ގައުމަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މިވަގުތު އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާން މިހެން ވިދާޅުވީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް އިއްޔެ ހުށަހެޅުމަށް ފަހު އިދިކޮޅު ފަރާތްތަކުން ރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މައުމޫން ވިދާޅުވީ އެމަނިކުފާނު މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޒާތީ ފެންވަރާއި ފަރުދީ ފެންވަރު ދޫކޮށްލުމަށް ފަހު އުސޫލީ ފެންވަރެއްގައި ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއަދު އެންމެ މުހިންމީ އެ ދެބޭފުޅުންގެ ދޭތެރޭގައި ހިނގާ ކަންކަމަށް ވުރެ ގައުމީ މަސްލަހަތު ކަމަށެވެ.
” އަޅުގަނޑުމެން މިހާރު ބަލަންވީ ޒާތީ ކުރިއެރުމަކަށް ނޫން، ފަރުދީ ކުރިއެރުމަކަށް ނޫން. ބަލަންވީ ގައުމަށް. އަޅުގަނޑު ދެކޭ ގޮތުގައި ގައުމަށް ރަނގަޅު ގޮތަކީ އަޅުގަނޑާއި ރައީސް މުހައްމަދު ނަޝީދު އެކުގައި މަސައްކަތް ކުރުން،” މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ނަސްރަކީ މާތްﷲ ދެއްވާ އެއްޗެއް ކަމަށާއި ބޭނުން ގޮތަކަށް ނަސްރު ނުލިބޭނެ ކަމަށެވެ. އެހެންވެ އިސްލާމީ ރީތި އުސޫލްތަކުގެ މަތީގައި އެންމެން ދެމިތިބެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އަދި ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިތުބާރު ނެތް ކަމުގެ ވޯޓުގައި ގިނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވާ ކަން ފާހަގަ ކުރައްވަމުން މައުމޫން ވަނީ، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ނަޝީދާއި ގާސިމް ކުރެއްވި މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.
މައުމޫން ވިދާޅުވި ގޮތުގައި ސިޔާސީ ލިޑަރުން މިހާރު ފައްޓަވައިގެން އުޅުއްވާ މަސައްކަތަކީ އެއްގޮތަކަށް ވެސް ޒާތީ މަސައްކަތެއް ނޫނެވެ. މަގްސަދަކީ ސިޔާސީ ވަކި ބޭފުޅަކާ ދިމާކުރުމެއް އަދި ވަކި ބޭފުޅަކު ރައީސް ކަމަށް ގެނައުމުގެ މަސައްކަތެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.
ގައުމަށް އެންމެ ފައިދާ ބޮޑީ ނަޝީދު އާއި ގުޅިގެން މަސައްކަތް ކުރުން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ