ޑީއާރުޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ބައިބައިވުން ނައްތާލައި އިތުބާރު އޮތީ ކޮން ލީޑަރުންތަކަކަށްތޯ ބެލުމަށްޓަކައި ކުއްލި ކޮންގްރެސްއެއް ވީ އެންމެ އަވަހަކަށް ބާއްވައި ރިޔާސީ ޕްރައިމަރީއެއް ބޭއްވުން ނޫން ގޮތެއް ނެތް ކަމަށް ލީޑަރު އަހުމަދު ތަސްމީން އަލީއާ ހިޔާލު ތަފާތު ވެފައިވާ ފެކްޝަންގެ މެމްބަރު އަދި ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޕާޓީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމާ ބައްދަލު ކުރެއްވުމަށްޓަކައި މެލޭޝިއާ އަށް ކުރެއްވި ދަތުރަށް ފަހު މާލެ ވަޑައިގެން "ހަވީރު" ން ދެންނެވި ސުވާލެއްގެ ޖަވާބުގައި އިލްހާމް ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކޮންގްރެސް ބާއްވަން ޖެހެނީ 2012 ގައި ކަމުގައިވީ ނަމަވެސް އެ ހިސާބަށް ދަންދެން ޕާޓީ "ފުނޑިފައި" ބޭއްވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
"މިހާރު މި އޮތީ ޕާޓީ އަށް ހާއްސަ ހާލަތެއް މެދުވެރިވެފައި. ވަރަށް ބޮޑަށް ޕާޓީ މި އޮތީ ޑެމޭޖްވެފައި. އެހެންވީމަ އެބަޖެހޭ 2012 އާ ހަމައަށް މަޑުނުކޮށް ވީ އެންމެ އަވަހަކަށް މި ވާން އުޅޭ ގޮތް ކަނޑައަޅަން. ކުއްލި ކޮންގްރެސް އަންނަ މަހު ވެސް ހަމަ ބާއްވައި ޕާޓީގެ ލީޑަރުންނަށް އިތުބާރު އޮތްތޯ ބަލަން އެބަޖެހޭ. ތަސްމީނަށް އިތުބާރު އޮތްތޯ އަޅުގަނޑަށް އިތުބާރު އޮތްތޯ އުމަރަށް އިތުބާރު އޮތްތޯ އެނގެން އެބަޖެހޭ،" ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް ވިދާޅުވި އެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ޑީއާރުޕީގެ ކޮންގްރެސްގައި ޕާޓީގެ ލީޑަރަކީ އަހުމަދު ތަސްމީން އަލީ ކަމަށް އިންތިހާބު ކޮށްފައިވާއިރު އަސާސީ ގަވާއިދުގައިވާ ގޮތުން 2013 ގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް އެ މަނިކުފާނެވެ.
އެހެން ނަމަވެސް އިލްހާމް ވިދާޅުވީ ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓަކީ ކޮން ބޭފުޅެއްކަން އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި ރިޔާސީ ޕްރައިމަރީ ބާއްވާ ނަމަ ކޮންމެ ފަދަ ގޮތަކަށް ވެސް ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ.
ތަސްމީން މިއަދު ވިދާޅުވީ ކުއްލި ކޮންގްރެސްއެއް ބާއްވާނަމަ އެކަން ކުރެވޭނީ ކައުންސިލުން ފާސްކޮށްގެން ކަމަށްވާއިރު އެގޮތަށް ކައުންސިލުން ފާސްކޮށްފިނަމަ އެފަދަ ކޮންގްރެސްއެއް ބޭއްވުމުގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެން ޕާޓީއަކީ ޑިމޮކްރެޓިކް ޕާޓީއެއް. އެހެންވީމަ ކައުންސިލަށް ފެނިގެން ކައުންސިލުން އެހެން ފާސްކޮށްފިއްޔާ ހަމަ ކުރިއަށް ދާންވީ. އޭގައި އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް،" ކެންދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ތަސްމީން މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އިންތިހާބުގައި އެހެން ބޭފުޅަކު އެކަމަށް ކުރިމަތިލެއްވިޔަސް އެ ބޭފުޅަކާ ވާދަކުރެއްވުމަށް ވެސް ހުންނެވީ ތައްޔާރަށް ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންނަށް، ޑީއާރުޕީ މެމްބަރުންނަށް ދީފައި އޮތް ކޮމިޓްމަންޓް ފުރިހަމަ ކުރާނަން. އެއީ 2013 އާ ހަމައަށް އަޅުގަނޑު މި މަސައްކަތުގައި ދެމިހުންނާނަން. އެހެންވީމަ ޕްރައިމަރީ ބާއްވަންޏާ އަޅުގަނޑު ޕްރައިމަރީ އަށް ވެސް ކުރިމަތިލާނަން. ކުރިމަތިލައި ވާދަކުރަން ތައްޔާރަން މި ހުރީ. އަޅުގަނޑު އެކަމާ ޖެހިލުން ވެގެނެއް ނޫން މި ހުރީ،" މިދިޔަ ހަފުތާގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ތަސްމީން ވިދާޅުވެފައިވެ އެވެ.
ކުއްލި ކޮންގްރެސްއެއް ބާއްވައި ރިޔާސީ ޕްރައިމަރީއަކަށް ދިއުން ނޫން ގޮތެއް ނެތް: އިލްހާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ