އޭނާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވިޔަސް އެއްވެސް މީހަކު ބާކީ ނުކުރައްވާނެ ކަމަށް، އެ މަގާމަށް ވާދަ ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މީކާއިލް މިގޮތަށް ވިދާޅުވީ، އޭނާއާ ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖްތަކެއްގައި ހުރި ވާހަކަތަކަކަށް ރިއާޔަތްކުރައްވައި އެކަމާ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.
ތަފްސީލު - ނަޝީދު އެ ގްރޫޕަށް ކުރެއްވި މެސެޖެއްގައި ވިދާޅުވީ، މި އިންތިހާބުން ބަލިވާ ބޭފުޅުން ޕާޓީގެ ކަންކަމުގައި "ތަންކޮޅެއް ދުރުގައި، އެހެނަސް ފަހަތުގައި ތިއްބަވާނެ ކަމަށް އުންމީދު ކުރަން" ކަމަށެވެ.
"ކައިރީގައި ތިއްބަވަން ޖެހެނީ މޮޅުވާ ބޭފުޅުން،" ނަޝީދުގެ އެ މެސެޖުގައި ލިޔުއްވާފައިވެ އެވެ.
މީކާއިލް އިއްޔެ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރެއްވި އޭނާގެ ކެމްޕެއިން އިންޓަވިއުތައް ހިމެނޭ 'އިތުބާރު ސައްލާ' ސިލްސިލާގެ ހަތަރު ވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ނަޝީދުގެ އެ ވާހަކަތަކާ މެދު އޭނާގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.
"އަޅުގަނޑު ކުޑަކޮށް ވެސް ގަބޫލެއް ނުކުރަން އެތެރޭގެ އިންތިހާބެއްގައި ވަކި ފަޅިއެއްގައި ތިބޭ މީހުން، އިންތިހާބު ނިމުނީމާ ބާކީ ވާން ޖެހޭނެ ކަމަކަށް. އަދި އެންމެ ފަހަތު ސަފުގައި ތިބެން ޖެހޭނެ ކަމަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން،" ނަޝީދު ގައުމީ މަޖިލިސް ގްރޫޕުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އޮތް ހިޔާލަކީ ކޮބައިތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވި ގޮތުގައި، އޭނާއާ އެކު ތިބި ގިނަ މީހުންނަކީ "އެމްޑީޕީ ބަޔަކު މީހުން މަގުމަތިކޮށްލުމުން" މިދިޔަ ތިން އަހަރު ޕާޓީ ހިފަހައްޓަން އެންމެ ގަދައަށް މަސައްކަތް ކުރި މީހުންނެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށް ފަހު، މިދިޔަ ތިން އަހަރު ޕާޓީގެ ކުރީ ސަފުގައި ތިބީ އެ މީހުން ކަމަށް މީކާއިލް ފާހަގަ ކުރެއްވި އެވެ.
"އެހެންވީމަ އަޅުގަނޑަށް މި އިންތިހާބު ކާމިޔާބު ނުވެއްޖެ ނަމަ، ނުވަތަ އަޅުގަނޑާ ވާދަ ކުރައްވާ ފަރާތަށް މި އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، އެ ބޭފުޅުން [މީކާއިލްއާ އެކު އޮތް ޓީމު] އެންމެ ފަހަތަށް ދާން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ގިނަ މެންބަރުންގެ ތާއީދާ އެކު ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ މީކާއިލް ވިދާޅުވި އެވެ.
"އަދި އަޅުގަނޑު މި އިންތިހާބު ކާމިޔާބުކުރުމަށް ފަހު، އަޅުގަނޑާ އެކު ނުތިބޭ މީހުން ބާކީ ނުކުރާނަން، އެއްކައިރި ނުކުރާނަން."
މީކާއިލް ވިދާޅުވީ، ބަޔަކު ބާކީކޮށް، ފަހަތު ސަފުގައި ބައިތިއްބައިގެން އެމްޑީޕީ ބޮޑު ޕާޓީއަކަށް ނުހެދޭނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - ނަޝީދުގެ އެ ވާހަކަތަކާ މެދު ޕާޓީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅު ކުރި ފަހުން އެ މަނިކުފާނު ފަހުން ފޮނުއްވި މެސެޖްގައި ވިދާޅުވީ، އެއްވެސް ބޭފުޅަކު ޕާޓީން ވަކިވެގެންދާން އެދިވަޑައިނުގަންނަވާ ކަމަށެވެ. އަދި އަމާޒަކީ 1 ލައްކަ މެންބަރުންނަށް ޕާޓީ ބޮޑު ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަޅުގަނޑު ހޮވިގެން އެއްވެސް މީހަކު ބާކީއެއް ނުކުރާނަން: މީކާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ