ފެނަކައިގެ ޚިދުމަތާއެކު، ކަރަންޓް މީޓަރު ޓެސްޓުކުރުމަށް އެންމެ ފަރާތަކަށް ބަރޯސާވުން ނިމުމަކަށް

ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ޚިދުމަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.
ފެނަކައިން މިއަދު ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ޚިދުމަތް ފަށާފައިވާއިރު މިއީ ރާއްޖޭގެ ޙަކަތައިގެ ނިޒާމަށް ލިބިގެންދިޔަ އިންޤިލާބި ބޮޑު ކުރިއެރުމެއްކަމަށް ފެނަކައިން ވިދާޅުވެއެވެ.
ފެނަކަ ކޯޕަރޭޝަނުން ފެށި މީޓަރު ޓެސްޓު ކުރުމުގެ ޚިދުމަތާއެކު، މީޓަރު ޓެސްޓުކުރުމަށް އެންމެ ފަރާތަކަށް ބަރޯސާވެފަ އޮތްއޮތުން ނިމުމަކަށް އައިސް ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ފެނަކައިން ވިދާޅުވެއެވެ.
ފެނަކަ ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މީޓަރ ޓެސްޓުކުރުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު އަދި އެކުންފުނީގެ ޗެއަރމަން މުޙައްމަދު ރަޝީދެވެ.
މިޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ މިޚިދުމަތް ފެނަކައިން ފެށުމަކީ މުޅި ރާއްޖޭގެ ޙަކަތައިގެ ސިނާޢަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި މީގެކުރިން މީޓަރ ޓެސްޓުކުރުމަށް އެތައް ހަފްތާއެއް މަޑުކުރަން ޖެހުނުނަމަވެސް، މިހާރު އެކަން ނިމުމަކަށް ގެނެވިއްޖެކަމަށް ސައީދު ވިދާޅުވިއެވެ.
"ބޮޑެތި ޢިމާރާތްކުރުމުގައި ވަރަށް ގިނަ ބައެއްގެ ޝަކުވާއާއި ކަންބޮޑުވުން ގުޅިފައިވާ މައްސަލައެއް މީޓަރ ޓެސްޓުކުރުން ލަސްވުމަކީ، މިއާއެކު އެމައްސަލައަށް ބޮޑު ޙައްލެއް އައީ. މިޚިދުމަތް މައި އޮފީހުގައި ފެށުނުނަމަވެސް މިޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް މަސައްކަތް މިދަނީ ކުރަމުން." އެމްޑީ ސައީދު ވިދާޅުވިއެވެ.
ފެނަކަ އެމްޑީ ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ރާއްޖޭގެ އާބާދީ ބޮޑު 2 ސަރަޙައްދެއްގައި ޚިދުމަތް ފެށުމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މާލެއަށްފަހު ޚިދުމަތް އެންމެ އަވަހަށް ދޭން ފެށުމަށް ތައްޔާރުވަމުން އަންނަނީ އައްޑޫ ސިޓީއާއި ބޮޑުތިލަދުންމަތީގެ ސަރަޙައްދުގައިކަމަށް ފެނަކައިން ވިދާޅުވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކައިގެ ޗެއަރމަން މުޙައްމަދު ރަޝީދު ވިދާޅުވީ ޙަކަތައިގެ ދާއިރާއިން ރާއްޖެއިން އަންނަނީ ފާހަގަކުރެވޭ ބޮޑެތި ކާމިޔާބީތައް ޙާސިލްކުރަމުންކަމަށެވެ. އެގޮތުން މީޓަރު ޓެސްޓުކުރުމަށް އެކަނި ބަލާއިރުވެސް ވަރަށް އާދައިގެ ގޮތަކަށް ފެށުނު މިޚިދުމަތް މިއަދު މިވަނީ ސްމާޓް ޚިދުމަތަކަށް ބަދަލުވެފައިކަން ޗެއަރމަން ފާހަގަކުރެއްވިއެވެ.
"މީގެކުރިން އެތައް ދުވަހެއް ނެގި ކަމެއް މީޓަރެއް ޓެސްޓުކުރުމަކީ، މިވީ ދުވަސްތަކުގެ ތެރޭގައި ޑިޖިޓަލްކޮށް ޓެސްޓު ކުރެވޭނެ ގޮތްވަނީ ވެގެންގޮސްފައި، އަދި މިއަދު މިފެށިގެންދިޔައީ ސްމާޓް މީޓަރ ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެހިފައި." ޗެއަރމަން ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންއިން ތަޢާރަފްކުރި މީޓަރ ޓެސްޓްކުރުމުގެ ޚިދުމަތާއެކު ގަޑިއަކު 75 މީޓަރު އެއްފަހަރާ ޓެސްޓުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްމާޓް މީޓަރ ޓެސްޓުކުރުމަށް ޤާއިމުކުރެވުނު އެންމެ ޒަމާނީ ވަޞީލަތްކަމަށް ފެނަކައިން ވިދާޅުވެއެވެ.
މީޓަރ ޓެސްޓުކުރުމަށް އެދޭ ފަރާތްތަކުން ފެނަކަ ވެބްސައިޓު މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު މީޓަރު ފެނަކައިގެ ކައުންޓަރާ ޙަވާލުކުރުމުން މަދު ގަޑިތަކެއްގެ ތެރޭގައި މީޓަރު ޓެސްޓުކުރެވޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މިޚިދުމަތްދޭ އެހެން ފަރާތްތަކާއި އަގުގެ ތަފާތެއް ނޫޅޭނެކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ