ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އުމަރު، ރިޔާޒްއާ ބައްދަލު ކުރައްވައިފި

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މި ވަގުތު ރާއްޖޭގައި ހުންނެވި، ރައްޔިތުންގެ މަޖިލީހު ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒްއާ، އުމަރު މި ބައްދަލުކުރެއްވީ އިިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ރިޔާސީ އިންތިހާބަށް އިންތިގާލީ ކެންޑިޑޭޓެއް ކަނޑައެޅުމާ ގުޅޭ ގޮތުން ޕާޓީތަކުން މަޝްވަރާކުރަމުން އަންނަނިކޮށެވެ. ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ. ކުނޫޒްގައި ބޭއްވި ބައްދަލުވުން ގާތްގަނޑަކަށް ތިން ގަޑިއިރަށް ކުރިއަށް ދިޔަ އެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ، ރިޔާޒާ އެކު މަޝްވަރާ ކުރެއްވީ އިންތިހާބުގައި ޖޭޕީއާ ގުޅިގެން ކުރިއަށް ދެވިދާނެ ގޮތްތަކަކާ ގުޅޭ ގޮތުން ކަމަށެވެ. އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ މާ ބޮޑު ތަފްސީލެއް އުމަރު ނުދެއްވި ނަމަވެސް ވިދާޅުވީ އެއީ އިންތިގާލީ ރައީސަކު ނުވަތަ އިންތިގާލީ ސަރުކާރެއް ގާއިމްކުރުމާ ގުޅޭ ވާހަކަތަކެއް ނޫން ކަަމަށެވެ.
"ދެ ހާސް އަށާރައިގެ ރިއާސީ އިންތިހާބުގައި ގުޅިގެން ކުރިއަށް ދެވިދާނެ ގޮތްތަކަކާ ގުޅޭ ގޮތުން ވާހަކަ ދެކެވުނީ. ޔަގީނުން ވެސް ޖޭޕީއާ ނުލައި 2018 ވިންއެއް ނުކުރެވޭނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ކުރިން ނިންމެވީ، ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވައި ކާމިޔާބު ކުރައްވައިގެން އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވުމަށެވެ. އެކަމަކު، ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ކުރިއަށް ގެންދިޔަ ގޮތުން، ޕީޕީއެމްގެ ރިއާސީ ޕްރައިމަރީ ވެސް އިންސާފުވެރި ވެދާނެ ކަމާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދިފައިވާ ކަމަށް ވިދާޅުވެ ފަހުން ނިންމެވީ، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަ ކުރެއްވުމަށެވެ.
"އޭގެ މާނައަކީ އިންތިހާބަށް އެކި ކޯލިޝަންތައް ހެދިގެން ދާއިރު، އަޅުގަނޑު ބައިވެރި ނުވާނެ ވާހަކައެއް ވެސް ނޫން، އެ ކޯލިޝަންގެ ތެރެއިން ވެސް އަޅުގަނޑު ފެނިދާނެ." އުމަރު ވިދާޅުވެފައިވެ އެވެ
އިދިކޮޅު ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
ރިޔާޒް ވިދާޅުވީ އުމަރާ އެކު ބޭއްވި ބައްދަލުވުމުގައި 2018ގެ އިންތިހާބާ ގުޅޭ ގޮތުން އުމަރާއެކު ބިނާ ކުރަނިވި ވާހަކަތަކެއް ކުރިއަށް ދިޔަ ކަމަށެވެ. އެ ތަފްސީލުތައް ޖޭޕީގެ ކައުންސިލްއާ ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އުމަރާ އެކު މަޝްވަރާތަކެއް ދިޔަ، ވަކި ގޮތްތަކެއް ކަނޑައެއް ނޭޅޭ. އެ ތަފްސީލުތައް ކައުންސިލާ އަޅުގަނޑު ހިއްސާކުރާނަން،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެގެން އިންތިހާބު ކާމިޔާބުކުރަން ވަނީ އަމާޒު ހިފައިފަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ މުޚާތަބު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުގައި މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު މިނިވަން އިންތިޚާބެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އެހެންވެ، 2018ގައި ހޮވަން ޖެހޭނީ ގުޅިފައިވާ ޕާޓީތަކުން ނެރޭ އިންތިގާލީ ރައީސެއް ކަމަށް އެ މަނިކުފާނަށް ގަބޫލު ކުރެއްވޭ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އިންތިގާލީ ކެންޑިޑޭޓަކު ނެރޭނީ އިދިކޮޅު ކޯލިޝަނުން ގުޅިގެން ނެރޭ ލިސްޓަކުންނެވެ. އެކަން އެގޮތަށް ކުރަން ޖެހެނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިދިކޮޅު އެއްވެސް ޕާޓީއަކަށް 2018 ގެ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ އެއްވެސް "ސައިންޓިފިކް ޔަގީންކަމެއް" ނެތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ