މޫސުން: މިއަދު ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވޭ

ރާއްޖޭގެ އުތުރު ފިޔަވައި އެހެން ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށާއި މިއަދު ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން "ވީނިއުސް" އާއި ވާހަކަދެއްކި މީޓްރޮލިޖިސްޓަކު ވިދާޅުވީ، މިއަދު ރާއްޖޭގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. އެހެން ނަމަވެސް މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުަތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ގުގުރުމާއެކު ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށެވެ.
ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް މެޓް އޮފީހުން ލަފާކުރިއިރު، މިއަދު ހެނދުނު ދިޔަވަރު ބޮޑުވި ވަގުތުން ފެށިގެން މާލޭގެ ކާނިވާ ސަރަހައްދަށް އުދަ އަރައި، އެތަނުގައި ހުރި ރެސްޓޯރެންޓުތަކަށް ވެސް ލޮނު ވަދެފައިވެއެވެ. ކާނިވާލުގެ ޕާކިން ޒޯނުގައި ހުރި ގިނަ ވެހިކަލްތަކަށް ވެސް ލޮނުގެ އަސަރުކޮށްފައިވެއެވެ. އަދި އެ ދިމާލުން އެރި އުދަ ބޮޑުތަކުރުފާނުމަގަށް ފެތުރި އެ މަގުގައި ވެސް ފެންބޮޑުވެފައިވެއެވެ.
"ވީނިއުސް"އަށް މައުލޫމާތު ދެއްވި، މީޓްރޮލިޖިސްޓް ވިދާޅުވީ، ކުރިއަށްއޮތް 48 ގަޑިއިރު ވެސް ޚާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވިއްސާރަކުރާނެކަމަށެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ ފޫޓާއި 5 ފޫޓާ ދެމެދުއެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، މި ވިއްސާރަ ޑިސެމްބަރުމަހާ ހިސާބަށް ދެމިގެންދާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރަނީ، މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވެއެވެ.
މެދުރާއްޖެތެރެ އާއި ދެކުނުގެ ކަނޑުތައް ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތުތައް އާއްމުންނާ ހަމައަށް ތާޒާކޮށް ގެނެސްދިނުމަށް މެޓް އޮފީހުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށް މެޓް އޮފީހުގައި ސްޓޫޑިއޯއެއް ހަދާ، އެ މަޢުލޫމަތު ވީޑިއޯ ހިމެނޭހެން މީޑިއާތަކަށް ދަނީ ފޯރުކޮށްދެމުންނެވެ.
އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕާ އަދި ވެބްސައިޓް މެދުވެރިކޮށް މި މަޢުލޫމާތުތައް އަބަދުވެސް ދަނީ އަޕްޑޭޓްކުރަމުންނެވެ.
އެހެންކަމުން ދަތުރަކަށް ފެއްޓެވުމުގެ ކުރިން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަކީ އެންމެ އެދެވޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ