ޙައްޖުގެ މަތިވެރި އަޅުކަން ފެށުނީއްސުރެ އަރަފާތު ދުވަހުގެ އެންމެ ޚާއްސަ އެއް ކަމަކީ އެ ދުވަހުގެ ޚުތުބާއެވެ. މިއަހަރު އަރަފާތު ޚުތުބާ 35 ބަހަކުން ތަރުޖަމާކުރާނެއެވެ.
މިއީ، ރަސޫލަ ސައްލައްﷲ ޢަލައިހި ވަސައްލަމަގެ ޙައްޖަތުލް ވަދާޢުގެ ޚުތުބާއިން، އަޅުގަނޑުމެން އެންމެ މުސްލިމު އުއްމަތުން ލިބިގަންނަންވީ ފިލާވަޅުތަކުގެ ހަނދާން އައުކޮށްދޭ އެންމެ ބޮޑު ހަރަކާތެވެ. މިއީ މުޅި އުއްމަތަށް ކުރެއްވި ފަހުގެ ވަސިއްޔަތުގެ ބަސްފުޅުތަކެވެ.
ޚުތުބަތުލް ވަދާޢުގައި، އެއްބައިވަންތަކަމާއި، ހަމަހަމަކަން ޤާއިމުކުރުމާއި ކެތްތެރިވުމާއި މުސްލިމް ޢުންމަތް އެކަތިގަނޑެއްގެގޮތުގައި ވުމުގެ އެތައް ފިލާވަޅެއް އުނގަންނަވައިދެއްވިއެވެ. އެހެންކަމުން ކޮންމެ އަހަރެއްގެ އަރަފާތު ދުވަހު، އަރަފާތުބިމުގައި ނަމިރާ މިސްކިތުގައި ދެއްވާ ޚުތުބާ ވެފައިވަނީ އަރަފާތު ދުވަހުގެ އެންމެ ޚާއްސަ އެއް ކަމަށެވެ.
ނަމިރާ މިސްކިތް ބިނާކުރައްވާފައިވަނީ، ޚުތުބަތުލް ވަދާޢު ދެއްވެވި ދަތުރުފުޅުގައި އެކަލޭގެފާނު ފޭލިގެޖައްސަވާ މަޑުކުރެއްވި ބިމުގައެވެ. ޚުތުބާ ދެއްވީ، އަރަފާތުން ކުޑަ ތަންކޮޅެއް ބޭރަށް ނިކުމެވަޑައިގެން އުރަނާ ވާދީން ހުސް ބިމެއްގައި، އެކަލޭގެފާނުގެ އަޙުލުން އެއްކުރައްވައެވެ.
ނަމިރާ މިސްކިތަށް އެ ނަން ދީފައިވަނީ މިސްކިތާ ގާތުގައިވާ ފަރުބަދައަކަށް ނިސްބަތްކޮށެވެ. އެ މިސްކިތަށް މަސްޖިދް އިބްރާޙިމް އަލް-ޚަލީލް، މަސްޖިދް އަރަފާ އަދި މަސްޖިދް އުރަނާ ފަދަ ނަންތަކުން ނަން ދީފައިވެއެވެ.
މިއަދު ނަމިރާ މިސްކިތަކީ މައްކާގެ ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. 110،000 އަކަމީޓަރުގެ އެ ބޮޑު މިސްކިތަކީ އެއްފަހަރާ 4 ލައްކަ މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މިސްކިތެކެވެ. ނަމިރާ މިސްކިތަކީ ކޮންމެ އަހަރަކު އަރަފާތު ދުވަހު އެކަނި ނަމާދުކުރާ މިސްކިތެކެވެ.
މިއަހަރު ނަމިރާ މިސްކިތުގައި، އަރަފާތު ދުވަހުގެ ޚުތުބާ ދެއްވާނީ މަސްޖިދުއްނަބަވީގެ އިމާމު އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ބިން ޢަބްދުލްރަޙްމާން އަލް-ޙުޛައިފީއެވެ.
މިޚުތުބާ ދުނިޔޭގެ ކޮންމެ ބިތަކަށް ފޯރުކޮށްދިނުމަށް ސަޢުދީގެ ރިލިޖަސް އެފެއަރސްއިން ކުރައްވަމުންދާ މަސައްކަތުގައި މިއަހަރު 35 ބަހަކުން ޚުތުބާގެ ތަރުޖަމާ ގެނެސްދެއްވުމަށްވަނީ ނިންމަވާފައެވެ.
މިއަހަރު އަރަފާތު ޚުތުބާ 35 ބަހަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ