ރައީސް މެލޭޝިއާގެ އާ ބޮޑުވަޒީރު އަންވަރަށް މަރުހަބާ ވިދާޅުވެއްޖެ
މެލޭޝިއާގެ ބޮޑުވަޒީރުގެ މަޤާމަށް ދަތޯ ސެރީ އަންވަރު އިބްރާހީމް ހޮވިވަޑައިގެންނެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.އިދިކޮޅު ލީޑަރުގެ މަގާމުގައި 20 އަހަރު ހޭދަކުރެއްވުމަށް ފަހު އަންވަރު މެލޭޝިއާގެ ބޮޑު ވަޒީރުކަމަށް ހޮވިވަޑައިގެންނެވީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިހާބުގެ ވޯޓުންނެވެ. ބޮޑުވަޒީރުކަމުގެ ހުވާ އޭނާ ކުރެއްވީ އިއްޔެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަރުޚަބާ މެސެޖުގައި، އަންވަރު އިބްރާހީމްގެ ލީޑަރޝިޕްގެ ދަށުން މެލޭޝިއާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.މީގެ އިތުރުން ބައިނަލްއަޤްވާމީ މުހިންމު ކަންކަމުގައި މެލޭޝިޔާގެ އާ ބޮޑުވަޒީރާއި، މެލޭޝިޔާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މެލޭޝިޔާގެ އާ ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި ރަނގަޅު ޞިއްޙަތަކަށް އެދިވަޑައިގަންނަވާފައެވެ. އަދި އެމަނިކުފާނުގެ މެސެޖުގައި މެލޭޝިޔާގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް ވެސް އެދިވަޑައިގެންނެވިއެވެ.މެލޭޝިޔާގެ އައު ބޮޑުވަޒީރު ކަމުގެ މަޤާމާ އަންވަރު ހަވާލުވެ ވަޑައިގެން ހުވާކުރައްވަފައިވާއިރު، 1990ގެ އަހަރުތަކުގެ ތެރޭގައި އަންވަރު ވަނީ މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމު ފުރުއްވާފައެވެ. މި މަޤާމު ކާމިޔާބު ކުރުމަށް އޭނާ މަސައްކަތް ކުރައްވާތާ މިހާރު 30 އަހަރު ފާއިތުވެއްޖެއެވެ. އަންވަރު އެ މަޤާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮތީ ވެރިރަށް ކުއަލަ ލުމްޕޫރުގައި ހުންނަ ޤައުމީ ގަނޑުވަރުގައެވެ. އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނެ އުމުރުން 75 އަހަރުގެ އަންވަރު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަ ކުރައްވައިފަ އެވެ. އަންވަރު ވިދާޅުވަނީ އޭނާގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގި ކަމަށް ކުރި ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ