މުވައްޒަފުންނަށް މުސާރަ ނުދޭތީ ރީކޯ މޫސަގެ ކުންފުނި ބްލެކްލިސްޓްކޮށްފި

ތަކުރާރުކޮށް މުއައްޒަފުންނަށް މުސާރަނުދޭ މައްސަލަ ހުށަހަޅާފައިވާ ރީކޯ މޫސާ މަނިކުގެ ކުންފުންޏެއް ކަމަށްވާ "މޯ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް" މޯލްޑިވްސް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބްލެކްލިސްޓް ކޮށްފިއެވެ. އެއީ ރީކޯ މޫސަގެ ރިސޯޓާއި ގެސްޓްހައުސް ހިންގާ ކުންފުންޏެވެ. ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބެނީ ރީކޯ މޫސަގެ އިތުރުން އޭނާގެ ދަރިންނެވެ.
ލޭބާ ރިލޭޝަންސް އޮތޯރިޓީން މަޢުލޫމާތުދެއްވި ގޮތުގައި މޯ ހޮޓެލްސް ބްލެކްލިސްޓް ކޮށްފައިވަނީ އެ އޮތޯރިޓީން ބަލަމުންދާ މުވައްޒަފުންނަށް މުސާރަނުދޭ މައްސަލައެއްގައި އެކުންފުނިން އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭތީ ކަމަށެވެ. އަދި މިކުންފުންޏަކީ މި ބާވަތުގެ މައްސަލަތަކުގެ ރިކޯޑް އޮތް ކުންފުންޏެއް ކަމަށާއި މީގެ ދެމަސްކުރިންވެސް ހަމަ މިފަދަ މައްސަލައެއްގައި މި ކުންފުނި ބްލެކްލިސްޓް ކުރެވުނުކަމުގައި ލޭބާ ރިލޭޝަންސް އޮތޯރިޓީން ފާހަގަކުރިއެވެ.
ރީކޯ މޫސައަކީ 2017 ގައި އުފައްދާފައިވާ "މޯ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް" ގެ ހިއްސާދަރެއްގެ އިތުރުން ބޯޑުގެ ޑިރެކްޓަރެއްވެސް މެއެވެ. ލ. އަތޮޅުގައި ހިންގަމުންދާ "ރަހާ ރިސޯޓް" އަކީ މި ކުންފުނިން ހިންގަމުންދާ ރިސޯޓެކެވެ.
މޯ ހޮޓެލްސް އެންޑް ރިސޯޓްސް އިން ސާވިސްޗާޖާއި މުސާރަ އަދި އިތުރުގަޑީގެ އިނާޔާތް ނުދީގެން އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ އަދި ކުރިން މަސައްކަތް ކޮށްފައިވާ މުވައްޒަފުން ލޭބާ ރިލޭޝަންސްއަށް މައްސަލަ ހުށަހަޅާފައިވާކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. އެ އޮތޯރިޓީން ބުނި ގޮތުގައި މިފަދަ މައްސަލަތަކުގައި ބްލެކްލިސްޓް ކުރުމުގެ އިތުރުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރުވެސް އެ އޮތޯރިޓީއަށް އޮންނަ ކަމަށާއި މައްސަލަ ކުރިއަށްދާގޮތަކުން އެފަދަ ފިޔަވަޅެއް އެޅުމަކީވެސް އެކަށީގެންވާކަމެއް ކަމަށެވެ.
ރީކޯ މޫސަގެ ކުންފުނިން މުސާރަ ނުދީގެން މީގެ ކުރިން އެތައް މުވައްޒަފުންނެއް އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކޮށްފައި ވެއެވެ. އަދި ބައެއް މައްސަލަތައް މީޑިއާގައި ވެސް ރިޕޯޓް ކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ