މެމްބަރު ހުސެއިން މަނިކުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ރަށެއް ދޫކުރި މައްސަލައެއް ބަލަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކުގެ ހިއްސާ އޮންނަ ހުރަވީ އިންވެސްޓްމަންޓަށް، އެ އަތޮޅު ކަޅުދިޔަފުށި، ރިސޯޓެއް ހަދަން ދޫކުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި ކަޅުދިޔަފުށީގައި ރިސޯޓެއް ހަދަން އެމްއެމްޕީއާރުސީން ދޫކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓްރީ ވެސް ބެލެހެއްޓެވި ދުވަސްވަރުގަ އެވެ. އެ ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހުރަވީގެ ފަރާތުން ސޮއިކުރީ ހުސެއިން މަނިކުގެ އަންހެނުން މަރިޔަމް މަނިކެވެ. އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީން ދޫކުރި ވަރަށް ގިނަ ރަށްތަކުގެ މައްސަލަަ ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަތަކާ ގުޅުން ހުރި މީހުން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މުއައްވިޒު ވިދާޅުވީ އެމްއެމްޕީއާރުސީން ދޫކޮށްފައިވާ ވަކި ވަކި ރަށްރަށާ ބެހޭ މައުލޫމާތު ހާމަކުރައްވާ ގޮތަށް ހަމަޖެހިފައިނުވާ ކަމަށެވެ. ކަޅުދިޔަފުއްޓަކީ، ހުސެއިން މަނިކު ނިސްބަތްވާ ގުރައިދޫ ދާއިރާގައި ހިމެނޭ ގާދިއްފުށި ކައިރީގައި އޮންނަ ކުޑަ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ