މެމްބަރު ވަހީދު، އަމީތު، އަދި ސައުުދުގެ މައްޗަށް ދައުވާ ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން މައްޗަށް ދައުވާ ކޮށްފި އެވެ.
މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވުމާއި ގުޅިގެން އެ ތިން މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ވަތް ކަމަށްބުނާ މައްސަލައިގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ބުރާސްފަތި ދުވަހު އެވެ. އެދުވަހު ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެ ތިން މެމްބަރުންގެ މައްޗަށް ދެ ދައުވާއެއް ވަނީ ކޮށްފައިވެއެވެ. އެގޮތުން ހުއްދަ ނޫންތަނަކަށް ވަތް ކަމަށް ބުނެ އުފުލާފައިވާ ދައުވާއާއެކު ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ވެސް ކޮށްފައި ވެއެވެ. 
ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 10 މެމްބަރުންނާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ 45 މެމްބަރުން ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް އިތުބާތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާއެކު، ސަރުކާރުން ވަނީ ދައުލަތުގެ ބަންޑާރަ ނައިބު މެދުވެރިކޮށް، ސިޔާސީ ޕާޓީއަކުން މަޖިލިސް މެމްބަރެއް ވަކިކޮށްފިނަމަ، ނުވަތަ ވަކިވެއްޖެނަމަ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.
ސުޕްރީމްކޯޓުން ވަނީ ބަންޑަރަ ނައިބު މުހައްމަދު އަނިލް އެހުށަހެޅުއްވި ގޮތަށް ހުކުމް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ އެހުކުމާއި ގުޅިގެން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ކުރިން ތިއްބެވި ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުންވަނީ ނިންމާފަ އެވެ.
މެމްބަރުން ނޫންކަމަށް މިހާތަނަށް ކަނޑައަޅާފައިވާ މެމްބަރުންނަކީ ވަހީދު އާއި އަމީތު އަދި ސައުދުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނުގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެވެ.
ހުއްދަ ނޫން ތަނަކަށް ވަތް ކަމަށްބުނެ މެމްބަރު ވަހީދު އާއި އަމީތު އަދި ސައުދުގެ މައްޗަށް ދައުވާ ކުރާއިރު، އެ މެމްބަރުން ވަނީ ގޮނޑި ނުގެއްލޭ ކަމަށްބުނެ ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަތަކެއް ހުށަހަޅާފަ އެވެ. އެމައްސަލަތަކުގެ އަޑުއެހުންތައް ނިމިފައިވާއިރު ދެން އޮންނާނީ ހުކުމް އިއްވުމެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ