ޝީއިން، ޓީމޫ ފަދަ ޕެކޭޖުތަކުން 3 ޔޫރޯގެ ފީއެއް ނަގަން އީޔޫން ނިންމައިފި

ޗައިނާއިން އެތެރެކުރާ އަގުހެޔޮ އޮންލައިން (އީ-ކޮމާސް) މުދަލުން 3 ޔޫރޯގެ ކަސްޓަމްސް ފީއެއް ނަގަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ން މިއަދު ފަށައިފި އެވެ.
މިއީ ނާޖާއިޒު ވާދަވެރިކަން ހުއްޓުވުމުގެ މަގްސަދުގައި ޝީއިން، ޓީމޫ އަދި އަލީއެކްސްޕްރެސް ފަދަ ޕްލެޓްފޯމްތަކަށް އަމާޒުކޮށްގެން އެޅި ފިޔަވަޅެކެވެ.
މި އާ ފީ ނަގާނީ ޝިޕްމަންޓެއްގައި ހިމެނޭ ކޮންމެ މުދަލެއްގެ ބާވަތަކަށެވެ. މިސާލަކަށް، ތަފާތު ތިން ބާވަތެއްގެ މުދާ ހިމެނޭ ޕާރުސަލަކުން 9 ޔޫރޯގެ ފީއެއް ނަގާނެ އެވެ.
މި ފިޔަވަޅަކީ 150 ޔޫރޯއަށް ވުރެ އަގު ދަށް މުދަލުން މީގެ ކުރިން ޑިއުޓީ މާފުކޮށްދީފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެޅި ފިޔަވަޅެކެވެ.
އީޔޫގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، 2022 ވަނަ އަހަރު 1.4 ބިލިއަނުގައި ހުރި މިފަދަ އަގުހެޔޮ ޕާރުސަލްތަކުގެ އަދަދު 2025 ވަނަ އަހަރު 5.8 ބިލިއަނަށް އިތުރުވެފައިވާއިރު، ކުރީގެ އިސްތިސްނާގެ ބޭނުން ނާޖާއިޒު ގޮތުގައި ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ ހިފާފަ އެވެ.
އީޔޫގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ޑާކް ގޮޓިންކް ވިދާޅުވީ، ކުރިން ދީފައިވާ އިސްތިސްނާގެ ބޭނުން "އިންޑަސްޓްރީ ފެންވަރެއްގައި ނާޖާއިޒު ގޮތުގައި ހިފައި، އީޔޫގެ ވިޔަފާރިތަކަށް ގެއްލުންވާ ގޮތަށް ވާދަވެރިކަމުގެ ނާޖާއިޒު ފައިދާ ހޯދާފައިވާ" ކަމަށެވެ.
އިންޑަސްޓްރީގެ ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ހަފުތާތަކުގައި ވައިގެ މަގުން ޔޫރަޕަށް އެތެރެކުރާ އީ-ކޮމާސް މުދަލުގެ މިންވަރު %10 އާއި %35އާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ އެވެ. އަދި ވިޔަފާރިވެރިން މި އިތުރުވާ ހަރަދުތައް ކަސްޓަމަރުންގެ އަތުން ނަގަން ފެށުމުން، މުދަލުގެ އަގުތައް އުފުލުމާ އާންމުންނަށް ކުރިމަތިލާން ޖެހޭނެ އެވެ.
މި 3 ޔޫރޯގެ ފީއަކީ ވަގުތީ ފިޔަވަޅެކެވެ. އެގޮތުން، އީޔޫގެ އާ ކަސްޓަމްސް އޮތޯރިޓީގެ މަސައްކަތްތައް ޖުލައި 2028 ފަށާ، މިއަށް ވުރެ ތަފްސީލީ ޑިއުޓީތަކެއް ތައާރަފުކުރެވޭނެ އެވެ.
އަލީއެކްސްޕްރެސްއިން ބުނި ގޮތުގައި، މުދާ ގަނެ ނިންމުމުގެ ކުރިން ކަސްޓަމަރުންނަށް މި އެތެރެކުރުމުގެ ފީ ފެންނަން ހުންނާނެ އެވެ. ނަމަވެސް އެމެޒޯންއިން ފާހަގަކުރި ގޮތުގައި އީޔޫގެ ގައުމުތަކުން އެ ކުންފުންޏަށް ލިބޭ އޯޑަރުތަކުގެ %97އަކީ މިހާރު ވެސް ޔޫރަޕްގެ އިއްތިހާދުގެ އެތެރޭގައި ހުރި ގުދަންތަކުން ފޮނުވޭ މުދަލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ