ފީފާ ވޯލްޑް ކަޕުގެ މެޗެއްގައި މޮޅެއް ހޯދުމަށް މިސްރުން ކުރަމުން އައި އުއްމީދުގައި އަނެއްކާވެސް އިންތިޒާރުކުރަން ޖެހިއްޖެއެވެ.
އެމެރިކާގެ ސިއޭޓަލް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް އެޓޭކިން، އަަވަސް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު، ގިނަ ފުރުސަތުތަކެއް ލިބިފައެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ މިޞްރުންނެވެ. ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމާމް އަޝޫރެވެ. މިއީ އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާއެއްގައި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.
މި ލަނޑަށްފަހު ވެސް ދެ ޓީމަށް، ޙާއްސަ ގޮތެއްގައި މިޞްރަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް މި ފުރުސަތުތަކުގެ ބޭނުން މި ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ހިފިފައެއް ނުވެއެވެ.
ދެވަނަ ހާފުގައި ބެލްޖިއަމްއިން ވެސް ކުރިއަށް ޖެހި މިޞްރުގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ރަނގަޅު ހަމަލާތަކެއް ފޮނުވާލިއެވެ. ޙާއްސަ ގޮތެއްގައި މެންޗަސްޓަރ ސިޓީއަށް ކުޅެމުން އަންނަ ޖެރެމީ ޑޯކޫގެ ފަރާތުން ފެނިގެންދިޔަ ހަމަލާތަކާއި އޭނާ މެދުވެރިވެގެން ތަނަވަސްކުރި ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
މެޗުގައި ބެލްޖިއަމްގެ ކެޕްޓަން، ކެވިން ޑިބްރޫނޭގެ ފަރާތުން ވެސް ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެންދިޔައެވެ. އެގޮތުން ހިލޭ ޖެހުމެއްގައި ފޮނުވާލި ބޯޅަ ގޮސް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އެފަހުން އޭރިއާ ތެރޭގައި ހުރެފައި އޭނާ ފޮނުވާލި ބާރު ހަމަލާއަށް ހުރަސްއެޅީ މިޞްރުގެ ކީޕަރު ޝޮބެއިރެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވާޑް ރޮމެލޫ ލުކާކޫ ކުޅެން އެރި ހިސާބުން ބެލްޖިއަމްގެ އެޓޭކިން ލައިން ވަރަށް ބޮޑަށް ވަރުގަދަވެގެން ދިޔަތަން ފެނުނެވެ. އޭގެ ހެއްކަކީ އޭނާ ކުޅެންއެރިތާ 30 ސިކުންތުގެ ތެރޭގައި ބެލްޖިއަމުން ނަތީޖާ ހަމަހަމަ ކުރުމެވެ.
މިޞްރުގެ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއްގައި ދެ ޑިފެންޑަރަކު އެ ބޯޅަ ދިފާއުކުރަން މަސައްކަތްކުރިއިރު، އެ ބޯޅަ ހޯދަން ޕްރެސްކުރަމުން ދިޔައީ ލުކާކޫއެވެ. ނަތީޖާއަކަށްވީ އެ ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި މިޞްރުގެ މުޙައްމަދު ހަނީގެ ފައިގައި ޖެހިފައި ބައިކޮޅަށް ގޯލު ވަނުމެވެ.
އެފަހުންވެސް ލުކާކޫއަށް ވަނީ ލަނޑުޖަހާނެ ފުރުސަތެއް ލިބިފައެވެ. އެހެންނަމަވެސް އޭރިއާ ތެރޭގައި ރަނގަޅު ޕޮޒިޝަނެއްގައި ހުރެފައި އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗު ނިމިގެންދިޔައީ ދެ ޓީމަށްވެސް އިތުރު ލަނޑެއް ކާމިޔާބުނުކުރެވިއެވެ.
ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕުގައި މި މުބާރާތް ނުހިމަނާ، ޖުމްލަ ތިން ފަހަރަކަށް މިޞްރު ކުޅެފައިވެއެވެ. އެއީ 1934 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އާއި އޭގެ 56 އަހަރުފަހުން 1990 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައެވެ.
މި ތިން މުބާރާތުގައި ޖުމްލަ އަށް މެޗު މިޞްރުން ކުޅެފައިވާއިރު މީގެތެރެއިން ފަސް މެޗުން މިޞްރުވީ ބައްޔެވެ. އަނެއް ތިން މެޗުވީ އެއްވަރެވެ.
މި މެޗުން އެއްވަރުވެ، ވޯލްޑް ކަޕުގައި މޮޅެއް ހޯދުމަށް އިތުރު އިންތިޒާރެއް މިޞްރުން ކުރަން ޖެހުނުއިރު، އެ ޓީމަށް ކުރިއަށް ދެން އޮތީ މި މަހުގެ 22 ވަނަ ދުވަހު ނިއު ޒިލޭންޑާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ބެލްޖިއަމް ދެން ނުކުންނާނީ އީރާނާ ދެކޮޅަށެވެ.
ބެލްޖިއަމާ ކުޅެ އެއްވަރު، މިޞްރަށް ވޯލްޑް ކަޕުގައި އަދިވެސް މޮޅެއް ނުހޯދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ