17 އަހަރުގެ ކުއްޖާ އަށް އިންސާފު ހޯދައިދިނުމަށް އެދި ސުޕްރީމް ކޯޓަށް
ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ މ. އެންދެރިމާގެ ކައިރީގައި އެމްޑީޕީން މިދިޔަ މަހުގެ 20 ގައި ބޭއްވި އެއްވުމުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ އަށް އިންސާފު ހޯދައިދިނުން ޝަރުއީ ދާއިރާގެ ތެރެއިން ގެއްލިފައިވާ ކަމަށް ބުނެ އެ ކުއްޖާ އަށް އިންސާފު ހޯދައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ގަސަމް އިއްޔެ ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެންދެރިމާގޭ މަތިން ހޫރާލި ލަކުޑި ބުރިއަކުން ތިނަދޫ، ސެމީ، ހުސެއިން ހަސަނަށް ލިބުނު ޒަހަމްތަކަށް މިހާރު ރާއްޖެ އިން ބޭރުގައި ފަރުވާ ހޯދަމުން ދިޔަ ނަމަވެސް ޝަރުއީ ދާއިރާ މެދުވެރިކޮށް އިންސާފު ހޯދައިދިނުމަށް އޮތް ފުރުސަތު ގެއްލުވާލާފައިވާ ކަމަށެވެ. އަދި ހުސެއިން ހަސަނަށް އިންސާފު ހޯދައިދިނުމުގެ ކަންތައްތައް "ގެއްލުވާލައިފަ" ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ކަމަށް ގަސަމް ވަނީ ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ތުހުމަތު ކުރައްވައިފަ އެވެ. "އަދި އެކަމުގެ ސަބަބުން ހެކި ނައްތާލުމާއި ހެކި ފޮރުމުގެ ފުރުސަތު ވެސް އޭނާ އަށް ]ލަކުޑި ބުރި ހޫރާލި ކަމަށް ތުހުމަތު ކުރެވޭ މުހައްމަދު ޣައްސާން މައުމޫން[ ލިބިގެންދިޔަ ކަމީ، މި މައްސަލަ އަށް އިންސާފު ހޯދުމަށް އޮތް ބޮޑު ހުރަހަކަށް ވާއިރު، އަޅުގަނޑުގެ ރައްޔިތުންނަށް އަދުލު އިންސާފު ހޯއްދަވާ ދެއްވުމަށް ސުޕްރީމް ކޯޓުގެ އެންމެ އިސްފަރާތް ކަމުގައިވާ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހުމަދު ފާއިޒް ހުސެއިނަށް އިލްތިމާސްކޮށް ދަންނަވަމެވެ،" ގަސަމްގެ ސިޓީގައިވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހުސެއިން ހަސަންގެ ގައިގައި ޖެހުނު ލަކުޑި ބުރި ހޫރާލާފައި ވަނީ ޣައްސާނެވެ. އަދި އެ މައްސަލާގައި ފުލުހުން ޣައްސާން ހައްޔަރުކުރި ނަމަވެސް އެ ތަހުގީގު ކްރިމިނަލް ކޯޓުނ ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެ ފަނޑިޔާރެއް މައްޗަށް "އެތައް ޝަކުވާއެއް" ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ކަމަށް ޣަސަމް ވަނީ ވިދާޅުވެފަ އެވެ. އޭނާ އަދި ވިދާޅުވީ ކްރިމިނަލް ކޯޓުން އެ ޝަރީއަތް ހިންގާފައި ވަނީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާ އިން، ކޮންމެ މީހަކަށްމެ ލިބިދޭ ހަމަހަމަކަމާއި ރައްކާތެރިކަމަށް އުނިކަން ލިބޭ ގޮތަށް ކަމަށެވެ. އަދި އެ ޝަރީއަތަށް ހާޒިރުކުރި ބައެއް މީހުންގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރުކޮށްފައިވާ އިރު ޣައްސާންގެ ބަންދުގެ ކަންތައް އެ ގޮތަށް ނުދިޔަކަން ގަސަމް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ