ހިއުސްޓަން (ޖުލައި 4) - މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކޯ ހޯސްޓް ކެނެޑާ 3-0 އިން ބަލި ކޮށް މޮރޮކޯ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މިއީ ކެނެޑާ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ނޮކައުޓް ބުރު ކުޅުނު ފުރަތަމަ ފަހަރެވެ. ކެނެޑާ ވަނީ މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މޮރޮކޯގެ ޑިފެންސަށް ނުރައްކާ ކޮށްފަ އެވެ. މީގެ އިތުރުން މުޅި މެޗުގައި ވެސް އެންމެ ގިނަ ހަމަލާ ފޮނުވާލާފައި ވަނީ ކެނެޑާ އެވެ. ނަމަވެސް ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
މިރޭގެ މެޗުގެ ފުރަތަމަ 20 މިނިޓުތެރޭ މޮރޮކޯގެ އިސްމާއިލް ސައިބާރީ އަށް އަނިޔާ ވެގެން ވަނީ ބަދަލު ކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކޯޗު މުހައްމަދު ވާބީ ކުޅެން އެރުވީ ސުފިއާން ރަހީމީ އެވެ.
ސައިބާރީ އަކީ މި އަހަރު މޮރޮކޯ އަށް މުހިއްމު ކުޅުމެއް ކުޅެދެމުން އައި ކުޅުންތެރިއެކެވެ. އޭނާ ވަނީ ގުރޫޕް ސްޓޭޖުގައި ބްރެޒިލް އާއި ސްކޮޓްލެންޑް އަދި ހައިޓީ ކޮޅަށް ގޯލު ޖަހައި، ނޮކައުޓް ބުރުގެ ފުރަތަމަ މެޗުގައި ނެދަލެންޑްސްއާ ދެކޮޅަށް ޕެނަލްޓީ ޝޫޓައުޓްގައި އެ ޓީމު މޮޅުވި ޕެނަލްޓީ ޖަހައިދީފަ އެވެ.
މޮރޮކޯގެ ފުރަތަމަ ދެ ގޯލު ދެވަނަ ހާފުގައި ޖަހައިދިނީ އަޒަދީން އޮނާހީ އެވެ. އޭނާ ވަނީ އަޝްރަފް ހަކީމީގެ ޕާހަކުން 50 ވަނަ މިނިޓުގައި މޮރޮކޯ އަށް ލީޑު ނަގައިދީފަ އެވެ. އަދި ދެވަނަ ލަނޑު، ބްރަހީމް ޑިއާޒްގެ ޕާހަކުން ޖަހައިދިނީ 82 ވަނަ މިނިޓުގަ އެވެ.
އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނިޓު ހަމަވާން 10 ވަރަކަށް ސިކުންތަށް ވެފައި ވަނިކޮށް ކައުންޓާ އެޓޭކެއްގައި މޮރޮކޯގެ ފަހު ލަނޑު ޖަހައިދިނީ ސުފިއާން ރަހީމީ އެވެ. މި ލަނޑު ޖަހަން އެހީ ވީ ވެސް ޑިއާޒް އެވެ.
މިއާ އެކު ޑިއާޒް ވަނީ މި މުބާރާތުގައި މިހާތަނަށް ޖުމްލަ ހަތަރު ގޯލު އެސިސްޓް ކޮށްފަ އެވެ. އަދި އޭނާ ވެފައި ވަނީ އެއް މުބާރާތެއްގައި ހަތަރު ގޯލު އެސިސްޓް ކުރި އެފްރިކާ ބައްރުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ކުއާޓާ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ނުކުންނާނީ ޕެރަގުއޭ އާއި ފްރާންސް ބައްދަލުކޮށް މޮޅުވާ ޓީމެކެވެ.
ފެށުން ފީކަޅާ، އެކަމަކު ބޮޑު މޮޅަކާ އެކު މޮރޮކޯ ކުއާޓާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ