ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ބިލު ފާސް ކުރުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ދެކޮޅު ހައްދަވައިފި އެވެ.
އަބުރުގެ ބިލުގެ ބަހުސް މަރުހަލާ މާދަމާ ފެށުމަށް މަޖިިލީހުގައި އެޖެންޑާކޮށްފައި ވަނިކޮށް ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ވައިބާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް މައުމޫން ވިދާޅުވީ އަބުރުގެ ބިލު ފާސް ކުރުމަކީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
މައުމޫން ވިދާޅުވި ގޮތުގައި އަބުރުގެ ބިލު ފާސް ކުރަން ފެނިވަޑައިނުގަންނަވާކަން ހާމަކުރެއްވީ ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި ޕާޓީގެ ގުނަވަންތަކުގައި ދަންނަވަން ޖެހުނު ކޮންމެ އެއްޗެއް ދެންނެވުމަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވާޖިބެއް ކަމުގައި ދެކެވަޑައިގަންނަވާތީ އެވެ.
ޕީޕީއެމް ވައިބާ ގްރޫޕަށް މައުމޫން ފޮނުއްވެވި މެސެޖް.
މީގެ ކުރިން މައުމޫން ވަނީ ބިޑް ކުރުމާ ނުލައި ރަށްރަށާއި، ފަޅުތަކާއި ބިންތައް ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހް ފާސް ނުކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ. ނަމަވެސް މައުމޫން އެގޮތަށް އެދިވަޑައިގެންނެވި ނަމަވެސް، މަޖިލީހުން އެ އިސްލާހު ވަނީ ފާސްކޮށްފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވަނީ އެ އިސްލާހު ތަސްދީގު ކުރައްވައިފަ އެވެ.
އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ތާއީދު ނުކުރައްވާނެ ކަމަށް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި ބިލުގެ ބަހުސް މާދަމާ ރައްޔިތުންގެ މަޖިލީހުގައި ފަށާއިރު، އެ ބިލާ ގުޅޭ ގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މިއަދު ވަނީ މަޖިލިސް ކުރާ ގޭގައި ބާއްވައިފަ އެވެ.
މި ބިލާ ގުޅޭ ގޮތުން ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ވައިބާ ގްރޫޕްގައި ހޫނު ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ. މި ބިލާ އެއްކޮޅަށް ގިނަ މެމްބަރުން ވާހަކަ ދައްކަވަމުން ދާއިރު، މި ބިލާ ދެކޮޅު ހައްދަވާ މެމްބަރުންތަކެއް ތިބިކަން ވެސް ފާހަގަކޮށްލެވެ އެވެ.
އެގޮތުން މި ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، އެ ގުރޫޕްގައި ވިދާޅުވީ އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި މިނިވަން ކަމުގެ ރަހަ އެއްކޮށް ކަނޑުވާލައި، ރައްޔިތުންނަށް ބޮޑުވެގެންވާ މުސީބާތަކަށްވާ ގޮތަށް ގާނޫނު ހަދަން ނުވާނެ ކަމަށެވެ. އެކަމަކު އަބުރު ރައްކާތެރި ކުރުމަށް ބޭނުން ނުވާނެ ހަމަ ބުއްދި ސަލާމަތުން ހުރި އެކަކު ވެސް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ރައްޔިތުންގެ ވެރިކަމެއް ކުރާ ގައުމެއް. ފާޑު ކިޔާހާ މީހަކު ކަސްތޮޅު އެޅުމަކީ މިއަދުގެ މުޖުތަމައު ގަބޫލު ކުރާނެ އަދި ރުހޭނެ ކަމެއް ވެސް ނޫން،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވި ގޮތުގައި ޖޫރިމަނާގެ މިންގަނޑު ކަނޑައަޅަނީ އެ ގައުމެއްގެ ރައްޔިތުންގެ ދިރިއުޅުމުގެ މާލީ ތަނަވަސްކަން އޮންނަ މިންވަރަށް ބަލައިގެން ކަމަށާއި "ތިން އިރު ހަމަ އަށް ނުކައި އުޅޭ އެތައް ބަޔަކު އަދިވެސް ގައުމުގައި" އުޅެމުންދާ ކަމަށެވެ.
ނަމަވެސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ބިލުގައި ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ގެއްލެމުންދާ އިޖުތިމާއީ ފޭރާން އިތުރަށް ވީދުނަ ނުދީ ހިފެހެއްޓޭނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖައުފަރު ދާއޫދޫ ހުށަހަޅުއްވާފައިވާ އެ ބިލް އޮތް ގޮތުން ނޫސްވެރިކަމަށް ހުރަސް އެޅޭތީ ގިނަ ނޫސްވެރިން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ބޭރުގެ ބައެއް ޖަމާއަތްތަކުން ވެސް ވަނީ އެ ބިލް އޮތް ގޮތަށް ފާސް ނުކުރަން ގޮވާލައިފަ އެވެ.
ނޫސްވެރިން ކަންބޮޑުވާ މައިގަނޑު އެއް ސަބަބަކީ، މަދަނީ ކުށެއްގެ ގޮތުގައި އޮތް އަބުރާ ބެހުން، ޖިނާއީ ކުށަކަށް ބަދަލުކޮށް ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ ކޮށް ބޮޑެތި އަދަބުތަކެއް ކަނޑައެޅޭ ގޮތަށް އޮތުމުންނެވެ. އަދި ނޫސްވެރިންގެ މައްޗަށް ކުރާ ބޮޑެތި ޖޫރިމަނާތައް ނުދެއްކިއްޖެ ނަމަ، ޖަލު ހުކުމެއް އަންނާނެތީ އެވެ. މި ބިލްގައި ކުށްވެރިވާ މީހާ ކުށްވެރިކުރުމަށް އޮތް މަގުތައް ފުޅާވެ، ކުށުން ސަލާމަތް ވުމުގެ ދޮރު ވަނީ އިންތިހާ އަށް ހަނިކޮށްފަ އެވެ.
އަބުރުގެ ބިލު ފާސް ކުރަން މައުމޫން ދެކޮޅު ހައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ