3-0 ކެނަޑާ ބަލިކޮށް، މޮރޮކޯ ކްއާޓާ ފައިނަލަށް!

3-0 ކެނަޑާ ބަލިކޮށް، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލަށް މޮރޮކޯ ދަތުރުކޮށްފިއެވެ.
މުބާރާތުގެ ކްއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ޓީމަކަށް މޮރޮކޯވީ، ގަދަ ސޯޅަ ޓީމް ވާދަކުރާ ބުރުގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ އެއްގައުމު ކެނަޑާގެ މައްޗަށް 3-0 ން ކުރި ހޯދައިގެންނެވެ. މެޗުގައި މޮރޮކޯގެ ފުރަތަމަ ދެ ލަނޑު ޖެހީ އޭޒްދިން އޮނަހި އެވެ. ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނިޓްގައި ލީޑް ނަގައިދިނީ އޭރިޔާ ބޭރުން ލިބުނު ހިލޭޖުން، ކެޕްޓަން އަޝްރަފް ހަކީމީ ޑީއޭރިޔާ ތެރޭގައި ހުރި އޮނަހީ އަށް ޖައްސާލުމުން އެއްފަހުރުން ގޯލްގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. ދެވަނަ ގޯލް ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 8 މިނިޓަށް ވެފައިވަނިކޮށް އޭރިޔާ ތެރެއިން ބްރަހިމް ޑިއާޒް މަޑުމަޑުން ޖައްސާލި ބޯޅަ އެއްފަހަރުން ގޯލުގެ މަތީ ކަނާ ދިމާލަށް ފޮނުވާލައިގެންނެވެ. މޮރޮކޯއިން ތިންވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 8 މިނިޓްގެ ތެރެއިން ފަހު މިނިޓގެ ތެރޭގައެވެ. ބްރަހިމް ޑިއާޒް ދިން ބޯޅަ އޭރިޔާ ތެރޭގައި ކަނާ ދިމާލުގައި ހުރެ ސުފިއާން ރަހީމީ ތިރިތިރި ފޮނުވާލީ ގޯލްގެ ދުރު ކަނަށެވެ.
މެޗުގައި މޮރޮކޯއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މިމެޗާ ހަމައަށް މުބާރާތުގައި އެމީހުން ކުޅުނު ކޮންމެ މެޗެއްގައި ލަނޑު ޖެހި އިސްމާއީލް ސައިބާރީ އަށް 18 ވަނަ މިނިޓްގައި އަނިޔާވެ ބަދަލުކުރަން ޖެހުމެވެ. ކްއާޓާ ފައިނަލްގައި މޮރޮކޯ ވާދަކުރަން ޖެހޭނީ ފްރާންސް ނުވަތަ ޕެރަގުއޭއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ