ވޯލްޑްކަޕް ވޯލްޑްކަޕް ބެލްޖިއަމާއި މިސްރު ފެށީ ޕޮއިންޓަކުން

އެމެރިކާގެ ސިއެޓްލް ސްޓޭޑިއަމްގައި ކުޅުނު ވޯލްޑް ކަޕްގެ ގްރޫޕް ޖީގެ ފޯރިގަދަ މެޗުގައި ބެލްޖިއަމާއި މިސްރު ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
މި މެޗުގައި ފެނިގެންދިޔައީ ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެކެވެ. މެޗުގެ 19 ވަނަ މިނެޓުގައި އިމާމް އަޝޫރު ކާމިޔާބުކޮށްދިން ގޯލުން އެ މިސްރުން ލީޑު ނެގިއެވެ. ފުރަތަމަ ހާފު ނިމުނުއިރު 1-0 އިން މިސްރު ކުރީގައި އޮތްއިރު، ބެލްޖިއަމަށް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.
ދެވަނަ ހާފުގައި ބެލްޖިއަމުން ކުޅުން ރަނގަޅުކޮށް، ގޯލެއް ޖެހުމަށް މަސައްކަތްކުރިއެވެ. މިގޮތުން، މެޗުގެ 66 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ރޮމެލޫ ލުކާކޫގެ ނުރައްކަލާއެކު ބެލްޖިއަމަށް ގޯލެއް ލިބިގެންދިޔައެވެ. އެ ގޯލަކީ މިސްރުގެ މުހައްމަދު ހަނީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހުގެ 34 ވަނަ އުފަންދުވަހާ ދިމާކޮށް ކުޅުނު މި މެޗުގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ބެލްޖިއަމްގެ ފަރާތުން ކެވިން ޑި ބްރޭނާ އަދި ޖެރެމީ ޑޮކޫގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ފެނުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ