އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރަން އަނެއްކާވެސް އެއް މެގަވޮޓްގެ ޖަނަރޭޓަރެއް އިންސްޓޯލް ކުރަނީ!

ކަރަންޓުގެ މައްސަލަ ހައްލު ނުކުރެވި ގިނަ ދުވަސްވެފައިވާ، އައްޑޫ ސިޓީއަށް އަނެއްކާވެސް އެއް މެގަވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްފި އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަަލަ ދިމާވާން ފެށީ މިދިޔަ އަހަރުގެ މެދުތެރޭ ހިސާބުގަ އެވެ. އޭރުން ފެށިގެން މިހާތަނަށް މި މައްސަލަ ހައްލު ނުކުރެވި، ގޯސްވަމުން ދާއިރު ރޯދަ މަހުގެ އެކި ވަގުތުތަކުގައި ވެސް ކުރިޔާލައި އެންގުމަކާއި ނުލައި ކަރަންޓު ކަނޑާލާ މައްސަލައިގައި ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ.
ރޯދަ މަސް ފެށުމުގެ ކުރިޔަށް މުޅި ރާއްޖޭގެ ކަރަންޓުގެ މައްސަލަ ހައްލު ކުރެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް އައްޑޫއަށް ކަރަންޓު ދޭން ބޭނުން ކުރާ ބައެއް ޖެންސެޓުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ލޯޑު ބޮޑުވާ ގަޑިތަކުގައި، އެކި ހިސާބުތަކުން ކަރަންޓު ކަނޑާލަން ޖެހެ އެވެ.
މި މައްސަލަ ހައްލު ކުރުމަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ގެންގޮސް ބޭނުން ކުރަން ފެށި ނަމަވެސް، އޭގެ ފަހުން ވެސް ކަރަންޓު ކެނޑުމަށް އެއްވެސް ބަދަލެއް ނާދެއެވެ. އެހެންވެ އިތުރު އެހެން ޖެނެރޭޓަރެއް ގެންގޮސް އިންޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.
މީގެއިތުރުން 1.8 މެގަވޮޓްގެ އެހެން ޖަނަރޭޓަރެއް ވެސް ރާއްޖެ ގެނެސް، އައްޑުއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނި ގޮތުގައި މިހާރު އައްޑޫގައި މަރާމާތު ކުރަމުން ދަނީ 1.8 މެގަވޮޓްއާއި، 1.6 މެގަވޮޓްގެ ޖަނަރޭޓަރެކެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ކުރި މަސައްކަތްތަކުގެ މައުލޫމާތުތައް އާންމުކޮށް ފެނަކައިން ބުނި ގޮތުގައި ފަސް އިންޖީނުގެ މޭޖަރ ސާވިސްކޮށްފައިވާނެ އެވެ. އަދި ތިން އިންޖީނެއްގެ އޯވަހޯލްގެ މަސައްކަތް ކުރުމާއި އެކު، 18 އިންޖީނެއްގެ ޕްރިވެންޓިވް މެއިންޓެނެންސް މަސައްކަތް ފުރިހަމަކޮށް، އަށް އިންޖީނަކަށް ބޭނުންވާ ސްޕެއަރ ހޯދާފައިވާނެކަމަށް ވަނީ ބުނެފަ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ބަަހައްޓާފައި ވަނީ ޖުމްލަ 26.8 މެގަވޮޓްގެ 20 ޖަނަރޭޓަރު ސެޓެވެ. ކަރަންޓުގެ މައްސަލަ ދިމާވަމުން ދަނީ، ގިނަ ސެޓުތައް ހަލާކުވެފައި ހުރުމުގެ ސަބަބުންނެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގައި ފެނަކައިގެ އިހުމާލުތަކެއްވާކަމަށް ބުނެ ކުންފުނީގެ ވެރިން ހާޒިރުކޮށްދޭން އެދި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލައިގައި ވެރިން ހާޒިރު ކުރުމަށް ނިންމި ނަމަވެސް، މިހާތަނަށް ވެރިންނާއި ބައްދަލުކޮށްފައި ނުވެއެވެ.
މީގެ އިތުރުން ކަރަންޓުގެ މައްސަލަ ހައްލު ނުވާތީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ނާޒިލް ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ. އެ ހުށަހެޅުމަށް އައްޑޫގެ މެމްބަރުންގެ ތެރެއިން ވޯޓު ދެއްވީ ޕީއެންސީގެ މެމްބަރު އަޒާން އެކަންޏެވެ. އަދި ސަރުކާރުގެ އިތުރު އެއްވެސް މެމްބަރެއް ވޯޓު ދެއްވާފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ