ލ. ގަމު ކައުންސިލްގެ ރައީސް ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފި
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގަވާއިދާ ޚިލާފަށް ގޯތި ދޫކޮށް، އެކި މީހުންނަށް ސައްހަ ނޫން ރަޖިސްޓްރީތަކެއް ހަދައިދިން ކަމުގެ ތުހުމަތު ކުރެވޭތީ ލ. ގަމު ކައުންސިލްގެ ރައީސް ހުސައިން މޫސާގެ މައްޗަށް ތަހުގީގު ހިންގުމަށް 15 ދުވަހަށް ބަންދުކުރުމަށް ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. އެގޮތަށް އަމުރުކުރީ އެ މައްސަލައިގެ ތުހުމަތުގައި މޫސާގެ ބަންދަށް 15 ދުވަސް ދިނުމަށް ލ. ފޮނަދޫ ކޯޓުގައި ފުލުހުން އެދުމުން އޭނާ ބަންދުގައި ބަހައްޓަންޖެހޭ ތަނެއް ނެތް ކަމަށް ބުނެ އިގްރާރެއްގައި ސޮއިކުރުވުމަށްފަހު ދޫކޮށްލުމުން އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ. ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ މައްސަލައަކީ މިހާރު ވެސް ތަހުގީގު ކުރެވެމުންދާ މައްސަލައަކަށްވާއިރު އެ މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންގެ ތެރޭގައި މޫސާ މަސައްކަތް ކުރަމުންދާ ގަމު ކައުންސިލްގެ މުވައްޒަފުން ވެސް ހިމެނޭކަން އެނގޭ ކަމަށެވެ. އެހެންކަމުން މޫސާ ވަޒީފާ އަދާކުރަމުންދާ ތަނާއި ހެކިންގެ ގޮތުގައި ތިބި މީހުންނަށް ބަލާއިރު މޫސާގެ ފަރާތުން ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވަފާނެ ކަމުގެ އިހްތިމާލު(ފުރުސަތު) އޮތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެހެންކަމުން ފޮނަދޫ ކޯޓުގެ އެ ނިންމުން ބާތިލްކޮށް، އިއްޔެގެ ހެނދުނު 9:34 އިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި މޫސާ ބަންދުކޮށްފައި ބަހައްޓަން އަމުރުކުރާ ކަމަށް ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުން އިއްވި އެ ހުކުމުގައިވެ އެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޔޫސުފް ހުސައިންގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ