ޒަކާތު ފަންޑުން މަތީ ތައުލީމުގެ ސްކޮލަޝިޕްތަކަށް ހުޅުވާލައިފި

ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ސްކޮލާޝިޕްތަކާއި ހާއްސަ ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
މަތީ ތައުލީމު ހާސިލުކުރުމަށް ދޭ ސްކޮލޝިޕާއި މަތީ ތައުލީމު ހާސިލުކުރުމަށްދޭ ހާއްސަ ސްކޮލާޝިޕުގެ ފުރުސަތަށް އެދި ހުށަހަޅާ އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ޖުލައި 16 ވަނަ ދުވަހުގެ 14:00އެވެ.
މިޕްރޮގުރާމުގެ ދަށުން އިސްލާމީ އެކި ދާއިރާތަކުން މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މީގެ ތެރޭގައި އިސްލާމީ ޝަރީއާ، ގުރުއާނާ ބެހޭ އިލްމު، އިސްލާމީ ތައުލީމު، އިސްލާމީ ދިރާސާއާއި ޝާއިއުކުރުން، އިސްލާމީ ނޫސްވެރިކަން، އަގީދާ، ފިގުހު، އުސޫލުލް ފިގުހު އަދި އިސްލާމީ ލީޑަޝިޕް އެންޑް މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނެ އެވެ.
ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ، ވިލާ ކޮލެޖު، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖުގައި ކިޔެވުމަށް މި ޕްރޮގްރާމުގެ ތެރެއިން ފުރުސަތު ލިބެ އެވެ.
ރާއްޖޭން ބޭރުގެ ފުރުސަތުތައް ހުޅުވާލާފައިވަނީ އަލް އަޒްހަރް ޔުނިވަސިޓީ، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާ، އިންސިފް، ޔުނިވަސިޓީ ސައިންސް އިސްލާމް މެލޭޝިއާ، ޔުނިވަސިޓީ ބުރުނާއީ ދާރުއްސަލާމް އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އިސްލާމްއާބާދު ހިމެނެ އެވެ.
މި ފުރުސަތުގެ ދަށުން ޖުމުލަ 30 ސްކޮލަޝިޕް ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. މީގެތެރެއިން 10 ފުރުސަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުސަތު ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން ހާއްސަ ސްކޮލަޝިޕް ސްކީމުތަކެއްވެސް ވަނީ ތައާރަފްކޮށްފަ އެވެ. މީގެ ތެރޭގައި ސައުދީ އަރަބިއްޔާއާއި މިސްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބޭ ގޮތަށް ދޭ ފަސް ފުރުސަތާއި، އަންހެނުންގެ ސިއްހަތާ ގުޅުން ހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީން ކުރުމަށް ދޭ ފަސް ހާއްސަ ސްކޮލަޝިޕް ހިމެނެ އެވެ.
މި ސްކޮލަޝިޕް ފުރުސަތުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައި ވާންޖެހެ އެވެ. އަދި މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތަކަށް ވުމާއެކު، ކިޔަވަން ބޭނުންވާ ޕުރޮގުރާމަށް ވަނުމަށް ބޭނުންވާ އެކަޑަމިކް ޝަރުތުތައް ހަމަވާންޖެހެ އެވެ. މީގެ އިތުރުން އެ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ފުލްޓައިމް ކޯހެއްގައި އެންރޯލްވެފައިވާ ފަރާތަކަށް ވާންޖެހެ އެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން މުއައްސަސާއެއްގެ މާލީ އެހީތެރިކަން ލިބެމުންދާ ފަރާތަކަށް ވެގެން ނުވެ އެވެ.
ލިސްޓުގައި ހިމަނާފައިވާ ދާއިރާތަކުގެ އިތުރުން އެހެން ދާއިރާތަކުން ކިޔެވުމަށް ހުށަހެޅުމުގެ ފުރުސަތުވެސް ފަހިކޮށްދީފައިވެއެވެ. ނަމަވެސް އެއީ ދިވެހި އިސްލާމީ މުޖުތަމައު ތަރައްގީކުރުމަށް މުހިއްމު ދާއިރާއަކަށް ވާންޖެހެ އެވެ.
އެޕްލިކޭޝަން ހުށަހަޅާއިރު އެކަޑަމިކް ޓްރާންސްކްރިޕްޓްތަކާއި، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ކަމާގުޅޭ ސެޓިފިކޭޝަން ހުއްދަތައް ހިމެނޭހެން ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް ހުށަހަޅަންޖެހެ އެވެ. އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ދަރިވަރުން ހޮވުމުގެ މަސައްކަތް ކުރާނީ ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ކޮމިޓީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ