ވަކީލުންގެ އިންތިޚާބުގައި ކޮންމެ ރަށެއްގައި ވޯޓުލެވޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި އަތޮޅު ތެރޭގެ ރަށްރަށުގައި ވޯޓުލެވޭނީ އެ ރަށެއްގައި ވޯޓުލުމަށް މަދުވެގެން ފަސް މީހަކު ރަޖިސްޓްރީ ކުރުމުން ކަމަށް އޮންނަ މާއްދާ ބާތިލްކޮށް، ކޮންމެ ރަށެއްގައި ވެސް ވޯޓު ލެވޭނެ އިންތިޒާމް ހަމަޖައްސަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އެ ކޯޓުން އެގޮތަށް އަމުރު ނެރުނީ އެ އިންތިޚާބު މިމަހު 21 ގައި ބާއްވަން ހަމަޖައްސާފައި ވަނިކޮށެވެ. ބަންޑާރަ ނައިބުގެ އޮފީހުން އިއްޔެ އާންމުކޮށްފައިވާ ގޮތުން މިފަހަރުގެ އިންތިޚާބުގައި އަތޮޅު ތެރޭގައި ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސާނީ 13 ރަށެއްގަ އެވެ. އެ އިންތިޚާބާ ބެހޭ އުސޫލުގެ 11 ވަނަ މާއްދާގެ ހ. ގައިވާ ގޮތުން އަތޮޅު ތެރޭގައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސޭނީ އެރަށެއްގައި ވޯޓުލުމަށް މަދުވެގެން ފަސް ވަކީލަކު ރަޖިސްޓްރީ ކުރުމުންނެވެ. ނަމަވެސް އެ މާއްދާ ބާތިލްކޮށް ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ މަދުވެގެން ފަސް ވަކީލަކު ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް އޮތުމަކީ 2009 ގެ ވަކީލުންގެ އިންތިޚާބާ ގުޅިގެން ހައި ކޯޓުން ކުރި ހުކުމާއި ވަކީލުކަމުގެ ހުއްދަ އޮންނަ ފަނޑިޔާރުންނާއި މަޖިލިސް މެމްބަރުންނަށް ވޯޓު ލެވޭނެ ގޮތް ހަދަން ސުޕްރީމް ކޯޓުން ނެރުނު އަމުރާ ފުށުއަރާ މާއްދާއެއް ކަމަށެވެ. އެހެންވެ އެ މާއްދާ ބާތިލް ކުރުމާ އެކު ވަކީލުކަމުގެ ހުއްދަ އޮންނަ ކޮންމެ މީހަކު ކޮންމެ ރަށެއްގައި ހުރި ނަމަވެސް އެ މީހަކަށް ވޯޓުލުމުގެ ފުރުސަތު ލިބޭ ގޮތް ހެދުމަށް އަލުން އިންތިޒާމްތައް ހަމަޖެއްސުމަށް ބަންޑާރަ ނައިބުގެ މައްޗަށް އަމުރުކުރާ ކަމަށް އެ އަމުރުގައިވެ އެވެ. މީގެ އިތުރުން މާލެ ފިޔަވައި އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން މިމަހުގެ ތިން ވަނަ ދުވަހު ބަންޑާރަ ނައިބުގެ އޮފީހުން ނެރެފައިވާ އިއުލާން ވެސް ބާތިލްކުރާ ކަމަށް އެ އަމުރުގައިވެ އެވެ. "މީގެ ކުރީ ފަހަރުތަކުގައި ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިންތިޚާބު ކުރާ ގާނޫނީ ވަކީލަކު އިންތިޚާބު ކުރުމުގައި އަމަލުކޮށްފައިވާ އިޖްރާއަތްތަކާއި އުސޫލުތަކާ ޚިލާފު ނުވާނެ ގޮތުގެ މަތިން އިޖްރައާތު ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުގެ އަސާސީގެ 144 ވަނަ މާއްދާގެ ށ. އަށް ރިއާޔަތްކޮށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަންގައި އަމުރު ކޮށްފީމެވެ،" އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ސޮއި ކުރައްވައި ނެރުނު އެ އަމުރުގައިވެ އެވެ. އިންތިޚާބު މިދިޔަ މަހު 13 ގައި ބާއްވަން މަސައްކަތް ކުރި ނަމަވެސް އެ އިންތިޚާބާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ އިންތިޚާބު އޭރު ވަނީ ފަސްކޮށްފަ އެވެ. އޭރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވެސް އެ އުސޫލުގެ 11 ވަނަ މާއްދާގެ ހ. ބާތިލްކުރަން އެދުނު ނަމަވެސް އެ ކޯޓުން ނިންމީ އެ މާއްދާ ބާތިލް ނުކުރެވޭނެ ކަމަށެވެ. އެ މާއްދާ ބާތިލްކޮށްފި ނަމަ ވޯޓުގެ ސިއްރުކަން ގެއްލޭނެ ކަމަށް ސިވިލް ކޯޓުން އޭރު ކުރި ހުކުމުގައިވެ އެވެ. އެ އިންތިޚާބުގެ އުސޫލު ފުރަތަމަ އާންމު ކުރިއިރު އޮތީ ވަކީލުކަމުގެ ހުއްދަ އޮންނަ ފަރާތްތަކުގެ ތެރެއިން މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނަށް ވޯޓު ނުލެވޭ ގޮތަށެވެ. ނަމަވެސް އެ ބައި ވެސް ސުޕްރީމް ކޯޓުން ވަނީ ކުރިން ބާތިލްކޮށްފަ އެވެ. އެ އިންތިޚާބުގައި ހަތަރު ކެންޑިޑޭޓަކު ވާދަ ކުރައްވަ އެވެ. އެއީ ކުރީގެ ޑެޕިއުޓި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ޖޭއެސްސީގެ ކުރީގެ މެމްބަރު ލަތީފާ ގާސިމްގެ އިތުރުން ވަކީލް އަނަސް އަބްދުއްސައްތާރާއި ވަކީލް މުހައްމަދު ފައިސަލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ