ނާއިބު ރައީސް ބަދަލުކުރާ އިސްލާހު ހުށަހެޅި މެމްބަރު، ނާއިބު ރައީސަށް ހޫނު ބަހުގެ ހަމަލާއެއް!

މިހާރުގެ ނާއިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު އެމަޤާމުން ވަކިވުމަށް މަގުފަހިވާނެ، ޤާނޫނު އަސާސީއަށް ހުށަހެޅިފައިވާ ރައީސުލްޖުމްހޫރިއްޔާއާއި އޭނާގެ ނާއިބަކަށް ކުރިމަތިލާ މީހުންގެ އުމުރު 30އާ 65 އަހަރާ ދެމެދު ކަމުގައި ހަމަޖެއްސުމަށް ހުށަހެޅުއްވި، އެމްޑީއޭއަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް، ނާއިބު ރައީސް ޑރ ޖަމީލަށް ވަރަށް ހޫނު ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
މިރޭ ދިޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ނާއިބު ރައީސް ޑރ މުހައްމަދު ޖަމީލް ހުންނަވީ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އެއްބާރުލުން ދިނުމުގެ ބަދަލުގައި ހިމޭންކަމާއި އެކުގައި ކަމަށެވެ. އަދި އެމަނިކުފާނު ނާއިބު ރައީސްގެ ގޮތުގައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހަމަޖެއްސެވީ އުންމީދުތކަކާ އެކުގައި ކަމަށެވެ.
އެހެންނަމަވެސް ޑރ ޖަމީލާ ހަވާލު ކުރައްވާފައިވާ ބޮޑެތި ޒިންމާތައް ފުރިހަމައަށް އަދާ ނުކުރައްވާތީ، އެ ކަންކަން ކުރައްވަން ޖެހިވޑައިގަންނަވަނީ ރައީސް ޔާމީންގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށް މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. އެގޮތުން، ނާއިބު ރައީސް ޗެއާރ ކުރައްވާ ކެބިނެޓުގެ ސޯޝަލް ކައުންސިލްގެ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ.
ސޯޝަލް ކައުންސިލްގެ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާ ކުރިއަރަންޖެހޭ ބާރު ސްޕީޑުގައި ނުހިނގާކަން ފާހަގަ ކުރައްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ ދެން އިންތިޚާބެއްގައި ވޯޓު ހޯދުމަށް ރައީސް ޔާމީން ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާ ފަހަރަކުން ސޯޝަލް ކައުންސިލުގެ މަސައްކަތް ކޮބައިތޯ ސުވާލު ކުރާނެ ކަމަށާއި، އެއީ ނާއިބު ރައީސްގެ ޒިންމާ ކަމަށް ބުނަން ދަތިވާނެ ކަމަށެވެ.
"ޑރ. ޖަމީލަށް ތިކަން ނުކުރައްވައިގެންނޭ، ތިކަން ނުކުރެވި އޮތީ. އެހެނެއް ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅާއަކަށް ވިދާޅެއް ނުވެވޭނެ،" ހޯރަފުށީ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
މެމްބަރު މުހައްމަދު އިސްމާޢީލް އިތުރަށް ވިދާޅުވީ ޑރ މުހައްމަދު ޖަމީލަށް މަޤާމުގެ މަސްއޫލިއްޔަތު ހަވާލުނުކުރައްވައި، އެކަހެރިކުރެއްވީ ކަމަށް ވިދާޅުވާނެ ފުރުސަތެއްވެސް ނޯންނާނެ ކަމަށެވެ. އަދި ޑރ ޖަމީލަށް ހަވާލު ކުރެވޭ މަސައްކަތްތައް ނުކުރެވި، ފެއިލްވާ މަންޒަރު ފެންނަމުންދާ ކަމަށް މެމްބަރު މުހައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
 
ޖޫން ނުވަ ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމަށްޓަކައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން، ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވަރަށް ސާފު ސީދާކޮށް ވަނީ “ބޭނުމަކީ ނާއިބު ރައީސް ބަދަލުކުރުން” ކަމަށާއި، “އަޅުގަނޑުމެން އެކަން ފޮރުވަން އުޅޭނެ ކަމެއް ނެތް” ކަމަށެވެ.
އަދި ޑރ މުހައްމަދު ޖަމީލަށް އިޝަރާތް ކުރައްވައި، “ބަޣާވާތެއް ކޮށްފާނެ ނައިބު ރައީސްއަކު ބެހެއްޓުމުގެ ބޭނުމެއް ނެތް” ކަމަށް މުސްތަފާ ވިދާޅުވިއެވެ.
“މި ވާހަކަ ފޮރުވާނެ ކަމެއް ނެތް، އަޅުގަނޑުމެން ފޮރުވާ ކުޅޭނެ ކަމެއް ނެތް، ކޮބައިތޯ ނައިބު ރަސް ބަދަލު ކުރުމުގެ މައްސަލައަކީ، ބޭނުންވަނީ ބަދަލު ކުރަން. ނައިބު ރައީސްކަން ކުރެވޭނެ ވަރުގެ މީހުން މި ގައުމުގައި އެބަތިބި، އެކަން ޕްރޫފް ކޮށްދީފައި ވާނީ.” މުސްތަފާ ވިދާޅުވިއެވެ.
ރައީސްއާއި ނާއިބު ރައީސަށް ހުންނަވާ ބޭފުޅާކަމަށް ކުރިމަަތިލާ ފަރާތުގެ އުމުރު ކަނޑައެޅުމުގެ އިސްލާހުގެ ބިލް މަޖިލީހުގެ 44 މެމްބަރުންގެ ވޯޓާއި އެކު ބަލައިގަނެ، ކޮމިޓީ މަރުހަލާ ނިމި، އިސްލާހު ފާސްކުރަން ވޯޓަށް އެހުމަށް މިހާރު ދަނީ ތއްޔާރު ވަމުންނެވެ
މި އިސްލާހާއި މެދު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން ދެކޮޅު ހައްދަވާފައިވާ އިރު، ޕީޕީއެމްއާއި އެމްޑީއޭ ކޯލިޝަނުން މިރޭ ވަނީ އިސްލާހު ފާސްކުރުމަށް ތްރީލައިން ވިޕް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ