ކޮރަޕްޝަނުގެ ތުހުމަތެއް ކުރެވޭނެ ޖާގައެއް ނެތް، ތަހުގީގަށް ފުރުސަތު އެބައޮތް: މަދަނީ އަބްދުﷲ

މޯލްޑިވް ގޭސް އެތެރޭގައި ކޮރަޕްޝަން ހިންގަމުންދާކަމަށް ބުނެ ކުރަމުން ދާ ތުހުމަތުގައި އެއްވެސް ހަގީގަތެއް ނެތްކަމަށާއި މައްސަލައެއްގެ ތަހުގީގު ހިންގުމަށް މަރުހަބާ ކިޔާކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ވިދާޅުވެއްޖެ އެވެ.
ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އަބްދުﷲ ވިދާޅުވީ، މީހުން ފަތުރަމުންދާ ވާހަކަތަކަށް ސަމާލުކަން ދޭން ބޭނުން ނުވާކަމަށާއި، ކޮރަޕްޝަނާއި ގުޅުވައި އެއްވެސް ވާހަކައެއް ދައްކަން ޖެހޭ ސަބަބެއް އޮތްކަމަށް ގަބޫލުނުކުރާކަމަށެވެ. އަބްދުﷲ ވިދާޅުވީ ރާއްޖޭގައި ކަމާއި ބެހޭ މައްސަލަތައް ބަލައި ތަހުގީގު ކުރާނެ މުވައްސަސާތަކެއް އެބައޮތްކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އޭނާ މަރުހަބާ ކިޔާނީ އުފަލާއި އެކު ކަމަށެވެ.
އަބްދުﷲ ވިދާޅުވީ ކޮރަޕްޝަނާއި ދެކޮޅަށް އަޑުއުފުލައި، އެންމެ ބޮޑަށް އެފަދަ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް ގޮވާލީ ވެސް އެނާކަމަށާއި އެހެންކަމުން މަގާމަކަށް އައިސް އެފަދަކަމެއް ހިންގުން ވާނީ ލަދުވެތި މަންޒަރަކަށް ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ ދައުލަތުގެ ގިނަ މަގާމުތައް އޭނާ އަދާ ކުރިއިރު މިހާތަނަށް އައިއިރު ދުވަހަކު ވެސް ކޮރަޕްޝަނަށް މަގުފަހިވާނެ އެއްވެސްކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
އަބްދުﷲ ވިދާޅުވީ ސިޔާސީ މަގާމެއްގައި ހުންނައިރު، އެ މީހާގެ އަބުރު ކަތިލުމަށްޓަކައި ވެސް ބައެއް މީހުން އަޑުތައް ފަތުރާކަމަށެވެ. އެކަމަކު އިދިކޮޅުގައި އޮވެ، އޭނާ ދެއްކި ވާހަކައިގައި ހަގީގަތަކާއި އެކު އޮއްޓަރެއް ވެސް ހުންނާނެ ކަމަށް ވިދާޅުވި އެވެ.
މޯލްޑިވް ގޭހުގެ އެތެރޭގައި ކޮރަޕްޝަން އެބައޮތްކަމަށް ނޫސްވެރިއަކަށް ވެސް ސުވާލު އުފެދޭ ހާލަތެއްގައި، އެކަމުގެ ފުރިހަމަ މައުލޫމާތާއި ޖަވާބުތައް ދޭން ތައްޔާރުކަމަށް އަބްދުﷲ ވިދާޅުވި އެވެ. ކުރާ މަސައްކަތުގެ ހުރިހާ ލިޔެކިއުމެއް ހުރިއިރު، ހިޔާނާތްތެރިވެ އެއްވެސް ކަމެއް ނުކުރައްވާނެކަމަށް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ