މޫސުން ގޯސްވުމުން ޔާމީންގެ ދަތުރުފުޅު ފަސްކުރައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހއ. އަތޮޅަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅު ފަސްކުރައްވައިފި އެވެ.
ރައީސް ޔާމީން ހއ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތީ މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިދަތުރުފުޅުގައި ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ރައީސް ޔާމީން ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.
ޕީޕީއެމް އިން މިއަދު ބުނީ ރައީސް ޔާމީންގެ ދަތުރުފުޅު ފަސްކުރެއްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. މޫސުން ރަނގަޅު ނަމަ އަންނަ ހޮނިހިރު ދުވަހު އެމަނިކުފާނުގެ ދަތުރުފުޅު އަލުން ފައްޓަވާނެ ކަމަށެވެ.
ރައީސް ޔާމީން ކުރައްވާ މި ދަތުރުފުޅުގައި ޕާޓީގެ މެންބަރުންނާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމުން ބުނެ އެވެ.
މީގެއިތުރުން ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި ވަރުގަދަކޮށް ރިޔާސީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވާނެ ކަމަށްވެސް އެ ޕާޓީން ބުނެ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހއ. އިހަވަންދޫގައި 14 މަޝްރޫއު، ކެލާގައި 16 މަޝްރޫއު، ދިއްދޫގައި 27 މަޝްރޫއު، ބާރަށުގައި 17 މަޝްރޫއު އަދި ތުރާކުނުގައި 15 މަޝްރޫއު ހިންގާފައިވާނެ ކަމަށްވެސް ޕީޕީއެމުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ