ރިޔާސީ ކެމްޕޭން ރަސްމީކޮށް ފަށާއިރު ރަނިން މޭޓް އިއުލާން ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ކުރިން ވިދާޅުވެފައި ވީ ނަމަވެސް އޭނާގެ ރަނިންމޭޓް އިއުލާން ނުކުރައްވައި އަންނި އޭނާގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފައްޓަވައިފި އެވެ.
އަންނިގެ ރިޔާސީ ކެމްޕެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެއްޓެވުމުގެ ކުރިން އެ ދުވަހު ހެނދުނު ދަރުބާރުގޭ "ފަންސަވީސް" ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވެފައި ވަނީ ރިއާސީ ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމުގެ ހަފުލާގައި ރަނިން މޭޓް އިއުލާނު ކުރައްވާނެ ކަމަށެވެ. އަދި އެ ދުވަހު އަންނިގެ ކެމްޕެއިން އޮފީހުން ނެރުނު ބަޔާނުގައި ވެސް އެކަން ފާހަގަކޮށްފައި ވެ އެވެ.
އެހެން ނަމަވެސް އަންނިގެ ރިޔާސީ ކެމްޕެއިން ފެއްޓެވުމަށް ބުރާސްފަތި ދުވަހުގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ހަފުލާފައި އޭނާ ވިދާޅުވީ ރަނިންމޭޓަށް ކަނޑައެޅުއްވި ބޭފުޅާ، ޕާޓީއަށް މާ މޮޅު ގޮތެއް ވިސްނަވާ ކަމަށެވެ. އެކަމަކު އޭގެ އެއްވެސް ތަފުސީލެއް އަދި އެއީ ކޮން ބޭފުޅެއް ކަމެއް ވެސް އަންނި ވިދާޅެއް ނުވެ އެވެ.
"މިރޭ އަޅުގަނޑު ދަންނަވާން އޮތް ވާހަކައަކީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި ތިބި އެތައް ބަޔެއްގެ ތެރެއިން އަދި އެހާމެ ގާބިލް ބޭފުޅުންގެ ތެރެއިން ބޭފުޅަކު (ރަނިންމޭޓަކަށް) އެބަ ނިންމޭ. ނިންމީމާ އެބޭފުޅުން އަމިއްލަފުޅަށް އެބަ އިއްތިފާގުވެ ލައްވައޭ ޕާޓީއަށް އަދި މާ ރަނގަޅު ގޮތެއް އޮވެދާނެއޭ،" އަންނި ވިދާޅުވި އެވެ. "އަޅުގަނޑު ކަނޑައެޅި ބޭފުޅާ، އެބޭފުޅާ އެކަން ނިހާޔަތަށް ކުރައްވަން ބޭނުންފުޅުވެލައްވާ. އެހެންނަމަވެސް އެދިވަޑައިގަންނަވަނީ އަޅުގަނޑުމެން އެހެން އެންމެނެކޭ ވެސް އެއްފަދައިން ޕާޓީ އަށް ދެންއޮތް މާ މޮޅު ގޮތް."
ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމުގެ ހަފުލާގައި ރަނިން މޭޓު އިއުލާން ނުކުރެއްވި ނަމަވެސް އަންނި ވިދާޅުވީ އެންމެ ފައިދާ ހުރި ވަގުތުގައި އެކަން އިއުލާން ކުރައްވާނޭ ކަމަށެވެ.
އަންނިގެ ރިއާސީ ކެމްޕެއިނުގެ މީޑިއާ މެނޭޖަރު މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) މިއަދު ވިދާޅުވީ، އެ ހަފްލާގައި ރަނިން މޭޓް އިއުލާނު ނުކުރެއްވީ، އެ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސަށް ފަހު ކުރިން ހުރިވަރަށް ވުރެ "މާ ގިނަ އޮޕްޝަންތަކެއް އަންނާތީ" އެއަށް ވުރެ ރަނގަޅަށް ބެލުމަށް ގިނަ ބަޔަކު އެދުމުން ކަމަށެވެ. އަދި ރަނިން މޭޓެއް ހިޔާރު ކުރުމާއި ނުކުރުމުން އަންނިގެ ކެމްޕެއިނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ޒަކީ ވިދާޅުވި އެވެ.
"އެހެރީ ނޫންތޯ އޮބާމާ ވެސް އަދިވެސް ރަނިން މޭޓެއް ނުނަންގަވާ. އެއީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ،" ޒަކީ ވިދާޅުވި އެވެ. "އަޅުގަނޑުމެން މިހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން. އެއީ އެ ރޭ އެހާ ގިނަ އަދަދެއްގެ ބަޔަކު އެތަނަށް (ކެމްޕެއިން ފެށުމުގެ ހަފްލާ އަށް) ދިޔައީމަ."
އާޓިފިޝަލް ބީޗުގައި އޮތް ބައްދަލުވުމަށް އައިސްތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ސަރުކާރެއްގައި ގެންގުޅޭނެ ބައެއް ސިޔާސަތުގެ ވެސް އަންނި ވިދާޅުވި އެވެ. އެގޮތުން ދަތުރުފަތުރުގެ ނިޒާމާއި ބޯހިޔާވަހިކަމުގެ ސިޔާސަތާއި ބޭސްފަރުވާގެ ދަތިކަމުގެ މައްސަލައާ މަސްތުވާތަކެތީގެ މައްސަލައާ ބެހޭ ގޮތުން އަންނި ވާހަކަ ދެއްކެވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަމަށް (މަސްތުވާތަކެތީގެ ވަބާއަށް) މި ރާއްޖެ އަށް ލިބެން އޮތް އެންމެ ބޮޑު ރަނގަޅެއް، އެންމެ ބޮޑު ހައްލެއް ހައްލެއް ހޯދައިދޭނަން،" އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާފައިވާ އަންނި ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކ. މެންބަރު މާރިޔާ އަހުމަދު ދީދީ ވެސް ވާހަކަ ދެއްކެވި އެވެ. އަދި ރާއްޖޭގެ ސަރަހައްދުތަކުގައި ތިބި އެމްޑީޕީގެ ބައެއް މެންބަރުންގެ ހިޔާލު ވެސް ގެނެސްދިނެވެ.
އަންނިގެ ވާހަކައިގައި، މިހާރުގެ ސަރުކާރަށް ތާއީދުކުރާ އެންމެނަށާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީގެ) ސަޕޯޓަރުން އެމްޑީޕީއާ އެކުވުމަށް އެދިވަޑައިގަތެވެ. އަދި "އަނެއް ދިވެހިރާއްޖޭގައި" ދިވެހި އެންމެނަށް އަދުލްވެރި އިންސާފުވެރި ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ.
"އަޅުގަނޑު ޑީއާރުޕީގެ އެންމެ މެންބަރުންނާއި އެ ޕާޓީ އަށް ތާއީދުކުރާ އެންމެ ބޭފުޅުންނަށް ވަރަށް އިހުލާސްތެރި ކަމާއެކު ދަންނަވަނީ، ވަޑައިގަންނަވާށޭ އަޅުގަނޑުމެންނާ އެކީގައި އަނެއް ދިވެހިރާއްޖެ އަށް. އެމްޑީޕީއާ އެކީގައި މުޅި މި ރާއްޖެ އެހެން އުދަރެހަކަށް ގެންދެވިދާނޭ، އަނެއް ދިވެހިރާއްޖެ އަށް އަޅުގަނޑުމެންނަށް ދެވިދާނޭ،" އަންނި ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު 2008: ރަނިންމޭޓް އިއުލާން ނުކުރައްވައި އަންނިގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ