އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސަނަދު ނުވަތަ ސެޓްފިކެޓްތަކެއް ދޫކުރި މައްސަލައެއް ތަކުރާރު ކުރުމުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެ ކޮލެޖު ޖޫރިމަނާ ކޮށްފިއެވެ.
އެމްކިއުއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީ ލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައަކާ ގުޅިގެން، މި އަހަރުގެ ކުރީކޮޅު އެ މަރުކަޒަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. ނަމަވެސް، އޭގެ ފަހުން ވެސް ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދީފައިވާކަން އެ އޮތޯރިޓީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް އެމްކިއުއޭ އިން ބުންޏެވެ.
އެހެންވެ، އެކަން ތަކުރާރު ނުކުރުމަށް އެވިޑް ކޮލެޖަށް އަންގައި، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފަޔާ އެކު، ދެވަނަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖު މިހާރު ޖޫރިމަނާކޮށްފައިވާ ކަމަށް އެމްކިއުއޭ އިން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، ޖޫރިމަނާ ކުރި ސީދާ އަދަދެއް އެ އޮތޯރިޓީގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
އެމްކިއުއޭ އިން ބުނީ އެ އޮތޯރިޓީގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެ އިން ބޭރުގައި ހިންގުމާ ބެހޭ ގަވާއިދާ ހިލާފަށް ޕްރޮގްރާމްތައް ހިންގުމަކީ މަނާ ކަމެއް ކަމަށެވެ. މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގެ ފެންވަރާ މެދު ބައިނަލްއަގުވާމީ މަސްރަހުގައި އޮންނަ އިތުބާރު ކުޑަވެ، ރާއްޖޭގެ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފެދުމުގެ ފުރުސަތު ބޮޑުވާ ކަމަށް އެ އޮތޯރިޓީން ފާހަގަކުރިއެވެ.
އެމްކިޔުއޭ އިން އެކްރެޑިޓޭޝަން ދީފައިވާ ކޯސްތަކެއް ސްރީ ލަންކާގައި ގަވާއިދާ ހިލާފަށް ހިންގި ކަން އެނގުމުން އެވިޑް ކޮލެޖަށް ފުރަތަމަ ފިޔަވަޅު އެޅީ މިދިޔަ ޖެނުއަރީ މަހުއެވެ. އެ ފަހަރު އެވިޑުން ހުއްދަ ނެތި ލަންކާގައި ކޯސްތައް ހިންގީ އެ ގައުމުގެ ”އެމަޒޯން ކޮލެޖް“ އާއި ”އަލްޒެޓް ޔުނިވާސިޓީ“ ނަމަކަށް ކިޔާ ތަނަކާ ގުޅިގެންނެވެ. ނަމަވެސް އެވިޑް ކޮލެޖުން އޭރު ބުނެފައި ވަނީ ގަވާއިދާ ހިލާފަށް އެއްވެސް ކޯހެއް ނުހިންގާ ކަމަށާއި އެމްކިއުއޭގެ އިއުލާނަކީ އެވިޑު ކޮލެޖުގެ ނަން ކިލަނބުކުރުން ކަމަށެވެ.
އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ކުރިން ނުވަތަ ހިންގުމުގެ ކުރިން، އެއީ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ޕްރޮގްރާމެއްކަން ވެބްސައިޓް މެދުވެރިކޮށް ކަށަވަރުކުރުމަށް އެމްކިއުއޭ އިން ވަނީ އާންމުންނަށާއި ތައުލީމީ މަރުކަޒުތަކަށް އިލްތިމާސްކޮށްފައެވެ.
އެވިޑް ކޮލެޖުގައި ރަޖިސްޓަރީ ނުކުރާ ބަޔަކަށް އަނެއްކާވެސް ސެޓްފިކެޓުތަކެއް ދޫކޮށްގެން ޖޫރިމަނާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ