އޮޅުވާލި ކަރަންޓް، ފޮރުވާލި ސަބްސިޑީ" ގެ ނަމުގައި ހިތަދޫގައި ބޭއްވި ދެވަނަ މުޒާހަރާގައި ރޮޒައިނާ ވިދާޅުވީ ކަރަންޓަކީ އަސާސީ ހިދުމަތެެއް ކަމަށާއި އެ ހިދުމަތް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބެން ޖެހޭނީ ހަމަހަމަކަމާ އެކުގައި ކަމަށެވެ. އެހެން ނަމަވެސް ސަރުކާގެ އަނިޔާވެރިކަން އިންތިހާ އަށް ގޮސް، އައްޑޫގެ ވިޔަފާރިވެރިން ފެލާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ހުރިހާ ގެއްލުމަކާއި ނިކަމެތި ކަމެއް ލިބޭނީ، އޭނާ ވިދާޅުވި ގޮތުގައި، އާންމު ރައްޔިތުންނަށެވެ. "ވިޔަފާރިތަކުގެ ކަރަންޓް އަގު ބޮޑުކުރީ އާންމު ރައްޔިތު މީހާ އަށް ދަތިކޮށް ނިކަމެތިކޮށްލަން. އެހެން ނަމަވެސް ކަރަންޓްގެ އަގަށް ގެނައި ބަދަލާ ގުޅިގެން އައްޑޫގެ ވިޔަފާވެރިން ތަކެތީގެ އަގު ބޮޑުކޮށް ރައްޔިތުންނަށް ބުރަ ޖެއްސުމުގެ ބަދަލުގައި މިކަމާ ދެކޮޅަށް ނުކުތް ކަމަށްޓަކައި ޝުކުރު ދަންނަވަން،" ރޮޒައިނާ ވިދާޅުވި އެވެ. ކަރަންޓަކީ އަސާސީ ހައްގެއް. އޭގެން ރައްޔިތުންނަށް މަޖުބޫރުކޮށްގެން ފައިދާ ނަގަން ސަރުކާރުން މަސައްކަތެއް ނުކުރޭ." އައްޑޫގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ވިޔަފާރިތަކަށް ވެސް ކުރިން ސަރުކާރުން ދެމުން ދިޔަ ސަބްސިޑީ މާޗު 1 ގައި ވަނީ ކަނޑާލައިފަ އެވެ. އެހެންކަމުން ކުރިއަށް ވުރެ ކަރަންޓް ބިލް މިހާރު އެތައް ތަނެއް ބޮޑެވެ. ކަރަންޓްގެ މައްސަލާގައި ހިތަދޫގައި އިއްޔެ މުޒާހަރާކުރަނީ --ފޮޓޯ: ޓްވިޓާ އެ ބަދަލާ ގުޅިގެން އައްޑޫ ވިޔަފާވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މާޗް މަހުގެ ބިލް ނުދައްކާނެ ކަމަށް ވެސް ވިޔަފާވެރިން ބުނެ އެވެ. ކަރަންޓުގެ އަގު ބޮޑުކުރި މައްސަލަ އަށް ހައްލެއް ހޯދައިދޭން ވިޔަފާވެރިން ވަނީ ފެނަަކަ ކޯޕަރޭޝަނަށާއި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ. އައްޑޫ ވިޔަފާވެރިން ވަނީ މިދިޔަ ހުކުރު ދުވަހު އައްޑު އަށް ވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނާ ވެސް އެ ކަންބޮޑުވުން ހިއްސާކޮށްފަ އެވެ. ކަރަންޓްގެ މައްސަލާގައި ހިތަދޫގައި އިއްޔެ މުޒާހަރާކުރަނީ: ކަރަންޓްގެ އަގު ކުޑަ ނުކުރަނީސް މުޒާހަރާ ހުއްޓާ ނުލަން ވިޔަފާވެރިން ވަނީ ނިންމާފައި --ފޮޓޯ: ޓްވިޓާ އެހެން ނަމަވެސް މި ހަފުތާގައި އައްޑު އަށް ވަޑައިގަތް ސަރުކާރުގެ މިނިސްޓަރުންނާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާ، އެ މައްސަލާގައި މަޝްވަރާއަކަށް ދާން އެދުމުން އެކަމަށް އިޖާބަ ދެއްވާފައި ނުވާކަމަށް އައްޑޫގެ ވިޔަފާވެރިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ