އެއާ އިންޑިއާގެ ފްލައިޓް 171 ވެއްޓުނުތާ އަހަރެއް: ސަބަބާމެދު އަދިވެސް ބޮޑެތި ސުވާލުތަކެއް

އިންޑިއާގެ އަހުމަދުއާބާދުގެ ސާދާރު ވަލަބްބާއީ ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން އިނގިރޭސިވިލާތުގެ ލަންޑަންގެ ގެޓްވިކް އެއާޕޯޓަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓް 171 ވެއްޓުނުތާ މިއަދަށް މިވަނީ އެއް އަހަރު ފުރިފައެވެ. މިދިޔަ އަހަރުގެ ޖޫން 12 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި، ބޯޓުން ދަތުރުކުރި 242 މީހުންގެ ތެރެއިން 241 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 169 އިންޑިއާ ރައްޔިތުންނާއި، 53 އިނގިރޭސިވިލާތުގެ ރައްޔިތުންނާއި، 10 ކެބިން ކުރޫއިންނާއި ދެ ޕައިލެޓުން ހިމެނެއެވެ. ބޯޓު ރަންވޭއިން ނައްޓާލައި، ގާތްގަނޑަކަށް 625 ފޫޓުގެ އުސްމިނަށް އެރުމަށްފަހު، ކުއްލިއަކަށް ތިރިވާން ފެށިއެވެ. އަދި އެންމެ 32 ސިކުންތުގެ ތެރޭގައި ބޯޓު ވަނީ ބީޖޭ މެޑިކަލް ކޮލެޖުގެ ހޮސްޓެލް އިމާރާތްތަކުގެ މައްޗަށް ވެއްޓި، ބޮޑު އަލިފާންގަނޑެއް ރޯވެފައެވެ. މި ހާދިސާގައި ބޯޓު ވެއްޓުނު ސަރަހައްދުގައި ތިބި އިތުރު 19 މީހަކުވެސް ވަނީ މަރުވެފައެވެ. މިއާއެކު މި ހާދިސާގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 260 އަށް އަރާފައެވެ. މި އަލިފާންގަނޑުގެ ހޫނުމިން 1،500 ޑިގްރީ ސެލްސިއަސްއަށް އަރާފައިވުމުން، މަރުވި މީހުންގެ ހަށިގަނޑުތައް ދެނެގަތުމަށް ޑީއެންއޭ ޓެސްޓުތައް ހަދަން ޖެހުނެވެ. https://www.sun.mv/208585 މި ހާދިސާއިން ސަލާމަތްވި ހަމައެކަނި މީހަކީ އިނގިރޭސިވިލާތުގެ ލެސްޓާއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ވިޝްވާޝް ކުމާރު ރަމޭޝްއެވެ. ބޯޓު ވެއްޓެން މެދުވެރިވި ސަބަބާމެދު މިއަދާ ހަމައަށްވެސް ވަނީ ގޮތެއް ނުނިމިއެވެ. ބައެއް ފަރާތްތަކުން މިއީ ޕައިލެޓު ގަސްދުގައި ކުރި ކަމެއް ކަމަށް ތުހުމަތުކުރާއިރު، އަނެއްބައި ފަރާތްތަކުން ބުނަނީ މިއީ ބޮއިން 787-8 ޑްރީމްލައިނާ މަތިންދާބޯޓުގެ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހިނގި ކަމެއް ކަމަށެވެ. މި ދެބަސްވުންތަކުގެ ތެރޭގައި، ހާދިސާގެ ހަގީގަތް ހޯދުމަށް ކުރިއަށްދާ ތަހުގީގަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. މި ހާދިސާ ތަހުގީގުކުރަމުންދާ އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން ހާދިސާ ހިނގިތާ މަހެއްހާ ދުވަސް ފަހުން 12 ޖުލައި 2025 ގައި ނެރުނު 15 ސަފުހާގެ އިބްތިދާއީ ރިޕޯޓުގައި ވަނީ ބޮޑެތި މައްސަލަތަކެއް ފެންމަތިކޮށްފައެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބޯޓު ނައްޓާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އިންޖީނަށް ތެޔޮ ފޯރުކޮށްދޭ ދެ ސްވިޗު ވަނީ ނިއްވާލާފައެވެ. މީގެ ސަބަބުން އިންޖީނުތަކަށް ތެޔޮ ނުލިބި، ބޯޓުގެ ދުވެލި ވަގުތުން ދަށްވި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ކޮކްޕިޓް ވޮއިސް ރެކޯޑިންއިން އިވޭ ގޮތުގައި، އެއް ޕައިލެޓަކު އަނެއް ޕައިލެޓާ ސުވާލުކުރުމުން، އޭނާ އެ ސްވިޗުތައް ނުނިއްވާ ކަމަށް ބުނެފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. މިކަމާ ގުޅިގެން، ބޯޓުގެ ކެޕްޓަން އުމުރުން 56 އަހަރުގެ ސުމީތު ސަބަރްވާލް ނުވަތަ ފަސްޓް އޮފިސާ އުމުރުން 32 އަހަރުގެ ކްލައިވް ކުންދާ ގަސްދުގައި ބޯޓު ވައްޓާލީ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރަން ފެށިއެވެ. ކެޕްޓަން ސަބަރްވާލްއަކީ 15،638 ގަޑިއިރުގެ އުދުހުމުގެ ތަޖުރިބާ ހުރި، އޭގެ ތެރެއިން 8،596 ގަޑިއިރު ބޮއިން 787 ގައި ހޭދަކޮށްފައިވާ ތަޖުރިބާކާރު ޕައިލެޓެކެވެ. އޭނާގެ ކޯ-ޕައިލެޓް ކްލައިވް ކުންދަރއަކީ 3،403 ގަޑިއިރުގެ ތަޖުރިބާ ހުރި، އަދި ބޮއިން 787 ގައި 1،128 ގަޑިއިރު ހޭދަކޮށްފައިވާ ޒުވާން ޕައިލެޓެކެވެ. މި ތުހުމަތުތަކާ ގުޅިގެން އިންޑިއާގެ 6،000 އެއްހާ ޕައިލެޓުން ތަމްސީލުކުރާ ޖަމިއްޔާ، ފެޑެރޭޝަން އޮފް އިންޑިއަން ޕައިލެޓްސް (އެފްއައިޕީ) އިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާގެ ރައީސް ކެޕްޓަން ސީއެސް ރަންދާވާ ވިދާޅުވި ގޮތުގައި، ޕައިލެޓަކު މަރުވުމުން އޭނާގެ ބޮލުގައި އިލްޒާމު އެޅުވުމަކީ މަތިންދާބޯޓު އުފައްދާ ކުންފުނިތައް ސަލާމަތްކުރުމަށް އާންމުކޮށް ކުރާ ކަމެކެވެ. އަދި ކެޕްޓަން ސަބަރްވާލްގެ އުމުރުން 91 އަހަރުގެ ބައްޕަ ޕުޝްކަރް ރާޖް ސަބަރްވާލް ވަނީ މި ތުހުމަތުތައް ދޮގުކޮށް، އިންޑިއާގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައި މިނިވަން ތަހުގީގަކަށް ގޮވާލާފައެވެ. އިނގިރޭސިވިލާތުގެ ކުރީގެ އެއާ އެކްސިޑެންޓް އިންވެސްޓިގޭޓާ ޓިމް އެޓްކިންސަން, ބީބީސީއަށް ވިދާޅުވި ގޮތުގައި، މަރުވެފައިވާ ޕައިލެޓެއްގެ ބޮލުގައި އިލްޒާމު އެޅުވުމަކީ ކުންފުނިތަކަށާއި ރެގިއުލޭޓަރުންނަށް ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް އޭނާ ގަބޫލުކުރައްވާ ގޮތުގައި މި ހާދިސާއަކީ ގަސްދުގައި ކޮށްފައިވާ ކަމެކެވެ. ސަލާމަތީ ކަންކަމާ ގުޅޭ ތަޖުރިބާކާރުންނާއި ޕައިލެޓުންގެ ހައްގުތަކުގައި ވަކާލާތުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ޕައިލެޓުގެ އަމަލަކަށްވުރެ ބޮޑަށް ބޯޓުގެ ކަރަންޓު ނިޒާމަށް ދިމާވި ބޮޑު މައްސަލައެއްގެ ސަބަބުން ހިނގި ކަމެއް ކަމަށް ބެލެވެއެވެ. މަތިންދާބޯޓުގެ ޓެކްނިކަލް މައްސަލައެއް ކަމަށް ވަކާލާތުކުރާ ފަރާތްތަކުން އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަމަކީ، ބޯޓު ނައްޓާލި ވަގުތު ކަރަންޓު ނިޒާމަށް ދިމާވި މައްސަލައެއްގެ ސަބަބުން މައި ކޮމްޕިއުޓަރުތައް ރީބޫޓްވުމެވެ. މި ނަޒަރިއްޔާތަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ކޮމްޕިއުޓަރުތައް ރީބޫޓްވުމުން، ބޯޓު އޮތީ ވައިގެ ތެރޭގައި ކަމެއް ނުވަތަ ބިމުގައި ކަމެއް ސިސްޓަމްތަކަށް އޮޅުނެވެ. އަދި އިންޖީނުގެ ބާރު މާ ބޮޑަށް ގަދަވެފައިވާ ކަމަށް ސިސްޓަމަށް ހީވެ، އޮޓޮމެޓިކުން ތެޔޮ ފޯރުކޮށްދިނުން ކަނޑާލީ ކަމަށް އެ ފަރާތްތަކުން ލަފާކުރެއެވެ. މި ހާލަތުގައި، ކޮކްޕިޓުގައި ހުރި ސްވިޗުތަކުގައި ޕައިލެޓުން އަތްނުލި ނަމަވެސް، ފްލައިޓް ޑޭޓާ ރެކޯޑަރަށް އަރާނީ ސިސްޓަމުން އަމިއްލައަށް ކުރި ކޮމާންޑު ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. އިންޑިއާގެ ތަހުގީގީ ނޫސްވެރިޔާ ރޭޗަލް ޗިތްރާ ވަނީ އިބްތިދާއީ ރިޕޯޓުގައި ހުރި ފުށުއަރާ ކަންތައްތަކެއް ފާހަގަކޮށްފައެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުން ތެޔޮ ކަނޑާލުމަށްފަހު އަލުން އިންޖީނުތައް ސްޓާޓްކުރަން މަސައްކަތްކުރިއެވެ. ނަމަވެސް ޗިތްރާ ބުނި ގޮތުގައި، ބޯޓު އޮތް ސްޕީޑާއި ހުރި ކަރަންޓުގެ ބާރުމިނަށް ބަލާއިރު އެއީ ފިޒިކަލް ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. މީގެ އިތުރުން، ބޯޓުގެ ކުއްލި ހާލަތުގައި ބޭނުންކުރާ ކަރަންޓު ނިޒާމު ކަމަށްވާ ރޭމް އެއާ ޓާބައިން (ރެޓް) ނުކުމެފައިވާ ވަގުތާ މެދުވެސް ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. އޭއޭއައިބީގެ އިބްތިދާއީ ރިޕޯޓުގައި ބުނާ ގޮތުން، ތެޔޮ ކަނޑާލިތާ ފަސް ސިކުންތުގެ ތެރޭގައި ރެޓް އިން ދިޔައީ ހައިޑްރޯލިކް ޕަވާ ފޯރުކޮށްދެމުންނެވެ. ނަމަވެސް، ސިމިއުލޭޓާ ޓެސްޓުތަކުން ދައްކާ ގޮތުގައި ރެޓް ނުކުމެ މަސައްކަތް ފެށުމަށް 14 އާއި 18 ސިކުންތާ ދެމެދުގެ ވަގުތެއް ނަގާނެއެވެ. މީގެ މާނައަކީ، ތެޔޮ ކަނޑާލުމުގެ މާ ކުރިން، ފަހަރެއްގައި ބޯޓު ބިމުގައި އޮއްވައި ރެޓް ނުކުމެފައިވުމެވެ. https://www.sun.mv/211475 މަރުވި 135 މީހެއްގެ އާއިލާތަކުގެ ފަރާތުން ވަކާލާތުކުރާ ބީޒްލީ އެލެން ލޯ ފާމްގެ ވަކީލު މައިކް އެންޑްރޫސް ވިދާޅުވި ގޮތުގައި، ރެޓް ނުކުތުމަކީ ބޯޓުގައި އެހެން ބޮޑު މައްސަލައެއް އުޅޭ ކަމުގެ އަލާމާތެކެވެ. އަދި ތެޔޮ ކަނޑާލުމުގެ ކުރިން ރެޓް ނުކުމެފައިވާނަމަ، އެކަން އެހެން ދިމާވީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އެމެރިކާގެ ފައުންޑޭޝަން ފޯ އޭވިއޭޝަން ސޭފްޓީގެ އިސްވެރިޔާ އަދި ބޮއިން ކުންފުނީގެ ކުރީގެ މެނޭޖަރެއް ކަމަށްވާ އެޑް ޕިއާސަން ވިދާޅުވި ގޮތުގައި، 2014 ވަނަ އަހަރު އެއާ އިންޑިއާއާ ހަވާލުކުރި ވީޓީ-އޭއެންބީ ބޯޓުގައި ކުރިންވެސް ކަރަންޓުގެ ބޮޑެތި މައްސަލަތަކެއް ހުއްޓެވެ. އަދި ބޯޓުގެ ކޯ ނެޓްވޯކްގައި މައްސަލައެއް އުޅޭކަން އެނގިހުރެ އުދުހުމުގެ ހުއްދަ ދީފައިވާކަން އިބްތިދާއީ ރިޕޯޓުންވެސް ހާމަވެއެވެ. ނަމަވެސް އެއާ އިންޑިއާއިން ވަނީ މިކަން ދޮގުކޮށް، މަރާމާތުތައް ކޮށްފައިވަނީ ބޮއިންގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބުނެފައެވެ. މި ހާދިސާގެ ތަހުގީގު ކުރިއަށްދާ ގޮތާމެދު ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރިއިރު، މިއީ ބޮއިން ކުންފުންޏާއި އެއާ އިންޑިއާގެ އަގު ވެއްޓިދާނެ ފަދަ ކަމަކަށް ވުމުން، ކުންފުނިތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ. ބޮއިން 787 ޑްރީމްލައިނާ އަކީ އާންމުގޮތެއްގައި ސަލާމަތީ ރެކޯޑު ރަނގަޅު ބޯޓަކަށް ވީނަމަވެސް، ބޮއިން ކުންފުނިން އުފައްދާ އެހެން ބޯޓުތައް ކަމަށްވާ 737 މެކްސްގެ ސަލާމަތީ މައްސަލަތަކާ ގުޅިގެން އެ ކުންފުންޏަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މިއީ 787 މަރުކާގެ ބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރެވެ. ހަމައެހެންމެ، 2022 ވަނަ އަހަރު ޓާޓާ ގްރޫޕުން އެއާ އިންޑިއާ ގަތުމަށްފަހު ކުންފުނީގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، މިފަދަ ހާދިސާއެއްގެ ޒިންމާ ނަގަން ޖެހުމަކީ އެ ކުންފުންޏަށްވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. މި ތަހުގީގުގައި އިންޑިއާގެ އޭއޭއައިބީގެ އިތުރުން، އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) އާއި، ބޯޓު އުފެއްދި ބޮއިން ކުންފުންޏާއި، އިންޖީނު އުފެއްދި ޖީއީ އޭރޯސްޕޭސް އަދި އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) ގެ މަންދޫބުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެއާ އިންޑިއާ މަތިންދާ ބޯޓު ވެއްޓި، ގޮވުމުގެ ސިކުންތުކޮޅެއް ކުރިންނާއި، ވެއްޓި ގޮވި މަންޒަރު -- ބައިނަލްއަގުވާމީ ގާނޫނުތައް އޮންނަ ގޮތުން، މަތިންދާބޯޓެއް ވެއްޓޭ ހާދިސާތައް ތަހުގީގުކުރުމުގެ މައިގަނޑު ޒިންމާ އޮންނަނީ ހާދިސާ ހިނގާ ގައުމަކަށެވެ. ނަމަވެސް، މި ނިޒާމުގެ ސަބަބުން ސިޔާސީ ނުފޫޒާއި ކުންފުނިތަކުގެ ނުފޫޒު ތަހުގީގަށް ފޯރުމުގެ ފުރުސަތު ބޮޑު ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. ފައުންޑޭޝަން ފޯ އޭވިއޭޝަން ސޭފްޓީން ބުނާ ގޮތުގައި، ބޯޓު އުފައްދާ ކުންފުނިތަކުގެ ޓެކްނިކަލް މާހިރުން ތަހުގީގުގައި ބައިވެރިވާއިރު، ކުންފުނީގެ ދިފާއުގައި މަސައްކަތްކުރުމަށް އެ ފަރާތްތަކަށް ބޮޑެތި ޕްރެޝަރުތަކާ ކުރިމަތިލާންޖެހެއެވެ. ސަލާމަތީ ކަންކަމާ ގުޅޭ ކޮންސަލްޓަންޓް އެކްހާޑް ޔާން ވިދާޅުވި ގޮތުގައި، މިހާރު އޮތް ތަހުގީގުކުރުމުގެ ނިޒާމަކީ 1944 ވަނަ އަހަރު އެކުލަވާލާފައިވާ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށް ވުމުން، މިޒަމާނުގެ ގްލޯބަލައިޒްޑް ދުނިޔޭގައި މިނިވަންކަމާއެކު ތަހުގީގުތައް ކުރިއަށްގެންދިއުމަށް ގައުމީ އިދާރާތަކަށް ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިންވެސް ވަނީ މިކަން ފާހަގަކޮށް، ތަހުގީގުތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި 2028 ވަނަ އަހަރުގެ ފަހުކޮޅު އަމަލުކުރަން ފަށާ ގޮތަށް އެނެކްސް 13 އަށް ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކުގެ ތެރޭގައި ތަހުގީގުތައް ތިންވަނަ ފަރާތަކާ ހަވާލުކުރުމުގެ އިރުޝާދުތައް ހިމެނެއެވެ. އެއާ އިންޑިއާގެ ފްލައިޓް 171 ވެއްޓުނު ހާދިސާގެ ފައިނަލް ރިޕޯޓު ނެރުމަށް ކަނޑައެޅިފައިވާ އެއް އަހަރު ދުވަހުގެ މުއްދަތު މިއަދަށް ހަމަވާއިރު، އަދިވެސް އެ ރިޕޯޓު އާންމުކޮށްފައެއް ނުވެއެވެ. އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު މިދިޔަ މަހު ވިދާޅުވި ގޮތުގައި، ތަހުގީގު އޮތީ އެންމެ ފަހުގެ މަރުހަލާގައެވެ. އަދި އިންޖީނުތަކުގެ ތަހުލީލުތައް ނިންމުމަށްފަހު ފައިނަލް ރިޕޯޓު ނެރުމަށް އިތުރު މަހެއްހާ ދުވަސް ނަގާނެ ކަމަށް ވަނީ ލަފާކުރައްވާފައެވެ. ކޮންމެ ގޮތަކަށް ރިޕޯޓު ނެރުނު ކަމުގައިވިޔަސް، މި ހާދިސާއާ ގުޅިގެން އުފެދިފައިވާ ޝައްކުތަކާއި ދެބަސްވުންތަކަށް ނިމުމެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. މަރުވި މީހުންގެ އާއިލާތަކުން އަދިވެސް ތިބީ އެ މީހުންގެ ލޯބިވާ އާއިލާގެ މެންބަރުންނަށް ވީގޮތުގެ ހަގީގަތް އެނގޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. މި ހާދިސާއިން ސަލާމަތްވި ހަމައެކަނި މީހާ ކަމަށްވާ ވިޝްވާޝް ކުމާރު ރަމޭޝް ބުނި ގޮތުގައި، އޭނާގެ ބޭބެ އަޖޭ މަރުވުމުގެ ހިތާމައިގައި އޭނާ ދަނީ އަދިވެސް ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލުކުރަމުންނެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، އާއިލާތަކަށް ބޭނުންވަނީ ތެދުވެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި ކަން ހިނގާދިޔަ ގޮތުގެ ޖަވާބުތަކެވެ. މި ހާދިސާއާ ގުޅިގެން އެއާ އިންޑިއާ އަދި ބޮއިން ކުންފުންޏާ ދެކޮޅަށް އެމެރިކާ އަދި އިނގިރޭސިވިލާތުގެ ކޯޓުތަކުގައި ދަނީ ގިނަ ދައުވާތަކެއް ކުރިއަށް ގެންދަމުންނެވެ. މަރުވި މީހުންގެ އާއިލާތަކުން ބުނާ ގޮތުގައި، ކުންފުނިތަކުން މަސައްކަތްކުރަނީ ބަދަލު ދިނުމުގެ ކަންކަން ލަސްކޮށް، ހަގީގަތް ފޮރުވުމަށެވެ. މައްސަލައިގެ ފައިނަލް ރިޕޯޓު ނެރުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު މަސައްކަތްކުރަމުންދާއިރު، އެ ރިޕޯޓު އާންމުކުރާނެ ވަކި ތާރީޚެއް އަދިވެސް ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ