މާލީ ވަޒީރަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމަށް އައްޔަންކުރައްވާފައިވާ، ޙަސަން ޒަރީރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު އައްޔަން ކުރައްވާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. ޤާނޫނުގައިވާގޮތުގައި ވަޒީރުންގެ މަޖިލީހަށް މެންބަރަކު އައްޔަންކުރެއްވުމަށްފަހު އެ ބޭފުޅަކަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ފޮނުއްވަންޖެހިވަޑައިގަންނަވައެވެ. ޤާނޫނީ ބާރުވެރިކަން ވަޒީރަށް ލިބިވަޑައިގަންނަވަނީ މަޖިލީހުން ވަޒީރަށް ރުހުން ދެއްވުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ، މާލީ ވަޒީރުގެ މަޤާމަށް ޒަރީރަށް ރުހުން ދިނުމަށް ފޮނުވުމާ ގުޅިގެން އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އެ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު ނިންމެވީ ޒަރީރަށް ރުހުން ދޭން ފެންނަ ކަމަށެވެ. މިގޮތަށް ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި ކޮމިޝަނަރ ކަމުގެ މަޤާމު ފުރުއްވާފައިވާ ޒަރީރު އަކީ މާލީ ދާއިރާ އަށް ގިަނ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޒަރީރު ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، އައިއައިޔޫއެމުން ބެޗްލަރ އޮފް އެކައުންޓިންގެ އިތުރުން މާސްޓަރ އޮފް ސައިންސް ފިނޭންސް ހާސިލްކުރައްވާފައެވެ.
ވަޒީރަށް ރުހުން ދެއްވުމުގެ އިތުރުން ވުޒާރާތަކުގެ ނަންތަކާއި ދާއިރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލުތައް ފާސްކުރުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިގޮތަށް ފާސްކުރީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މި ދެ މައްސަލަވެސް ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. ވަޒީރަށް ރުހުން ދޭން ފާސްކުރާނީ މަޖިލީހުގެ ހުރިހާ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ