ބޯޑާ ކޮންޓްރޯލް މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމް ނެކްސްބިޒުން އިސްތިއުނާފުކޮށްފި
ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމުގެ މައްސަލައިގައި ހައި ކޯޓުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެއްކޮޅަށް ކުރި ހުކުމް އެ މަޝްރޫއު ކުރިއަށް ގެންދާ މެލޭޝިއާގެ ނެކްސްބިޒުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މަޝްރޫއުގެ މައްސަލައިގައި ހައި ކޯޓުން ހުކުމްކޮށްފައި ވަނީ އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމަށް އޭސީސީން އިމިގްރޭޝަނަށް އެންގި އެންގުމަށް އިމިގްރޭޝަނުން އަމަލުކުރަންޖެހޭނެ ކަމަށެވެ. އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމަށް އެންގުމުގެ ބާރު އޭސީސީއަށް ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން އޭސީސީންނެވެ. ނެކްސްބިޒްގެ ވަކީލް އިސްމާއިލް ވިޝާމް މިއަދު ވިދާޅުވީ އެ މައްސަލަ ހައި ކޯޓުން ނިންމުމުގައި ވަރަށް ގިނަ ގާނޫނީ މައްސަލަތައް ހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވުމުން އެ މައްސަލަ އިސްތިއުނާފް ކުރުމަށް މިދިޔަ ބުދަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ އެ ކޯޓުން ބަލައިގަނެ ރަޖިސްޓްރީވެސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްސަލައިގައި އޭސީސީން ދަށު ކޯޓާއި ހައި ކޯޓުގައިވެސް ދައުވާކޮށްފައިވާ އިމިގްރޭޝަންގެ މައްޗަށެވެ. ނަމަވެސް އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އެ މައްސަލައިގެ ތެރެއަށް ނެކްސްބިޒުން ވަނީ ވަދެފަ އެވެ. ބޯޑާ ކޮންޓްރޯލް މަޝްރޫއުގެ މައްސަލަ ހައި ކޯޓުން ނިންމިއިރު އެ މަޝްރޫއުގެ މަސައްކަތް ވަނީ ނިމިފަ އެވެ. ބޯޑާ ކޮންޓްރޯލް މައްސަލަ ހައި ކޯޓުގައި ވަނިކޮށް އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމަށް ހައި ކޯޓުން ދެ ފަހަރެއްގެ މަތިން ނެރުނު ވަގުތީ އަމުރު ވެސް ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ. އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމަށް ފުރަތަމަ ފަހަރަށް ހައި ކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލްކުރީ އޭރު ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ޣައިރު ގާނޫނީ ބެންޗަކުން ކަމަށް ބުނެ އެ ބެންޗުގެ ހުރިހާ ނިންމުންތަކާއި އަމުރުތައް އުއްތަމަ ފަނޑިޔާރު ސޮއިކުރައްވާ ނެރުނު މެންޑަމާސް އަމުރަކުން ބާތިލްކުރުމުން ނެވެ. އޭރު އެ މައްސަލައިގެ އަޑުއެހުން އޮތީ ނިންމާލާފަ އެވެ. މެންޑަމާސް އަމުރު ނެރުމުން އެ މައްސަލައިގެ އަޑުއެހުންތައް ދެ ވަނަ ފަހަރަށް ފަށައި، މަޝްރޫއު ހުއްޓާލުމަށް ހައި ކޯޓުން އަނެއްކާވެސް އަމުރުކުރި އެވެ. އެ އަމުރު ބާތިލްކުރީ ނެކްސްބިޒުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ