ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ޙަސަން މަނިކާއި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް މުލިއާގޭގައި ރޭ ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުވުމަކީ ކޮން ބޭނުމެއްގައި ބޭއްވުނު އަދި މަޝްވަރާ ކުރެއްވެވީ ކޮން ކަމަކާއި ގުޅޭ ގޮތުން ކަމެއްވެސް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ރައީސް ޑރ.ވަހީދު އާއި ރައީސް މައުމޫން ބައްދަލު ކުރެއްވިކަން އެގިވަޑައި ނުގަންނަވާ ކަމަށެވެ.
އެހެންނަމަވެސް ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން ރޭ ވީ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް ޑރ.ވަހީދާއި ރައީސް މައުމޫން މުލިޔާގޭގައި ބައްދަލު ކުރައްވާފައިވާ ކަމަށާއި، އެހެން ނަމަވެސް މަޝްވަރާ ކުރެއްވެވީ ކޮންކަމަކާއި ގުޅޭގޮތުން ކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
އެދެބޭފުޅުން ބައްދަލު ކުރެއްވުމަކީ ޤައުމަށް ލިބޭ ވަރަށް ބޮޑު ފައިދާއެއް ކަމަށާއި، އެހެން ގައުމުތަކުގެ ވެރިންވެސް އެފަދަ ބައްދަލުވުންތައް ބާއްވަވާ ކަމަށް ނިހާން ވިދާޅުވިއެވެ. އަދި އެފަދަ ބައްދަލުވުންތަކުގައި ކުރީގެ ރައީސް ނަޝީދުވެސް ބައިވެރިވެވަޑައިގަތުމަކީ އެންމެ އެދެވިގެންވާ ކަމެއް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
ރައީސް ޑރ ވަހީދު ރައީސް މައުމޫނާއި ރޭ ބައްދަލު ކުރެއްވީ ރައީސް ޑރ ވަހީދު ޕީޕީއެމްއާއި ގުޅިވަޑައިގެން އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަފާނެ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އަދި އެހެންމެ ކުރީގެ ރައީސް މައުމޫންވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަފާނެ ކަމުގެ އިޝާރާތެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ޑރ.ވަޙީދާއި ކުރީގެ ރައީސް މައުމޫން ރޭ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ