ހުރާގައި ބާއްވާ އުފާފާޅުކުރުމުގެ ހަފުލާގައި ބައިވެރިވެ ވަޑައިނުގަތުމަށް މައުމޫން ނިންމަވައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު ޑީއާރުޕީ އަށް ލިބުނު ކާމިޔާބު ފާހަގަކުރުމަށް ކ. ހުރާ ޑީއާރުޕީ ގޮފިން އިންތިޒާމްކޮށްގެން ބުރާސްފަތި ދުވަހުގެ ރޭ އެ ރަށުގައި ބާއްވާ ހަފުލާގައި ޕާޓީގެ ދެ ފެކްޝަންގެ އިސް ބޭފުޅުންނަށް ދައުވަތު ދެއްވާފައި ވަނިކޮށް އެ ހަފުލާގައި ބައިވެރިވެ ވަޑައިނުގަތުމަށް ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.
ޑީއާރުޕީ ހުރާ ގޮފީގެ ރައީސް އީސާ އަހުމަދު ބުރާސްފަތި ދުވަހު ވިދާޅުވީ މި ހަފުލާ އަށް މައުމޫނާއި ލީޑަރު އަހުމަދު ތަސްމީން އަލީ އަށް ދައުވަތު ދިން ނަމަވެސް ސެކިއުރިޓީ ސަބަބުތަކަށްޓަކައި މައުމޫނަށް ވަޑައިނުގެންނެވޭނެކަން އެންގެވީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އެހެން ނަމަވެސް ތަސްމީން އެ ހަފުލާ އަށް ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ވެސް އަޅުގަނޑުމެން ރޭވި ކަމެއް. އެކަމަކު އޭރު ވަގުތު ހުރި ގޮތުން ދެ ބޭފުޅުންނަށް ވެސް ވަޑައިނުގެންނެވުނީ. އެހެންވެ މިފަހަރު މި ހަފުލާ ބާއްވަނީ ކައުންސިލް އިންތިހާބުގައި މި ރަށުން ޑީއާރުޕީގެ ފަސް ބޭފުޅުން ވެސް ކާމިޔާބު ކުރެއްވުމުން އެކަމުގެ އުފާ ފާޅުކުރުމަށް. ދެން އަނެއް ބޭނުމަކީ މައުމޫނާއި ތަސްމީން އެއް ތަނަކުން ފެނުމަކީ އަޅުގަނޑުމެން ދެކެން ބޭނުންވާ ކަމަކަށް ވާތީ،" އީސަ ވިދާޅުވި އެވެ. "އެކަމަކު މައުމޫނަށް ވަޑައިނުގެންނެވުނީމަ ވަރަށް ދެރަ."
މައުމޫންގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފު ބުރާސްފަތި ދުވަހު ވިދާޅުވީ ހުރާގެ ހަފުލާގައި އެ މަނިކުފާނު ބައިވެރިވެ ވަޑައިނުގަންނަވަނީ ސިކިއުރިޓީ ސަބަބުތަކުގެ އިތުރުން ވަގުތުގެ ކުޑަކަމުން ކަންތައްތައް އިންތިޒާމް ކުރުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ރައީސް މައުމޫން ރަށަކަށް ވަޑައިގަންނަވަންޏާ ދުރާލައި އަޅުގަނޑުމެން އެބަޖެހޭ އިންތިޒާމްތަކެއް ރާވަން. ސެކިއުރިޓީ އަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭ. އެކަމަކު އިންތިޒާމްތައް ރޭވުމުގައި ވަގުތު މާ ކުޑަތަން ވެފައި އޮތުމުން މި ގޮތަށް މި ނިންމީ،" މުންދު ވިދާޅުވި އެވެ.
ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު ވިދާޅުވީ ތަސްމީން އެ ރަށަށް ވަޑައިގަތުމަށް ހުރާގެ ޑީއާރުޕީ ގޮފިން ކުރިއްސުރެ އެދިފައިވާ ކަމަށެވެ. އެހެންވެ އެކަމަށް އިޖާބަ ދެއްވައި ތަސްމީން ހުރައަށް ބުރާސްފަތި ދުވަހު ހަވީރު ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުރާގައި މި ބައްދަލުވުން އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 30: 8 ގަ އެވެ.
ޑީއާރުޕީ ތެރޭގައި މައުމޫނަށް ތާއީދުކުރާ ބަޔަކާއި ތަސްމީނަށް ތާއީދުކުރާ ބައެއްގެ މެދުގައި ދެ ފެކްޝަން އުފެދި މަސްރަހު ހޫނުވި ފަހުން އެ ދެ ބޭފުޅުން އެއް ތަނަކުން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ޖެނުއަރީ ހަ ވަނަ ދުވަހުގެ ރޭގަ އެވެ. ކަލާފާނު ސްކޫލުގައި އެ ރޭ މައުމޫން ބޭއްވެވި ބައްދަލުވުން އިންތިޒާމް ކުރެއްވީ ޑީއާރުޕީ އެއްބައިވަންތަކަން އާލާކޮށް ހަރުދަނާކުރުމަށްޓަކައި ކުރެވޭ މަސައްކަތެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން މިހާތަނަށް ދެ ފެކްޝަންގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ