ކުރިން ނުފެންނަ، ނުރައްކާތެރި ޑްރަގް ގެންގުޅުނު މީހާ އަލުން ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފި

ރާއްޖެއިން ކުރިން ނުފެންނަ ފަދަ ނުރައްކާތެރި ބާވަތެއްގެ މަސްތުވާތަކެއްޗާ އެކު މިދިޔަ މަހުގެ ފަހުކޮޅު މާލެއިން ހައްޔަރުކުރި މީހާ ދޫކޮށްލާފައި ވަނިކޮށް އެ މީހާ ބަންދުކުރަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
މ. އެރޯވިލާ އަބްދުﷲ އެލެކްޒެންޑާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރަން ހައި ކޯޓުން އިއްޔެ އަމުރުކުރީ އޭނާ ބަންދުން ދޫކޮށްލަން މިދިޔަ މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އެލެކްޒެންޑާ ދިރިއުޅޭ ގެއިން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ ކްރިސްޓަލް މެތަކީ ނުރައްކާތެރި ބާވަތެއް ކަމަށާއި އެ ބާވަތުގެ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތައް އައިސް، މީހާ މުސްކުޅިކޮށްލައި އަދި އަނގައިގެ ދަތްތައް ފާބައިގެން ދިއުން ފަދަ ކަންކަން ކްރިސްޓަލް މެތް ބޭނުން ކުރާ މީހާއަށް ދިމާވާ ކަމަށެވެ.
އެ ހުކުމުގައި އެލެކްޒެންޑާގެ މައްޗަށް ކުރެވެނީ މުޖްތަމައަކަށް ނުރައްކާވެދާނެ ފަދަ ކުށެއްގެ ތުހުމަތު ކަމަށާއި އެހެންވެ އެފަދަ މީހަކު ބަންދުގައި ބަހައްޓަންޖެހޭނީ އެ މީހެއްގެ ފަރާތުން މުޖްތަމައަށް ނުރައްކާ ނުފޯރާނެ ފަދަ ތަނެއްގައި ކަމަށެވެ. އެހެންވެ އިއްޔެ މެންދުރު 14:33 އިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އޭނާ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރަން އެ ހުކުމުގައި ވަނީ އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ