ސިޔާސީ މައިދާނުން ދުރަށް ދިޔައީއެކޭ ނުބުނަން: މައުމޫން

ސިޔާސީ ދާއިރާ އިން މުޅިން ދުރަށް ވަޑައިގެންނެވި ވާހަކަ އެމަނިކުފާނު ވިދާޅުވެފައި ނުވާނެ ކަމަށް ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީގެ ތެރޭގައި ވަރަށް ބޮޑު ބައިބައިވުންތަކެއް އުފެދުނު ދުވަސްވަރު ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ފަހު މާލެ ވަޑައިގެން އެއާޕޯޓްގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމުން ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގެންނެވި ކަމަށް އިއުލާންކުރައްވާފައި އަލުން ސިޔާސީ ދާޢިރާ އަށް ވަޑައިގަންނަވަނީތޯ ދެންނެވުމުން ވިދާޅުވި އެވެ؛ "ކޮންމެހެން ސިޔާސީ މައިދާނުން ދުރަށް ދިޔައީކީ ނޫނޭ އަޅުގަނޑު ބުނީކީ ދެއްތޯ. ކޮންމެ ގޮތެއްގައި ވެސް އަޅުގަނޑު މިހުރީ ޑީއާރުޕީގެ ޒައީމްގެ މަގާމުގައި. ޑީއާރުޕީގެ ޒައީމްގެ މަގާމަކީ ޕާޓީގެ އެންމެ އިސް މަގާމު. އެހެންވީމާ ޕާޓީގެ އެންމެ އިސް މަގާމުގައި ހުރި މީހަކު ޕާޓީގެ ކުރިއެރުމަށް އަދި ޕާޓީގެ އެއްބައިވަންތަކަމަށް މަސައްކަތް ކުރުމަކީ ކުރަން ޖެހޭނެ ކަމެއް. އެގޮތުން އަޅުގަނޑު ކުރަން ހުރި ކަމެއް ވިއްޔާ އިރާދަކުރައްވިޔާ ކުރާނަން."
މީގެ އަހަރެއްހާ ދުވަސް ކުރިން ޖެނުއަރީ ،25 2010 ގައި މައުމޫން ވިދާޅުވެފައި ވަނީ ފެބްރުއަރީގައި ބޭއްވި ޑީއާރުޕީގެ ގައުމީ ޖަލްސާގައި ޒައީމް ކަމުގެ މަގާމު ދޫކޮށްލެއްވުމަށް ފަހު ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ.
"މާނަ އަކީ ސިޔާސީ ކަންތައްތަކުގައި ވަރަށް ހަލަބޮލިކޮށް ކަންތައް ހިނގަމުން މިދަނީ. އެކި ފަރާތް ފަރާތަށް ފާޑުކިޔުމާއި އެކި ކަހަލަ ކަންތައް ކުރުމުގައި، އެކަހަލަ އެއްވެސް ކަމެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ބައިވެރިއެއް ނުވާނަން. އަޅުގަނޑު ހުންނާނީ ސިޔާސީ ހަލަބޮލިކަމުން ދުރުވެ އެއްވެސް ފަރާތަކަށް ފާޑުނުކިޔައި ހަމަހިމޭންކަމާ އެކު ރައްޔިތުންނަށް ހިދުމަތްކުރާ މީހެއްގެ ގޮތުގައި،" ޓީވީން ވަގުތުން ދެއްކި ނިއުސް ކޮންފަރެންސެއްގައި މައުމޫން ވިދާޅުވެފައިވެ އެވެ.
މައުމޫން މިރޭ ވިދާޅުވީ ޑީއާރުޕީގެ ތެރޭގައި ފެކްޝަންތަކެއް ނެތް ކަމަށާއި އުޅެނީ ޚިޔާލު ތަފާތުވުންތަކެއް ކަމަށެވެ. އަދި ޕާޓީގެ އެއްބައިވަންތަކަމަށް ކުރައްވަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޑީއާރުޕީ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުން ހައްލު ކުރެއްވުމަށް ކަމަށް ވިދާޅުވި އެވެ.
އަންނަ 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މައުމޫން ވިދާޅުވީ "އެއީ އަދި ވަރަށް ފަހުގެ ކަމެއް" ކަމަށާއި މިވަގުތު ވިސްނަވަނީ ލޯކަލް ކައުންސިލް އިންތިހާބު ޑީއާރުޕީން ކާމިޔާބު ކުރުމާ މެދު ކަމަށެވެ. ޒައީމްގެ މަގާމަކީ ޑީއާރުޕީގެ އެންމެ އިސް މަގާމު ކަމަށާއި އެ ހައިސިއްޔަތުން އެމަނިކުފާނު ޕާޓީގެ އެއްބައިވަންތަކަމަށާއި ކުރިއެރުމަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"މިގޮތުން ކުރަން ޖެހޭ ކަމެއް ވިއްޔާ ކުރާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ޑެޕިއުޓީ ލީޑަރުކަމުން އުމަރު ނަސީރު ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމިޓީން ނިންމުމާ ގުޅިގެން ޕާޓީ ދެބައިވެ އުމަރުގެ ސަޕޯޓަރުންނާއި ލީޑަރު އަހުމަދު ތަސްމީން އަލީގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް އުފެދި މާރާމާރީ ހިންގާފައި ވާއިރު މައްސަލަ ހައްލު ކުރަން ރިޔާސީ ޕްރައިމަރީއަކަށް ދިއުމާ މެދު މައުމޫން ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ނޫސްވެރިން ސުވާލުކުރި އެވެ.
"އެންމެ ރަނގަޅު ގޮތަކީ މަޝްވަރާކޮށްގެން ސުލްހަވެރިކަމާއި އޮމާންކަމާ އެކީ މައްސަލަ ހައްލުކުރުން. އެކަމަށް މަސައްކަތް މިކުރަނީ. ޕާޓީ އެއްބައިވަންތަ ކުރެވޭތޯ،" ޖަވާބުގައި މައުމޫން ވިދާޅުވި އެވެ.
ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓްކަން ތަސްމީނަށް ދިނުމަށް މައުމޫން ކުރިން ތާއީދު ކުރެއްވިޔަސް މިހާރު ވިސްނުންފުޅު ބަދަލުވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ބެހޭ ގޮތުން ސުވާލުކުރުން މައުމޫން ވިދާޅުވީ "އެއްވެސް މީހަކު ކުށްވެރިކުރާކަށް ބޭނުމެއް ނޫން" ކަމަށާއި އިސްކަން ދެއްވާނީ ޕާޓީގެ ހުރިހާ ބޭފުޅުންނާ މަޝްވަރާ ކުރައްވައިގެން ހިޔާލުތަފާތުވުން ހައްލު ކުރެއްވުމަށް ކަމަށެވެ.
"ޑީއާރުޕީގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ދޮރު ހުންނާނީ ހުޅުވިފައި،" މައުމޫން ވިދާޅުވި އެވެ.
އުމަރު ވަކިކުރަން ނިންމި ނިންމުން ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވީ އެއީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ރާއްޖެ ވަޑައިގެންނެވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ޑީއާރުޕީން ހދ. ހަނިމާދޫގައި ރަސްމީކޮށް ފެށުމުގެ ޖަލްސާ ހިނގަމުން ދަނިކޮށެވެ. މައުމޫނަށް ބައިވެރިވެވަޑައިނުގެންނެވޭ ގޮތަށް އެ ރަސްމިއްޔާތު ބޭއްވުމާ މެދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ އެކަމާ ދޭތެރޭ "ދަންނަވާނެ އެއްޗެއް ނެތް" ކަމަށާއި އެޖަލްސާ މިރޭ ބާއްވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
"އަޅުގަނޑަށް އެއްވެސް ބޭފުޅަކު އެމައުލޫމާތު ދެއްވާފައެއް ނެތް،" މައުމޫން ވިދާޅުވި އެވެ.
ޖީއެމްއާރުން ނަގައިދިން ޓިކެޓެއްގައި ތަސްމީނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިންޑިއާ އަށް ވަޑައިގަންނަވަން އުޅުއްވި ކަމަށް ތުހުމަތު ކުރައްވާފައިވާ އުމަރުގެ ވާހަކަތަކާ ބެހޭ ގޮތުން ވެސް ނޫސްވެރިން ސުވާލު ކުރި އެވެ.
މައުމޫން ވިދާޅުވީ ތަސްމީނާއި ޝާހިދު ކޮލަމްބޯ އިން ނިއު ދިއްލީ އަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ މައުލޫމާތު އެއް ދުވަހަކު ލިބިވަޑައިގެންނެވި ކަމަށާއި އެކަމާ ބެހޭ ގޮތުން އެސްއެމްއެސްއަކުން ޝާހިދާ ސުވާލުކުރެއްވުމުން ޝާހިދު އެކަން ދޮގު ކުރައްވާފައިވާ ކަމަށެވެ.
"ވިދާޅުވި [ދިއްލީއަކަށް] ނުދަމޭ. މިތިބީ ކޮޅުނބުގައޭ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން މާލެ ވަޑައިގެންނެވި އިރު ރަސްމީ ފާލަން ކައިރީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ގޮސް ތިއްބެވެ. އަދި ފިނިފެންމަލުގެ މަރުހަބާއަކާ އެކު މުނިފޫހިފިލުވުމުގެ އައިޓަމެއް ބޭއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ