އެމްޓީޑީސީ އަށް ދޫކޮށްފައިވާ ނުވަ ރަށުގެ ކުލިން ބޮޑުކޮށްފައިވާ މިންވަރު ދެއްކުން ފަސްކުރުމަށް ކޯޓުން އަމުރުކޮށްފި
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ރިސޯޓް ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީއާ ދެމެދު އެއްބަސްވެގެން ދޫކޮށްފައިވާ ނުވަ ރަށުގެ ކުލިން ބޮޑުކޮށްފައިވާ މިންވަރު ދެއްކުން ފަސްކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ. ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން ޓޫރިޒަމް މިނިސްޓްރީއާ ދެކޮޅަށް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ކުލީގެ އެއްބަސްވުންތަކަކުން ސ. ހެރަތެރެ އާއި، ގއ. ވޮޑަމުލާއި ނ. އެކުޅިވަރު، ބ. ކިހަވަށްހުރަވަޅި، ގއ. ކޮނޑޭމަތީލާބަދޫ، ގދ. މަގުއްދުވާ، ހދ. ނާގޯށި، ދ. އެނބޫދޫ އޮޅުވެލިފުށި، އަދި ހއ. އުލިގަމުގެ ސަރަހައްދެއް އެ ކުންފުންޏަށް ކުއްޔަށް ދީފައި ވަނިކޮށް، އެއިން ކޮންމެ ރަށަކާ ގުޅިގެން ދައްކަން ޖެހޭ ކުލީގެ މިންވަރު ކަނޑައަޅައި ދެ ފަރާތުން އެ މައްޗަށް އެއްބަސްވެ އަގުދުކޮށްފައިވާ ކަމަށެވެ. އެ ދައުވާގައި ބުނެފައި ވަނީ ދައުވާކުރާ ފަރާތުގެ ރުހުންނެތި ކުލީގެ އަދަދަށް ބަދަލު ގެނެސްފައިވާ ކަމަށާއި، އެ ފަރާތުގެ ރުހުމެއް ނެތި ދެ ފަރާތުން ދުރާލައި ކުރިން އެއްބަސްވެފައިވާ ކުއްޔަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. އަދި ގާނޫނެއް އައުމުން އެ މައްޗަށް އެއްބަސްވުން ވެފައިވާ ހަގީގަތެއް ބަދަލުވެއްޖެ ނަމަ އަދި އެގޮތުގެ މަތިން ބަދަލުވާ ހަގީގަތުގެ ސަބަބުން އިތުރު އިލްޒާމެއް އެ ކުންފުނިން އުފުލަން ނުޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެ ދައުވާގައި އެދިފައިވެ އެވެ. އެ ކުންފުނިން ހުށަހެޅި ދައުވާގައި ބުނެފައި ވަނީ އެ ކުންފުނީގެ ރުހުން ނެތި އެ ނުވަ ރަށުގެ ކުލިން ބޮޑުކޮށްފައިވާ މިންވަރު އެމްޓީޑީސީން ސަރުކާރަށް ދައްކަން ޖެހޭ ނަމަ އެކަމުގެ ސަބަބުން އެ ކުންފުންޏަށް އިއާދަނުކުރެވޭވަރުގެ ބޮޑު މާލީ ގެއްލުމެއް ލިބި އެ ކުންފުނީގެ ވިޔަފާރި އަށް ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށެވެ. އެމްޓީޑީސީން އެ މައްސަލައިގެ ވަގުތީ އަމުރަކަށް އެދުމުން ގާޒީ މަރިޔަމް ނިހާޔަތު މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ނެރުއްވި އަމުރުގައި ވަނީ ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެއް ފަރާތުން އެކަން ކުރިން ގެންދިއުމަށް ފުރުސަތު ދެވިފައި އޮތުމަކީ އަދުލުވެރިކަމާ ގާތްގޮތް ކަމުގައި ނުވާނެ ކަމަށެވެ. އަދި އެ މައްސަލައިގެ ހުކުމްކުރަންދެން ނުވަތަ ކޯޓުން ވަކިގޮތެއް ކަނޑައެޅެންދެން އެ ނުވަ ރަށުގެ ކުލީން ބޮޑުކޮށްފައިވާ މިންވަރު ދެއްކުން ފަސްކުރުމަށް ގާޒީ ވަނީ އަމުރުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ