ބަޙްރެއިނާއި ކުވެއިތަށް ދިން ހަމަލާތައް ސަރުކާރުން ކުށްވެރިކޮށްފި

ބަޙްރެއިންއާއި ކުވއިތުގައި އާންމުން ދިރިއުޅޭ ތަންތަނާއި މުހިއްމު ބިނާތަކަށް މިސައިލާއި ޑްރޯންއިން ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި ހަމަލާތަކަކީ ބަޙްރެއިން އަދި ކުވެއިތުގެ ސިޔާދަތަށް ހުރަސްހެޅި ސަރަހައްދީ ހަމަޖެހުމަށް ނުރައްކާތެރި ކަމެއް ކަމަށް ރާއްޖޭން ދެކޭކަމަށެވެ. އަދި ދިވެހިރާއްޖޭން އަބަދުވެސް ބަޙްރެއިން އަދި ކުވައިތާ އެކުގައިވާ ތިބޭނެކަމަށާއި އެ ދެގައުމުގެ ސިޔާދަތު ރައްކާތެރި ކުރުމަށާއި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ފުރިހަމައަށް ތާއީދު ކުރާނެ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން، އެ ސަރަޙައްދުގެ ސުލްހަޔާއި، ހަމަޖެހުމާއި، ރައްކާތެރިކަން އަލުން ޤާއިމުކުރުމަށްޓަކައި، ހަމަލާތައް ވަގުތުން ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ ސިޔާސީ އަދި ޚާރިޖީ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ގޮވާލާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އިއްޔެ އީރާނުން ވަނީ ކުވައިތު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަަމަލާތަކުގައި އެކަކު މަރުވެ، 63 މީހަކަށް އަނިޔާވެފައިވާ ކަމަށް ކުވައިތުގެ ހެލްތު މިނިސްޓްރީން ބުނެއެެވެ.
މި ހަމަލާތަކާއި ގުޅިގެން އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި އީރާނުން ބެލިސްޓިކް މިސައިލްތަކާއި ޑްރޯން ބޭނުންކޮށްގެން ދިން އަނިޔާވެރި ހަމަލާތައް ހަރުކަށި އިބާރާތުން ވަނީ ކުށްވެރި ކޮށްފައެވެ. ކުވައިތުގެ އިންޓަނޭޝަނަލް އެއާޕޯޓް ފަދަ މަދަނީ ތަންތަނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ޑިޕްލޮމެޓިކް މިޝަންތައް ހިމެނޭ ގޮތަށް މުހިންމު ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަަމަށްވެސް ބުނެފައިވެއެވެ. އަދި އީރާނުން ތަކުރާރުކޮށް ހިންގަމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ފުރިހަމަ އިހުތިޔާރު ކުވައިތަށް ލިބިގެންވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމެރިކާއިން އިސްވެ، ޞަހްޔޫނީން ރުއްސުމަށް އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ފެބުރުވަރީ 28 ގައެވެ. އެޕްރީލު 8 ގައި ދެ ފަރާތުން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފެށި ނަމަވެސް، ހަނގުރާމައިގައި އެމެރިކާއާއި ޔަހޫދީ ފައުޖުން އީރާނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 3,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
މި ހަނގުރާމައާއެކު ހުޅަނގު އޭޝިޔާ ސަރަޙައްދުގެ މަސްރަޙު ހޫނުވެ، ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރިއަށް ލޮޅުންއެރިއެވެ. ދާއިމީ ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ވޮޝިންގޓަނާއި ތެހްރާނުން ނުރަސްމީ މަޝްވަރާތައް ކުރަމުންދިޔަ ނަމަވެސް، އެންމެ ފަހުގެ ޙަމަލާ ބަދަލުކުރުންތަކާއެކު، ސުލްޙައަށް ހުރަސްއެޅުމުގެ ފުރުޞަތު ބޮޑުކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ