ބޭލްގެ ގޯލުން ބާސާގެ މައްޗަށް ކުރި ހޯދާ ރެއާލް ސްޕެނިޝް ކަޕް ހޯދައިފި

ގެރެތް ބޭލްގެ ގޯލުން ބާސެލޯނާގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރި ހޯދާ ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑް ހޯދައިފި އެވެ.
ވާދަވެރި މި ދެ ޓީމް ބައްދަލުކުރި މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނެގީ ރެއާލް މެޑްރިޑުންނެވެ. ބެންޒެމާ ދިން ޕާހަކުން މި ގޯލް މެޗުގެ 11 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއްދެއްކި އަންހެލް ޑިމަރިޔާ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާގެ ތަފާތު ބޮޑު ކޮށްލުމަށް ވެސް ރެއާލް މެޑްރިޑަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި މެޗުގެ ފުރަތަމަ ހާފްއެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ރެއާލް މެޑްރިޑަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. އެގޮތުން ވަކިން ހާއްސަކޮށް ގެރެތް ބޭލްއަށް ލިބިގެންދިޔަ ފުރުސަތުތަށް ފާހަގަކޮށްލެވެއެވެ.
ރެއާލްއަށް ލިބިގެންދިޔަ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވީ 68 ވަނަ މިނެޓްގައި ބާސެލޯނާ އިން ނަތީޖާ އެއްވަރުކުރުމެވެ. ޒަވީ ޕެނަލްޓީއޭރިއާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބާސާއަށް ނަތީޖާ އެއްވަރުކޮށްދިނީ އެޓީމުގެ ޒުވާން ޑިފެންޑަރ މާކް ބާޓްރާ އެވެ. މި ގޯލަށްފަހު ބާސާގެ ކުޅުން ރަނގަޅު ކުރި ނަމަވެސް ރެެއާލްގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ.
ރެއާލް މެޑްރިޑްގެ އެންމެ މުހިއްމު ކުޅުންތެރިއާ ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯއާ ނުލާ ކުޅުނު މި މެ މެޗުގައި އެޓީމުން ޖެހި ދެވަނަ ގޯލްޖެހީ މެޗު ނިމެން 5 މިނެޓަށް ވެފައިވަނިކޮށެވެ.
މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އިސްކޯ ދިން ބޯޅަ ހިފައިގެން ބާރު ދުވެލީގައި ގޮސް މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި އެޓީމަށް ގެނެސްފައި ހުރި ހުނަރުވެރި ވިންގަރ ގެރެތް ބޭލް އެވެ.
ބާސާގެ ބްރެޒިލްގެ ފޯވާޑް ނޭމާއަށް ވަނީ މެޗުގެ އެންމެ ފަހު މިނެޓްގައި ބާސާއަށް ނަތީޖާ އެއްވަރުކޮށްދޭން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ނަމަވެސް ނޭމާ ކުރިއަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަޑިއަށެވެ.
މިއީ ރެއާލް މެޑްރިޑް މި މުބާރާތް ކާމިޔާބުކުރީ 19 ވަނަ ފަހަރެެވެ. އަދި މިއީ ރެއާލް މެޑްރިޑްގެ އާ ކޯޗު ކާލޯ އެންޗެލޯޓީގެ ކޯޗުކަމުގެ ދަށުގައި އެޓީމް ހޯދި ފުރަތަމަ މުބާރާތް ވެެސް މެއެވެ. ރެއާލް އަށް އަދި މި ސީޒަނުގައި ލަލީގާ އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް ހުޅިވިފައިވާ ކަން ފާހަގަކޮށްލަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ