ސަލާހުގެ އުފަން ދުވަހު ބެލްޖިއަމް އަތުން މިސްރަށް ޕޮއިންޓެއް

ސިއޭޓަލް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 16) - މިސްރުގެ ކެޕްޓަން، މުހައްމަދު ސަލާހުގެ 34 ވަނަ އުފަން ދުވަހު، ކުޅުނު މެޗުގައި ފީފާ ވޯލްޑް ކަޕްގައި މިސްރުން 1-1 އިން ބެލްޖިއަމާ އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފި އެވެ. 
މިސްރުން ވޯލްޑް ކަޕްގެ ތާރީހުގައި މޮޅެއް ހޯދަން ކުރާ މަސައްކަތް ދިގުލައިދިޔައީ އެވެ. 
މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ބެލްޖިއަމުން ވަނީ ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން، ބެލްޖިއަމްގެ ތަރި، ކެވިން ޑި ބްރޭނާ އަށް މިސްރުގެ އޭރިއާ ކައިރިން ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. 
މިސްރުން ވަނީ މެޗުގައި ލިބުނު ފުރަތަމަ ފުރުސަތުގައި 20 ވަނަ މިނިޓްގައި ލަނޑު ޖަހައިފަ އެވެ. މިއީ، ސަލާހު ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، އޭރިއާބޭރުން އިމާމް އާޝޫރު ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ. އެ ބޯޅަ ހުއްޓުވަން ބެލްޖިއަމްގެ ކީޕަރު، ތިބޯ ކޯޓުއާ އަށް ވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ. 
ބެލްޖިއަމަށް ފުރަތަމަ ހާފުގައި އެއްވަރުކޮށްދޭން ލެއަންޑްރޯ ޓްރޮސާޑް އާއި ޖެރެމީ ޑޮކޫ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުންހިފޭ ގޮތެއްނުވި އެވެ.
އެކަމަކު، މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަރަކަށް މިނިޓް ތެރޭ ބެލްޖިއަމުން އެއްވަރުކުރުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން ޑި ބްރޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. 
އޭގެ ފަހުން، އެޓޭކަށް ޖެހިގެން، މިސްރުން ދެ ވަނަ ލަނޑެއް ޖެހޭތޯ ރަނގަޅު ފުރުސަތެއް ތަނަވަސްކުރި އެވެ. އޭރިއާތެރެއަށް އައި ހުރަހެއްގައި ސަލާހު ބޮލުން ފޮނުވާލި ހަމަަލާ ކީޕަރު ކޯޓުއާ އަތުގައި ޖެހިފައި ރީބައުންސަށް އައި ބޯޅަ އަޝޫރަށް ލިބުނު ނަމަވެސް ފޮނުވާލި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ.
އޭގެ ފަހުން، މިސްރުގެ އޮމަރު މާމޫޝް ވަނީ ރަނގަޅު ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. 
ލީޑުފުޅާކުރަން މިސްރަށް ލިބުނު ފުރުސަތުތައް ނަގާލިއިރު، ބެލްޖިއަމުން ބަދަލަކަށް ރޮމެލޫ ލުކާކޫ ކުޅެން އެރިތާ މިނިޓެއް ވެސް ނުވަނިސް އޭނާގެ ނުފޫޒާ އެކު ވަން ގޯލަކުން ބެލްޖިއަމުން އެއްވަރުކުރި އެވެ. އެ ގޮތުން، މެޗުގެ 67 ވަނަ މިނިޓްގައި، އޭރިއާތެރެއަށް ހުރަސްވި ބޯޅައެއްގައި ލުކާކޫ ކައިރިން ޑިފެންސްކުރަން އެރި މިސްރުގެ މުހައްމަދު ހާނީ ފައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ. 
މެޗުގެ ފަހު ކޮޅުގައި ބެލްޖިއަމާއި މިސްރުން ވެސް ގިނަ އެޓޭކްތަކެއްކޮށް ލަނޑު ޖެހޭތޯ މަސައްކަތްކުރިއިރު، އެކަން ކާމިޔާބުވާގޮތެއްނުވި އެވެ. އެ ގޮތުން، ލުކާކޫ އަށް ލިބުނު ފުރުސަތާއި ބެލްޖިއަމްގެ ބްރެންޑަން މިކޭލޭ ބޮލުން ޖެހި ބޯޅަ މިސްރުގެ ކީޕަރު، މުސްތަފާ ޝޮބޭރު ވަނީ މަތަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ