ފ ފީއަލީ ކައުންސިލުން 2023 ވަނަ އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ބިލުތަކަށް ފައިސާ ނުދައްކާހުރިކަން ފާހަގަކުރެވިފައިވާކަމަށް އޮޑިޓާރ ޖެނަރަލްގެ އޮފީހުން ބުނެފިއެވެ.
އޮޑިޓާރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ފ ފީއަލީ ކައުންސިލުގެ 2023 ވަނަ އަހަރުގެ ކޮމްޕްލައެންސް އޮޑިޓުގައިވާގޮތުން ދައުލަތުގެ އޮފީޙަށް އެކި ފަރާތްތަކުން ހުށައަޅާ ބިލު ނުވަތަ އިންވޮއިސްގައި މައްސަލައެއް ނެތްނަމަ އެންމެ ލަސްވެގެން ސަރުކާރު ބަންދު ނޫން 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކަންޖެހޭކަމަށް މާލިއްޔާތު ގަވައިދުގައި ބަޔާންކޮށްފައިވާކަމަށެވެ.
ނަމަވެސް 2023 ވަނަ އަހަރު ނިމުނުއިރު ފެނަކަ ކުންފުނިން ފޯރުކޮށްދީފައިވާ ކަރަންޓުގެ ހިދުމަތުގެ ބިލުތަކުގެ ތެރެއިން 2020 ވަނަ އަހަރާއި 2021 އަދި 2022 ވަނަ އަހަރާއި ގުޅޭ ޖުމުލަ 1،314،758 ރުފިޔާގެ ބިލަށް ކައުންސިލުން ފައިސާ ދައްކާފައިނުވާކަން ފާހަގަކުރެވޭކަމަށެވެ. މިއީ ކައުންސިލުގެ އިދާރާގެ އިތުރުން ކައުންސިލުން ބަލަހައްޓާ ދެ މިސްކިތާއި މަގު ބައްތިތަކަށް ފޯރުކޮށްދީފައިވާ ކަރަންޓުގެ ހިދުމަތުގެ ބިލުތައްކަމަށް ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ ފިނޭންސް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަން އަދި މިކަމާއި ގުޅިގެން މުއާމަލާތްތައްވެސް ކުރެވިފައިވާކަން ލިޔެކިއުންތަކުން ފެންނަން ހުރިކަންވެސް އޮޑިޓުން ހިއްސާކޮށްފައިވެއެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން ކަރަންޓު ބިލު ދެއްކިފައިނުވަނީ ކޮވިޑްގެ ބަލިމަޑުކަން އައުމާއިއެކު ކައުންސިލަށް ދޭ ބްލޮކް ގްރާންޓުގެ އަދަދު މަދުކޮށްފައިވުމުންކަމަށާް ބުނެފައިވާކަން ފެނިގެންދާކަމަށް އާންމުކޮށްފައިވެއެވެ. މައްސަލަ ހައްލުކުރުމުގެ ގޮތުން ކައުންސިލުންވަނީ ކަރަންޓު ބިލަށްވާ ފައިސާ ކައުންސިލުގެ ބަޖެޓަށް އިތުރުކޮށްދިނުމަށް އެދިފައިކަމަށްވާއިރު އިތުރުނުކޮށްދޭ ހާލަތުގައި ބަޖެޓުން ކަރަންޓު ބިލުގެ ފައިސާ ހަމަނުޖެއްސޭނެކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީންވަނީ ކައުންސިލުގެ ކަރަންޓު ބިލުގެ ފައިސާ ބަޖެޓުން ހަމަޖެއްސުމަށް އަންގާފައިނަމަވެސް ރިޕޯޓު އެކުލަވާލިއިރުވެސް ކަރަންޓު ބިލަށްވާ ފައިސާ ފެނަކަ ކޯޕަރޭޝަނަށް ދައްކައި މައްސަލައަށާް ހައްލެއް ގެނެސްފައިނުވާކަމަށް ބުނެފައިވެއެވެ.
ފީއަލީ ކައުންސިލުން ތިން އަހަރެއްގެ ކަރަންޓު ބިލު ނުދައްކާ: އޮޑިޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ