އެފްއޭއެމުން ފިއުޗާ ހޯމްސް އަށް 25 އަހަރަށް ކުލިނުދައްކާ ގޮތަށް ބޮޑު ބިމެއް

ފީފާ ފޯވާޑްސް ޕްރޮޖެކްޓްގެ ހިންގުމަށްޓަަކައި، އެފްއޭއެމަށް 50 އަހަރަށް ސަރުކާރުން ދީފައިވާ މާލޭ މާފަންނު ސްޓޭޑިއަމް ސަރަަހައްދުގެ ބިމުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، އިބްރާހިމް ފަޒީލް (އޮއްޕޮ)ގެ ކުންފުނި ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔެއް ނެގުމެއް ނެތި 25 އަހަރަށް ދީފައިވާކަން ހާމަވެއްޖެ އެވެ. 
އެފްއޭއެމްގެ ހިންގާ ކޮމިޓީގެ 14 ވަނަ ބައްދަލުވުމާ ގުޅިގެން މީޑިއާ އަށް ހިއްސާ ކުރި މައުލޫމާތުގައި ބުނެފައިވަނީ 01 ފެބްރުއަރީ 2017 ވަނަ ދުވަހުންފެށިގެން 50 އަހަރުގެ މުއްދަތައް ފީފާގެ ފޯވާޑްސްގެ ޕްރޮޖެކްޓްސް ހިންގުމަށް ޚާއްސަކޮށްގެން މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން އެފްްއޭއެމަށް ދޫކޮށްފައިވާ މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ މައްސަލައިގައި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. 
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރަޖިސްޓްރީގައިވާ ގޮތުން، ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކީ ކުރީގެ އެއް ވަނަ ކުޅުންތެރިޔާ، އޮއްޕޮ އެވެ.
އެ ގޮތުން، އެފްއޭއެމް އިން ބުނެފައިވަނީ، މާފަންނު ސްޓޭޑިއަމްގައި ގުދަން ހަދާފައިވާ ފަރާތްތަކުގެ ތެރެއިން، އޮއްޕޮގެ ކުންފުނި، ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑަށް އެ ބިން ހުސްކުރުމަށް އެކި ފަހަރުގެ މަތިން އެންގުމުން ވެސް އެކަން އެ ގޮތަށް ކޮށްފައިނުވާ ކަމަށެވެ. އަދި، އެ ބިން ހުސްކުރުމަށާއި ހަވާލުކުރުމަށް ފިއުޗާ ހޯމްސް އިން ދެކޮޅުހަދަމުންދާތީވެ، ފުޓްބޯޅަ ދަނޑުއެޅުމަށް އެ ބިންހުސްކުރުމުގައި ޤާނޫނީގޮތުން އަޅަންހުރި ފިޔަވަޅުތައް އެޅުމަށް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ. 
މާފަންނު ސްޓޭޑިއަމް ސަރަަހައްދުން، އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕުން އޮއްޕޮގެ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑަށް 1 ޖެނުއަރީ 2023 އިން 25 އަހަރުގެ މުއްދަަތަށް ދީފައިވަނީ 2700 އަކަފޫޓުގެ ބިމެކެވެ. ޑެގް އަޅައިގެން ދެ ބުރި އަށް ހެދުމަށް ހުއްދަ ދީފައިވާ މި އިމާރާތަށް ފުރަތަމަ 25 އަހަރު އެއްވެސް ކުއްޔެއް ނުނަގާނެ އެވެ. އެ ގޮތުން، ކުއްޔަށް ދޭ ފައިސާގެ ތެރޭގައި ހިމެނޭހެން، ފިއުޗާ ހޯމްސް އިން 1.8 މިލިއަން ރުފިޔާ އަށް އަގުކުރެވޭ ގޮތަށް، ކުނިއުކި ކަަމަށް ބުނެފައިވަނީ ނަމަވެސް، އެކަމަށްޓަކައި އެފްއޭއެމްގައި އެއްބަސްވުމެއް ހެދިފައިނެތެވެ.
މީގެ އިތުރުން، ފިއުޗާ ހޯމްސް އިން އެ ތަނުގައި ގުދަށް އިމާރާތްކޮށްފައިވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، އާއި މާލޭ ސިޓީ ކައުންސިލް އެއްވެސް ހުއްދައެއް އަދި ކުރެހުމެއް ފާސްކުރުމަކާއި ނުލައިކަން އެ އިދާރާތަކުން ވެސް ވަނީ އަންގައިފަ އެވެ. 
އެހެންކަމުން، އެ ބިން ހުސްކުރަން ގާނޫނީ ފިޔަވަޅު އަޅަން އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ. 
އެފްއޭއެމްގެ ހިންގާ ކޮމިޓީގެ އެންމެ ފަހުގެ ބައްދަލުވުމުގައި، ދެން، އެފްއޭއެމް އިން ނިންމާފައިވަނީ،  ފީފާއިން ޚަރަދުކޮށްގެން ހަދަން ފަށާފައިވާ އިމާރާތުގެ އެކި ބައިތަށް އެކިފަރާތްތަކަށް ނުއަގުގައި ކުއްޔަށް ދޫކޮށްފައިވަނީ ފީފާގެ ހުއްދަތެއްނެތި އިމާރާތުގެ ކުރެހުމަށް ބަދަލުގެނެސްގެން ކަމަށެވެ.
އަދި، އެފްއޭއެމްގެ އެކްސްކޯގެ ސައްހަ ނިންމުމެއްނެތި އިމާރާތުގެ ކަންކަމަށް ބަދަލު ގެނެސްފައިވާތީވެ، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ހަދާފައިވާ އިމާރާތުގެ އެކި ބައިތަކުގައި ގުދަންހަދާފައިވާ ފަރާތްތައް، އެ އިމާރާތުން ހުސްކުރުމަށް ކުރަންޖެހޭ ގާނޫނީ އެންމެހާ މަސައްކަތްތައް ފެށުމަށް ވެސް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ