އުސްފަސްގަނޑު ފެންނަގޮތަކަށް ބޭނުން ހިނދަކަށް ދޫކުރެވޭނެ: ސިޓީ ކައުންސިލް

ދަރުބާރުގެ ފުރަގަހުން އޮންނަ އުސްފަސްގަނޑު ބޭނުން ހިނދަކަށް މާލޭ ސިޓީކައުންސިލަށް ފެނުނު ގޮތަކަށް ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފުނުވާ ގޮތަށް އެބިން ބޭނުންކުރުމާއި ބިން ކުއްޔަށް ދިނުމާއި ދޫކުރުމުގެ ހައްގު ސިޓީކައުންސިލަށް ލިބިފައިވާކަމަށް އެ ކައުންސިލުންބުނެފި އެވެ.
ސިޓީކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަހުމަދު ޝަމާހު ރަޝީދު ސޮއިކުރައްވާ މިރޭ ކައުންސިލުން އާންމު ކުރި ބަޔާނުގައި ބުނަނީ މާލޭގެ ވަށައިގެންވާ ހުސްބިންތަކާއި ކުޅިވަރު ދަނޑުތައް އެކިފަރާތްތަކަށް އެކިބޭނުންތަކަށް ދޫކުރަނީ ކުރީގައި މާލޭ މުނިސިޕަލްޓީން ކަމަށާއި ސިޓީކައުންސިލް އުފެދުމާއި އެކު މުނިސިޕަލްޓީން ކުރަމުން ދިޔަ މަސައްކަތްތަކާއި އެތަންތަނުގެ މުވައްޒަފުންނާއި މާލޭ ސިޓީކައުންސިލަށް ބަދަލުކުރެވުނު ކަމަށެވެ.
"ލާމަރުކަޒީގެ ގާނުނޫގެ 41 ވަނަ މާއްދާގައި (ކ)ގައި އިޖުތިމާއީ އަދި އިގުތިސާދި ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަޅާއި މުދާ ހޯދުމުގެ ހައްގުލިބިފައިވާ ކަމަށާއި މާލޭގެ ދަރުބާރުގެ ފުރަގަހުގައި އޮންނަ އުސް ފަސްގަނޑަކީ މިކައުންސިލުން ކުރީގެ ސަރުކާރައި ދެކެވުނު ވާހަކަތަކެއްގެ ނަތީޖާއެއްގެ ގޮތުން މިކައުންސިލާއި ހަވާލްކޮށްފައިވާ ބިމެއް،" ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނަނީ މިދިޔަ އަހަރު ސެޕްޓޭމްބަރުމަހުގެ ތެރޭގައި ސިޓީކައުންސިލާއި އުސްފަސްގަނޑު ހަވާލުކޮށްފައިވާ ލިޔުމުގައިވަނީ އެބިން މުނިފޫހި ފިލުވުމަށް ޑިވޮލޮޕްކޮށް އެބިމުގައި ވަކިއޭރިޔާއެއް އިމާރާތްކޮށް އެބިން ގާނުނޫ ހުއްދަކުރާ އެންމެ ދިގުމުއްދަތަކަށް ކުއްޔަށްދެވޭނެކަމަށެވެ.
ޖުމުހޫރީ ޕާޓީ އާއި ޕިޕީއެމަށް އެއް އަހަރަށްވުރެ ދިގުމުއްދަތަށް މާލޭގެ ދެ ބިމެއް ދިނުމަށް އެދިފައިވަނިކޮށް އެ ޕާޓީތަކަށް ބިން ދޫނުކޮށްފައެއްނުވެ އެވެ. ނަމަވެސް އަންނަ ޖުލައިމަހުގެ ނިޔަލަށް އެމްޑީޕީއަށް އުސްފަސްގަނޑު ސިޔާސީ ހަރަކާތް ހިންގުމަށް ވަނީ ދީފަ އެވެ.
އެމްޑީޕީއަށް ސިޓީކައުންސިލުން އުސްފަސްގަނޑު ދިނުމާއި ގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ވަނީ ދަރުބާރުގޭ ފުރަގަހުން އޮންނަ އުސްފަސްގަނޑުގެ ސަރަހައްދު މާލޭ ސިޓީ ކައުންސިލުން އެމްޑީޕީއަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް ތިން މަސްދުވަހަށް ދީފައިވަނިކޮށް، އެ ބިމަކީ އާއްމުން ހިތްފަސޭހަކޮށްލުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދެއް ކަމުގައިވާތީ އެނޫން ގޮތަކަށް އެބިން ބޭނުން ނުކުރުމަށް ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލަށް ވަނީ އަނގާފަ އެވެ.
އެބަޔާނުގައި ބުނެފައި ވަނީ ދަރުބާރުގޭ ފުރަގަހުން އޮންނަ އުސް ފަސްގަނޑުގެ ސަރަހައްދަކީ އާއްމުން ހިތްފަސޭހަކޮށްލުމަށްޓަކައި އެސަރަހައްދަށް ގޮސްއުޅުމަށާއި އާއްމުންގެ ހިތްހަމަޖައްސާލުމަށް ގޮސް އުޅޭ ސަރަހައްދެއްގެ ގޮތުގައި ހަމަޖެހިފައިވާ ސަރަހައްދެއް ކަމަށެވެ.
އެ ބަޔާނުގައި ބުނަނީ މާލޭ ސިޓީ ކައުންސިލުން އާއްމު ބޭނުންތަކަށް ހުރުމަތްތެރިކޮށް ހިތުމެއް ނެތި، މިހާރު އަމަލްކުރަމުން ގެންދާ ގޮތާމެދު އެމިނިސްޓްރީން ކަންބޮޑުވާ ކަމަށާއި އެބިން ސިޓީ ކައުންސިލަށް ހަވާލުކޮށްފައިވާ ބޭނުން ނޫން އެހެން ކަންކަމަށް ބޭނުން ނުކުރުމަށާއި ސިޓީ ކައުންސިލާ މިނިސްޓްރީން ހަވާލުކޮށްފައިވާ އެފަދަ ބިންތައް ކަނޑައެޅިފައިވާ ބޭނުންތަކަށް ބޭނުން ކުރަމުން ގެންދެވޭނެ ކަމަށާއި އެއީ ރައްޔިތުންނަށް އެތަންތަނުން ފައިދާކުރާނެ ގޮތް ކަމުގައި ދެކޭ ކަމަށްވެސް ހައުސިން މިނިސްޓްގެ ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ