އަމަން ނަގާލުމުގެ ދައުވާ އަށް ދިއްދޫ ކައުންސިލަރު އަބްދުﷲ ވަހީދު އިންކާރު ކޮށްފި

ހއ. ދިއްދޫ ކައުންސިލް މެންބަރު އަބްދުﷲ ވަހީދާއި އެ ރަށު އިތުރު ބައެއްގެ މައްޗަށް ދައުލަތުން ކުރި ޣައިރުގާނޫނީ އެެއްވުމެއްގައި ބައިވެރިވުމާއި ޣައިރު ގާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެ ދައުވާ އަށް އެ އެންމެން އިންކާރުކޮށްފި އެވެ.
ދިއްދޫ ކައުންސިލް މެންބަރު އަބްދުﷲ ވަހީދުގެ އިތުރުން އެ ދައުވާ ކޮށްފައި ވަނީ އޭނާގެ ދެ ކޮއްކޮ، އެ ރަށު އޯޓަމްވާދީ، އުބައިދުﷲ ސާއީދާއި އަލީ ހާޝިމްގެ އިތުރުން އެ ރަށު ނޫރާނީވިލާ، ފަރުހާދު އަބޫބަކުރާއި ހަމައެގޭ ފަސީހު އަބޫބަކުރާއި މުހައްމަދު އަބޫބަކުރުގެ މައްޗަށެވެ.
މި އެންމެން ވަނީ ދާއުވާ އަށް އިންކާރު ކުރުމަށް ފަހު ވަކީލަކު އައްޔަން ކުރަން ފުރުސަތަކަށް އެދިފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޖެނުއަރީ 6، 2008 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ދިއްދު އަށް ވަޑައިގަތް ދުވަހު އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޓަކައި އެ ދުވަހު ދިއްދޫ އިރުމަތީ ފަރާތު އަތިރިމައްޗަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވެފައި ވަނިކޮށް އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނާއި އެ މީހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ އެ ހަމަނުޖެހުންތަކާ ގުޅިގެން ކައުންސިލަރު އަބްދުﷲ ވަހީދާއި އޭނާގެ ކޮށްކޮ އުބައިދުﷲ ސައީދު ހައްޔަރު ކުރަން އުޅުމުން އެކަމަށް އެދެ މީހުން ހުރަސް އަޅާފައިވާ ކަމަށާއި އަދި ފަސީހު ފުލުހެއްގެ ލޮލުގައި ޖަހާފައިވާ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ އެކަންތައްތަކުގެ އިތުރަށް އެ އެންމެން އެވަގުތު ފުލުހުންގެ މަސަައްކަތަށް ހުރަސްއަޅައި ފުލުހުންގެ ޔުނީފޯމްގައި ހިފައިދަމާ ހަދާފައިވާތީ އެ އެންމެންގެ މައްޗަށް ކުރާ ދައުވާ އަކީ ޣައިރު ގާނޫނީ އެއްވުމެއްގައި ބައިވެރިވުމާއި ޣައިރުގާނޫނީ އެއްވުމަކުން އަމަންނަގާލުމުގެ ކުށުގެ ދައުވާ ކަމަށެވެ.
އެ މީހުން ދައުވާ އަށް އިންކާރުކޮށް ވަކީލަކު އައްޔަން ކުރަން ފުރުސަތަކަށް އެދުމުން ގާޒީ ވަނީ ވަކީލަކު އައްޔަން ކުރުމަށް އެ މީހުންނަށް ފުރުސަތު ދީފަ އެވެ.
ގާޒީ ވިދާޅުވީ ދެން އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހު ކަމަށާއި އެ ދުވަހަށް ވަކީލަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެދުވަހު ދައުލަތުގެ ފަރާތުންނާއި އެ މީހުންގެ ފަރާތުން ވެސް ހުށަހަޅަން ބޭނުންވާ ހެކި ހުށަހަޅަން ޖެހޭނެ ކަމަށާއި އެދުވަހު ހެކި ހުށަނާޅައިފި ނަމަ އެކަމަށް ދެން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ކައުންސިލަރު އަބްދުﷲ ވަހީދު ވިދާޅުވީ މީގެ ކުރިން 10 ފަހަރު މަތިން އެ މައްސަލައާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުވެފައިވީ ނަމަވެސް ކޯޓުން ދޭން ޖެހޭ އެލަވަންސް ފައިސާ ނުދޭތީ މާލީހާލަތު ވަރަށް ދަށް ކަމަށެވެ.
ގާޒީ ވިދާޅުވީ އެ މީހުން ދައުވާ އަށް އިންކާރުކޮށްފައިވާތީ ދައުވާ ސާބިތުވެއްޖެ ނަމަ ލުއި އަދަބު ނުދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ