ޗެކިއާ ބަލިކުރެވޭނީ ވަރަށް ރޫހުގައި ކުޅެގެން: މަސީކޯ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޗެކިއާ ބަލިކުރެވޭނީ ވަރަށް ރޫހުގައި ކުޅެގެން ކަމަށް ދެކުނު އެފްރިކާގެ މިޑްފީލްޑަރު ތަޕެލޯ މަސީކޯ ބުނެފި އެވެ.
އޭނާ މިހެން ބުނީ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ އަތުން ބަލިވެފައިވާތީ އެވެ.
"މި މުބާރާތުގެ މެޗުތައް ވަރަށް އަވަސް، ވަރަށް ހަލުވި ދުވުންތައް ފެނިގެން ހިނގައްޖެ. އަދި އަލްޓިޓިއުޑް އަކީ ވެސް މެޗުތަކަށް އަސަރު ކުރުވާ ކަމެއް. އެހެންވީމާ އަހަރުމެން އެބަޖެހޭ ވަރަށް އަވަސްވާން. ވަރަށް ރޫހުގައި ކުޅެލަން އެބަޖެހޭ،" މެކްސިކޯ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު ކުޅުންތެރޔާ ބުންޏެވެ.
"އަހަރެންނަށް ފެނުނު ގޮތުގައި ދެކުނު އެފްރިކާގައި ތަފާތު ދަރިކޮޅުތަކުގެ މީހުން އުފާ ކުރެވޭނެ ހަމައެކަނި ގޮތަކީ އަހަރުމެން މެޗުން މޮޅުވުން. އޭރުން ފާޑުކިއުންތައް ވެސް ހުއްޓުވޭނެ،" ތަޕެލޯ ބުންޏެވެ.
މެކްސިކޯ އަތުން ބަލިވުމުން ދެކުނު އެފްރިކާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ. ހާއްސަކޮށް މުބާރާތުގެ ފުރަތަމަ މެޗުގައި ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުންނެވެ. ނަމަވެސް ކޯޗު ހޫގޯ ބުރޫސް ބުނީ އޭނާގެ ޓީމުގެ ކުޅުމުގެ ފެންވަރު ރަނގަޅު ކަމަށެވެ.
"އަހަރުމެންގެ ފެންވަރު ނުވެއްޓޭ. އެކަމަކު މި މުބާރާތުގެ މެޗުތައް މި ކުޅެނީ އަހަރުމެންގެ ފެންވަރަށްވުރެ ތަންކޮޅެއް މަތިކޮށް. އަހަރުމެން ކުޅުނީ އަހަރުމެންނަށްވުރެ ވަރުގަދަ ޓީމަކާ. އަހަރެންނަށް ފެނުނީ ބޯޅަ ލިބުމުން ހަދާނެ ގޮތެއް ނޭނގިގެން އުޅުނު މެކްސިކޯ ކުޅުންތެރިންތަކެއް. އަހަރުމެންގެ ޑިފެންސް ވެސް ގޯހެއް ނޫން،" ކޯޗު ބުންޏެވެ.
މި މެޗަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ޗެކިއާގެ ޑިފެންޑަރު ޔަރޮސްލާވް ޖެރެނީ ބުނީ މެކްސިކޯ މެޗު ވަރަށް ބޮޑަށް އުނދަގޫވާނެ ކަމަށާއި މިހެންވެ ދެކުނު އެފްރިކާ ބަލިކުރަން ޖެހޭނެ ކަމަށެވެ.
"އަހަރުމެންނަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ ދެކުނު އެފްރިކާ ބަލިކުރުން. ކޮރެޔާ މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކޮށްފިނަމަ އަހަރުމެންނަށް މި މެޗުން މޮޅުވެވޭނެ،" އޭނާ ބުންޏެވެ.
މި ދެ ގައުމު އެންމެ ފަހުން ކުޅުނު ފަސް މެޗަށް ބަލާއިރު ދެކުނު އެފްރިކާ އަށް އެއްވެސް މެޗެއް ކާމިޔާބު ނުކުރެވެ އެވެ. އެކަމަކު ޗެކިއާ ވަނީ އެ ގައުމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ