ރާއްޖޭގެ އިގްތިސާދުގެ ހަގީގީ ބާރަކީ ރަށްތަކުގައި ކުރިއެރުން ހޯދައި، ފުރުސަތުތައް ފަހިކޮށްދެމުންދާ އެތައް ހާސް ކުދި ވިޔަފާރިތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ވަރުގަދަ އަދި ސާބިތު ދިވެހި އިގްތިސާދެއް ބިނާކުރުމުގައި މިފަދަ ވިޔަފާރިތަކުން އަދާކުރާ ދައުރު ސަރުކާރުން ބަލައިގަންނަ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި "މޯލްޑިވްސް 2.0" ގެ ދަށުން، ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި، ޑިޖިޓަލް ވަސީލަތްތަކާއި، އިންފްރާސްޓްރަކްޗާގެ އިތުރުން ބައިނަލްއަގުވާމީ މާކެޓްތަކަށް ވާސިލްވުމުގެ ފުރުސަތު ސަރުކާރުން ދަނީ ފުޅާކުރަމުންނެވެ. މިގޮތުން ސަގާފީ މަސައްކަތްތެރިންނަށް ހާއްސަ މަރުކަޒުތަކާއި، ކްރިއޭޓާ ހަބް، އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގް، އަދި އަލީބާބާ އާއި ޕޭޕަލް މެދުވެރިކޮށް ބައިނަލްއަގުވާމީ ބާޒާރުތަކަށް ދިވެހި އުފެއްދުންތައް ނެރުމަށް މަގުފަހިކޮށްދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ އަމާޒު ސާފު، ފުރުސަތުތައް އެންމެނަށް ވެސް ހަމަހަމަކަމާއި އެކު ލިބެން ޖެހޭ" ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް 2026 އަދި 2027 ވަނަ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ކުރެވިފައިވާ ދެ އަހަރު ކަމުގައިވެސް ރައީސް އިއުލާނުކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ ކޮންމެ ވިޔަފާރިވެރިއަކަށްވެސް ކުރިއަރައި ދިއުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެފަދަ އިގްތިސާދީ ނިޒާމެއް ބިނާކުރުން ކަމަށް ރައީސް މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އިގްތިސާދުގެ ހަގީގީ ބާރަކީ ކުދި ވިޔަފާރިތައް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ