ނަޝީދު މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަށް އަބުރުގެ ދައުވާ ކުރަނީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅުމަށް ނަޝީދު ނިންމަވައިފި އެވެ.
އަބުރުގެ ދައުވާ ކުރުމަށް ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާއި ނަޝީދުގެ މައްސަލަ ބެއްލެވި ފަނޑިޔާރު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފާއި އަދި ފަނޑިޔާރު ސުޖާއު އުސްމާންގެ މައްޗަށެވެ.
ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު ނޫސްބަޔާނުގައި ރައީސް ނަޝީދު، އެމަނިކުފާނު ކޯޓުގައި ދެއްކެވި ވާހަކަތައް ތަފްސީލުކޮށްދޭ ބަޔާނުގައި ސޮއިކުރައްވަން އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކްރިމިނަލް ކޯޓުން ހަގީގަތާއި ހިލާފަށް ދައްކާފައިވާ ވާހަކައެއް ކަމަށް ބަޔާނުގައިވެ އެވެ.
ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގެ ފުރަތަމަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމަށްފަހު ނަޝީދު ކޯޓުގައި ދެއްކެވި ވާހަކަފުޅުތައް ކަމަށް ބުނެ އުފައްދާފައިވާ ލިޔުމެއް ކްރިމިނަލް ކޯޓުން ދެއްކި ކަމަށާއި ނަމަވެސް އެ ލިޔުމަކީ އެމަނިކުފާނު އެ ދުވަހު ކޯޓުގައި ދެއްކެވި ވާހަކަތަށް ބަޔާންކުރާ ލިޔުމެއް ނޫންކަމަށް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ލިޔުން އިސްލާހުކޮށް ދެއްވުމަށް ނަޝީދު އެދިވަޑައިގަތް ނަމަވެސް މިއަދާ ހަމައަށްވެސް ކްރިމިނަލް ކޯޓް އެކަން ކޮށްދީފައިނުވާ ކަމަށް ބަޔާނުގައިވެ އެވެ.
"ނަޝީދުގެ ޝަރީއަތް ނިމުމު ގޮތުގެ ރިޕޯޓް މިއަދާ ހަމައަށްވެސް ލިބިފައެއް ނުވޭ. އެރިޕޯޓް ނުދެވިވަނީ ރިޕޯޓްގައި ނަޝީދު ސޮއި ކުރައްވާފައިނުވާތީ ކަމުގައި ކްރިމިނަލް ކޯޓް އިން ތަކުރާރުކޮށްދަނީ ބުނަމުން. އެހެންނަމަވެސް އެރިޕޯޓްގައި ހިމަނަންޖެހޭ ބަޔާންތަކުގައި ނަޝީދު ލައްވާ ސޮއިކުރުމަށް އެކޯޓުން މަސައްކަތް ކޮށްފައެއް ނުވޭ،" ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.
ރައީސް ނަޝީދު ކޯޓްގެ ބަޔާންތަކުގައި ސޮއި ކުރައްވައިފަވާ ކަމަށް މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ބުނެފައިވާއިރު، އެއީ ކޯޓުން ހެދި އިތުރުފުޅެއް ކަމަށް ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ