ސިންގަޕޫރާއެކު ރާއްޖެ ތަރައްގީނުވީ ކޮރަޕްޓްވީމަ، އެކަން ނައްތާލާނަން: އުމަރު
ދިވެހިރާއްޖެއާއި ސިންގަޕޫރަށް މިނިވަންކަން ލިބުނީ އެކުއެކީގައި ކަމަށާއި އެކަމަކު ސިންގަޕޫރު ކުރިއަރައިގެން ދިއައިރު ރާއްޖެ ތަރައްގީނުވެ އޮތީ މި ގައުމުގައި ކޮރަޕްޝަން ބޮޑު ކަމުން ކަމަށް އަމިއްލަ ގޮތުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭން އިފްތިތާހު ކުރުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖެ އަދި ސިންގަޕޫރު ދެ ގައުމަށް މިނިވަންކަން ލިބުނީ 1965ވަނަ އަހަރު ކަމަށެވެ. އެކަމަކު، ސިންގަޕޫރު ތަރައްގީގެ މަގުގައި ކުރިއަށް ދިޔައިރު ރާއްޖެ އޮތީ ތަރައްގީ ނުވެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ދެ ގައުމުގެ ތަފާތަކީ ކޮރަޕްޝަން ކަމަށެވެ. އޭނާ ވަނީ ރާއްޖެއިން ކޮރަޕްޝަން ނައްތާލާ، މުޅިން އާ މިސްރާބަކަށް މި ގައުމު ގެންދަން ވައުދުވެލައްވައިފައެވެ. އުމަރު ނަސީރުގެ ރިޔާސީ ކެމްޕޭން އިފްތިތާހު ކުރުމަށް ރޭ، ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ "އަޅުގަނޑުމެން ޚަރަދުތައް ކުރަމުން ގެންދިއައީ ސިޔާސީ ގޮތުން ވޯޓު ހޯދަން. ބިން ހިއްކަނީ، ހިއްކާފައި އެ ބިން އެބަ އޮވޭ 20 އަހަރު ވަންދެން އަތްވެސް ނުލާ ބާއްވާފައި. ވޯޓާ ދިމާކޮށް ބިން ހިއްކަނީ، ހިއްކާފައި ބިން އޮންނަނީ ބާއްވާފައި. އެހެންވީމާ އަޅުގަނޑުމެން ޚަރަދުތައް ކުރީ މި ގައުމަށް އެންމެ ފައިދާހުރި ގޮތަކަށް ނޫން. ސިޔާސީ ވޯޓު އަޅުގަނޑުމެންނަށް ލިބޭ ގޮތަށް،" އޭނާ ވިދާޅުވިއެވެ. އުމަރު ފާހަގަކުރެއްވި ގޮތުގައި މިނިވަންކަން ލިބުނުއިރު ސިންގަޕޫރުގެ ޖީޑީޕީގެ ނިސްބަތުން ބޮލަކަށް ޖެހެނީ 220 ޑޮލަރު ކަމަށެވެ. ރާއްޖޭގައި އޭރު އަދަދު އޮތީ 150ގައެވެ. އެކަމަކު، މިހާރު މިހާރު ސިންގަޕޫރުގެ ޖީޑީޕީ ބޮލަކަށް 60،000 ޑޮލަރު ޖެހޭއިރު، ރާއްޖޭގައި އެ އަދަދު އުޅެނީ 10،000 ގައެވެ. "ސިންގަޕޫރުގައި ގާނޫނުތައް ތަންފީޒު ކުރާނެ. ގާނޫނުތަކާ ދޭތެރޭގައި ކުޅޭކުޅޭއެއް ނޯންނާނެ. ދެވަނަ ކަމަކީ ކޮރަޕްޝަން ފުނޑުފުނޑު ކޮށްލާނެ. ދައުލަތުގެ ވެރިންނަކަށް ކޮރަޕްޓެއް ނުވެވޭނެ. ތިންވަނަ ކަމަކީ ދައުލަތުން ޚަރަދު ކުރާނެ އިންސާނީ ވަސީލަތް ތަރައްގީ ކުރަން،" އޭނާ ވިދާޅުވިއެވެ. ކެޕްޝަން.. އުމަރު ނަސީރުގެ ކެމްޕޭން އިފްތިތާހު ކުރުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ ރާއްޖޭގެ ވެރިން ކޮރަޕްޓުވުމުގެ ނަތީޖާއަކީ ލިބެންޖެހޭ ތަރައްގީ ނުލިބި އެތައް އަހަރެއް ފަހަތުގައި މި ގައުމު އޮތުން ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އޭނާ ވިދާޅުވީ ކޮރަޕްޝަން ބޮޑުވެއްޖެ ނަމަ އެ ގައުމަކަށް ބޭރުގެ އިންވެސްޓަރުންނެއް ނާންނާނެ ކަމަށެވެ. އެހެންވެ، މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި، ކޮރަޕްޝަން ފުނޑުފުނޑުކޮށްލާ، އިސްލާމީ ޝަރީއަތް ގާއިމުކުރުމަށް އޭނާއަށް ވޯޓު ދެއްވުމަށް ވަނީ އެދިފައެވެ. "ކަނާ އަތުން ވާ އަތް ކަނޑާލަން ޖެހުނަސް އެކަން ކުރާނަން" އުމަރު ވިދާޅުވީ ބޮޑު ދެ ސިޔާސީ ޕާޓީއަށް ވެސް ގާނޫނޫ ބަދަލުކުރުމުގެ ބާރާއެކު ވެރިކަން ދެވިއްޖެ ކަމަށާއި އެކަމަކު، ދެ ޕާޓީ ވެސް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި ފެއިލްވެފައިވާ ކަމަށެވެ. އެހެންވެ، މިހާރު ގައުމަށް ބޭނުންވަނީ "ކަނާ އަތުން ވާ އަތް ކަނޑާލަން ޖެހުނަސް އެކަން ކުރާނެ ހިތްވަރު ހުރި" ވެރިއެއް ކަމަށް އޭނާ ވިދާޅުވިއެވެ. "ތިލަފަތަކަށް ވޯޓު ދިނަސް ދޮލަނގަކަށް ވޯޓު ދިނަސް ހަމަ ޖެހޭނީ އެއްތާކު. އެއްވެސް ބަދަލެއް ނާންނާނެ. ދެވިދާނެ ކޮންމެ އެއްޗަކަށް ވެސް އަޅުގަނޑުމެންނަށް ވޯޓު." އޭނާ ވިދާޅުވިއެވެ. އުމަރު ނަސީރުގެ ރިޔާސީ ކެމްޕޭން އިފްތިތާހު ކުރުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ "މި ރާއްޖެއަށް ބޭނުންވަނީ 12 ގަޑިއިރު މަސައްކަތް ކުރެވޭ ވަރުގެ ބުންވަރު ހުރި ވެރިއެއް. އެއީ، މި ގައުމަށް ބޭނުންވާ އެއްޗަކީ. މި ގައުމަށް ބޭނުންވަނީ ހެނދުނު 6:30 ގައި ޓައީ އަޅައިގެން ގޮސް އޮފީސް މޭޒު ކައިރީގައި އިނދެވޭ ވަރުގެ މުރާލި ވެރިއެއް. މި ގައުމަށް ބޭނުންވަނީ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި، ކަނާ އަތުން ވާ އަތް ކަނޑާލަން ކެރޭ ވަރުގެ ޖެހިލުން ކުޑަ، ލޯ އެންޑް އޯޑާ ކެންޑިޑޭޓަކު މި ގައުމަށް ބޭނުންވަނީ." އުމަރު ވިދާޅުވީ އޭނާ މި ގައުމުގައި ކުރާނީ އިސްލާމީ ވެރިކަމެއް ކަމަށެވެ. މިގޮތުން، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވެސް އިސްލާމީ ޝަރީއަތުގައި ވާ މިންގަނޑުގެ ތެރޭގައި ހިފަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހިތުހުރި ގަޑިއެއްގައި ހިތުހުރި އެއްޗެއް ބުނުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ނޫސްވެރިންނަކީ ވެސް ދޮގު ނުހަދާން ހުވާކޮށްގެން ތިބޭ ބައެއް ކަމަށް ހަދާނެ ކަމަށެވެ. "މަޖިލީސް މާ ބޮޑު، ކުޑަ ކުރާނަން" އުމަރު ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމަކާ ބަލާއިރު ރައްޔިތުންގެ މަޖިލީސް މާ ބޮޑު ކަމަށާއި، މި ގައުމަށް 87 މެންބަރުން ބޭނުންނުވާ ކަމަށެވެ. އޭނާގެ ވެރިކަމެއްގައި މަޖިލީސް މެންބަރުންގެ އަދަދު، 50އަށް ކުޑަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކެމްޕޭން އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި އުމަރު ނަސީރު--- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ "ގާނޫނު އަސާސީ އަޅުގަނޑު އިސްލާހު ކުރާނަން. ރައްޔިތުންގެ މަޖިލީސް އެ ކަމަށް ހުރަސް އަޅައިފިއްޔާ، ޚާއްސަ މަޖިލީހަށް އަޅުގަނޑު ގޮވާނަން. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތިބެން ވާނީ 50 މެންބަރުން އެންމެ ގިނަ ވެގެން ވެސް." އޭނާ ވިދާޅުވިއެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މަޖިލީސް މެންބަރުންނަށް މެންބަރު ކަމުގައި ތިބެގެން ކޮންޓްރެކްޓްތައް ނެގިގެން ނުވާނެއެވެ. އެ މެންބަރުންނަށް ފަޅު ރަށްރަށާއި ކޮންޓްރެކްޓުތައް ދީގެން ހިތުހުރި ގޮތަކަށް ވޯޓު ލައްވާ ކަމަށް ތުހުމަތު ކުރައްވާ އުމަރު ވިދާޅުވީ، އެކަން މުޅިން ނައްތާލެވޭނެ ކެންޑިޑޭޓަކީ އޭނާ ކަމަށެވެ. އަދި، މެންބަރުން ވަކި ގޮތަކަށް ވޯޓު ދޭން، އެއްވެސް ޕާޓީއަކަށް ވެސް އެންގިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު އޮންނަ ގޮތުން މަޖިލީސް މެންބަރަކު ކަމު ނުގޮސްގެން ވަކި ކުރެވޭނެ ގޮތެއް ނޯންނަ ކަމަށެވެ. އެކަމަކު، އޭނާގެ ވެރިކަމެއްގައި "ރިކޯލް ވޯޓު" ގެނެސް، ދާއިރާގެ ރައްޔިތުން ނުރުހޭ ނަމަ، މެންބަރު ވަކި ކުރެވޭނެ ގޮތެއް ހޯދާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ